އޭދަފުށީ ބަނދަރު ސަރަހައްދުގައި ޕާކެއް ހަދަން ޒުވާނުންގެ ކްލަބާ ބިން ހަވާލުކޮށްފި

ޕާކް ހެދުމަށް ޒުވާނުންގެ ކްލަބަށް ދިން ބިމުގައި ކަންމުޑި އެޅުމުގެ މަސައްކަތް ޒުވާނުންގެ ކްލަބާ، އޭދަފުށީ ކައުންސިލުން ކުރަނީ / އީވީ ފޮޓޯ

ޕާކް ހެދުމަށް ޒުވާނުންގެ ކްލަބަށް ދިން ބިމުގައި ކަންމުޑި އެޅުމުގެ މަސައްކަތް ޒުވާނުންގެ ކްލަބާ، އޭދަފުށީ ކައުންސިލުން ކުރަނީ / އީވީ ފޮޓޯ

ބ. އޭދަފުށީ ދިގަލި ގެއާދިމާ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ޕާކެއް ތަރައްޤިކުރުމަށް އޭދަފުށީ ޒުވާނުންގެ ކްލަބަށް، އޭދަފުށީ ކައުންސިލުން ބިންދޫކޮށްފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ކައުންސިލާ ޒުވާނުންގެ ކްލަބާއެކު އެސަރަހައްދުގެ ބިންވަކިކޮށް ވަނީ ކަންމުޑިވެސް އަޅާފައެވެ. ކަންމުޑިއެޅުމުގެ މަސައްކަތުގައި އޭދަފުށީ ކައުންސިލްގެ ފަރާތުން ބައިވެރިވި އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ ޒުވާނުންގެ ކްލަބަށް ބިންދޫކުރީ ޕާކް ތަރައްގިިީކޮށް ނިންމައި ކައުންސިލާ ޕާކް ހަވާލުކުރާގޮތަށް ކަމަށެވެ. އަދި މިއީ ޒުވާނުންގެ ކްލަބުގެ އެދުމަކަށް އެކްލަބުން އިސްނަގައިގެން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށާ، ކައުންސިލުން މިކަމަށް މަރުހަބާ ދަންނަވާކަމަށެވެ.

“އެކްލަބުން އެދުނީ އެމީހުންގެ އަމިއްލަ ހަރަދުގައި ޕާކެއް ތަރައްޤީކުރަން، ކުޑަކުދިންގެ ޕާކެއް ނޫން، ބޮޑެތިމީހުންނާވެސް ގުޅޭ، ކުޑަކުދިންނާވެސް ގުޅޭ ބައިތައް ހިމެނޭ ސިޓީ ޕާކެއްކަހަލަ ތަނެއް. ޕާކް ނިންމައި ކައުންސިލާ ހަވާލުކުރާގޮތަށް ބިންދިނީ. ޕާކް މެނޭޖްކޮށް ބަލަހައްޓާނީ ކައުންސިލުން” ރިޒާ ވިދާޅުވިއެވެ.

ޒުވާނުން ކްލަބްގެ ފަރާތުން ވާހަކަދެއްކި މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މިޕާކަކީ އެކިފަރާތްތަކުގެ އެހީއާއެކު އެކްލަބުން އޭދަފުށީގެ އަދި އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްކަމަށާ، ޕާކްގެ މަސައްކަތް މިމަހު ފަށައި ވަރަށް އަވަހަށް ނިންމާނޭކަމަށެވެ. އަދި މިޕްރޮޖެކްޓަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭކަމަށްވެސް އޭނާ ބުންޏެވެ.

“އޭދަފުށީގެ ކުދިބޮޑު އެންމެންނަށް ހާއްސަ ޕާކެއްމީ. އާންމުގޮތެއްގައި އަތޮޅުގެ އެންމެހާ ރައްޔިތުންނަށް. ދެމަސްތެރޭ މުޅިން މަސައްކަތް ނިންމާލެވޭނެހެން ހީވަނީ. ޕާކްގައި ބަހައްޓާ ސާމާނުތައް މިހާރު ރާއްޖެއިން ބޭރުން އައުމުގެ މަގުމަތީގައި އެހުރީ” ބައްޓޭ ބުންޏެވެ.

2007 ވަނަ އަހަރު އުފެދުނު ޒުވާނުންގެ ކްލަބަކީ މިދިޔަ 10 އަހަރު ތެރޭގައި އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުލަބެކެވެ. އެގޮތުން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ އަހަރަކު އަޟްހާ އީދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top