އެތައް އަހަރެއް ވަންދެން ދަރިން ސްކޫލް ނުފޮނުވުމާއި، ދަރިއެއްގެ ކައިވެނި އަމިއްލައަށް ކޮށްދިން ބައްޕައަކު އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފެންމަތިވި އެ މައްސަލައާ ގުޅިގެން، ތިން ދަރިންގެ މި ބައްޕަގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއްދައުވާ އަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެކެވެ. އެދައުވާ އުފުލީ މައްސަލަ ފެންމަތިވިއިރު އުމުރުން 17 އަހަރުގެ ދަރިފުޅާއި، 16 އަހަރުގެ ދަރިފުޅާއި 12 އަހަރުގެ ދަރިފުޅު ސްކޫލަށް ނުފޮނުވައި އެތައް އަހަރެއް ހޭދަކޮށްފައި ވާތީއެވެ.
ތަހުގީގުން އެނގުނު ގޮތުގައި އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވީ ގްރޭޑް ތިނަކާ ހަމައަށެވެ. އަދި އުމުރުން 16 އަހަރުގެ ކުއްޖާ ފޮނުވީ ގްރޭޑް އެކަކާ ހަމައަށެވެ. ދެން ހުރި އުމުރުން 12 އަހަރުގެ ކުއްޖާ ފޮނުވީ ޔޫކޭޖީއާ ހަމައަށެވެ. އަދި 20 އަހަރުގެ ކުއްޖަކު ވެސް އެ މައްސަލަ ފެންމަތިވިއިރު އޭނާގެ ހުއްޓެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާ ކިޔަވަން ފޮނުވީ ގްރޭޑް ފަހަކާ ހަމައަށެވެ.
މިމައްސަލައިގައި ކުދިންގެ މަންމަގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.
އަހްމަދު ނިޔާޒްގެ މައްޗަށް ދެން އުފުލީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނެތި ކުރުމުގެ ދައުވާއެވެ. އެއީ ކައިވެނި ކޮށްދިނުމުގެ ހުއްދަ ނެތި 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު، އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި ކޮށްދީފައި ވާތީއެވެ.
ދަރިފުޅުގެ ކައިވެނި އަމިއްލަ އަށް ކޮށްދިނީ އެއީ ދީނީ ގޮތުން އެކަން ކުރެވޭނެތީ ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ބުނާ ދަލީލެއް ފެންނަން ނެތް ކަމަށް ކޯޓުގައި އޭނާ ބުނެފައި ވެއެވެ.
ދަރިން ސްކޫލަށް ނުފޮނުވި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ގާޒީ ނިންމެވީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ އެއް އަހަރަށް ޖަލަށްލުމެވެ.
އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނަސް، ގާޒީ ނަދީމް ހުކުމުގައި ވިދާޅުވީ، އެ މީހާގެ އެ އަމަލުގެ ސަބަބުން “ގެއްލިގެންދިޔަ ދަރިންގެ މުސްތަގްބަލާއި ތައުލީމާއި ތަރުބިއްޔަތަކީ އަނބުރާ ހޯދައިގަނެވޭނެ ކަމެއް ނޫން” ކަމަށެވެ. އަދި ޖޫރިމަނާއަކަށް އަދަބު ބަދަލު ނުކުރަން ގާޒީ ނިންމެވި އެވެ.
ހުއްދަ ނެތި ކައިވެނިކޮށް ދިނުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ ތިން މަހާއި 20 ދުވަހެވެ.