މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

b_FGZWe5HZpIECBP395pHXRgg3Z.jpg

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ކުދިންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާނު ކޮށްފައިވަނީ މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މި ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން މިއަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މަތީ ތައުލީމު ހާސިލް ކުރެވޭނެ ކަމަށެވެ. އެގޮތުން ޖުމްލަ 770 ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“770 ސްލޮޓު މި އިއުލާނު ކުރަނީ. އޭގެ ތެރޭގައި 471 ސްލޮޓު މިވަނީ މިހާރު ކިޔަވާ ދަރިވަރުންނށް ހާއްސަ ކޮށްފައި. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ސްލޮޓު އަޅުގަނޑުމެން ރިޒާވް ކޮށްފައިވާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި ފުރުސަތު ތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާޗު ހަތަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މި ފުރުސަތުތައް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މަތީ ތައުލީމު ހާސިލްކޮށްގެން އައިސް ދަރިވަރުން ގައުމަށާއި ގައުމުގެ އިގްތިސޯދަށް ފައިދާހުރި ރޮނގުތަކުން ހިދުމަތްކުރުން. މިފަހަރުގެ ލޯން ސްކީމްގައި ހިމެނޭ އެންމެ ހާއްސަ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަހަރުގެ ލޯން ސްކީމްގައި ޖާގަ ހަމަޖައްސާފައިވުން.” އޭނާ ވިދާޅުވި އެވެ.

ޑރ. ހަސަން ވިދާޅުވީ މިއަހަރު ލޯން ސްކީމްގައި ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުން ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ދަރިވަރުން އުޅޭ ތަންތަނުގެ ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލަށް ކުރަމުން އަންނަ ހަރަދުތައް ކުރުމަށް މި ލޯނު ސްކީމުން ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކިޔެވެން ހުރި ދާއިރާތަކުން ރާއްޖެ އިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލޯނު ސްކީމުގެ ދަށުން ނުދޭ ކަމަށާ ނަމަވެސް ބައެއް ދާއިރާތަކަށް އެގްޒެމްޝަން ތަކެއް ގެންގުޅޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެމްބީބީއެސް އަދި ޕައިލޮޓްކަން ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ހާއްސަކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ކުދިންނަށް 10 ޖާގައާއި މިހާރު ކިޔަވަމުން އަންނަ ކުދީންނަށް 10 ޖާގަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ހަސަން އިތުރަށް ވިދާޅުވީ މިއަހަރު ފުލް ފަންޑިން ގައުމުތައް އިތުރުކޮށްފައިވާނެ ކަމަށެވެ. މީގެތެރެއިން ދަރިވަރުން ބޭނުން ގައުމަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ފުލް ފަންޑިން ނުލިބޭ ގައުމުތަކަށް ދާނަމަ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރުން އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ލޯނު ސްކީމުގައި ހިމެނޭ އޯޕަން ކެޓަގަރީ މިއަހަރުގެ ސްކީމުގައި ނުހިމެނޭނެ ކަމަށާއި މިއަހަރު އިސްކަން ދެނީ ސަރުކާރުން ހަދާފައިވާ ޓްރެއިނިން ނީޑް އެނަލިސިސް އަށް ބަލައި ރާއްޖެެ އަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިިނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރުގެ ލޯން ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އަދި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top