ފާހަގަ ކުރެވިފައިނެތް ނަމޫނާ މަސައްކަތްތެރިޔާ

އަލީ ނަސީރު އީވީއަށް މައުލޫމާތު ދެއްވަނީ /ފޮޓޯ އީވީ ޓީމް

އަލީ ނަސީރު އީވީއަށް މައުލޫމާތު ދެއްވަނީ /ފޮޓޯ އީވީ ޓީމް

ޖަވާހިރު ނޭގޭ މީހަކަށް އޭގެ އަގެއް ނޭގޭނެއެވެ. ޖަވާހިރު ދަންނަ މީހުންނަށް ހަމަ ފެންނައިރަށް އޭގެ އަގު ދެނެގަނެވެއެވެ.

އަޅުގަނޑުމެންގެ މުޖްތަމައުގައިވެސް މިފަދަ “ޖަވާހިރުން ” އުޅެއެވެ. އުދަނގޫވަނީ އެކަހަލަ މީހުން ދެނެގަތުމަށެވެ. އެމީހުންގެ އަގު ވަޒަން ކުރުމަށެވެ.

އޭދަފުށީ، މާއްޑޫގޭ އަލީ ނަސީރުއަކީ ގެއްލިފައި ހުރި ޖަވާހިރެކެވެ. އެކަން އެނގޭ މީހުން ގިނަވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. ބައެއް މީހުންނަށް އޭނާ ފެންނާނީ ނިކަން އާދައިގެ ގޮތަކަށް ދިރިއުޅޭ އާދައިގެ މީހެއްގެ ގޮތުގައެވެ. އަނެއް ބަޔަކު އޭނާ ސިފަ ކުރާނީ އަޚްލާގު ރަނގަޅު މަޑުމައިތިރި ބަސްމަދު މީހެއްގެ ގޮތުގައެވެ.  އަނެއް ބަޔަކަށް އޭނާ ދަސްވެފައި އޮންނާނީ ފެނަކައިގެ ވަޒީފާގަ އުޅޭ މީހެއްގެ ގޮތުގައެވެ.

އެ މީހުންނަށް އެފެންނަނީ ބޭރު ފުށުން ފެންނަ އަލީނަސީރުގެ ސިފަ އެވެ. އޭނާގެ އެތެރޭގައިވާ އަލީ ނަސީރުއަކީ މުޅިން އެހެން މީހެކެެވެ. ބޭރު ތޮށިގަނޑު ފަޅާލާފައި ބަލާލާއިރު ފެންނާނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. ހަގީގަތުގައިވެސް އޭދަފުށީގެ މުޖްތަމައުން ފާހަގަ ކުރެވޭ ގިނަ މަސައްކަތް ދަންނަ ގިނަ ތަޖްރިބާވެސް ލިބިފައިވާ ވަރަށް ޚިދުމަތްތެރި ޖަވާހިރެއްގެ ގޮތުގައެވެ.

އަލީނަސީރުގެ ތޮށިގަނޑު ފަޅާލާފައި އަސްލު އަލީނަސީރަށް ފުންކޮށް ބަލާލަމާ ހިނގާށެވެ.

1969 ވަނަ އަހަރު އުފަންވީ އަލީނަސީރުގެ އިބްތިދާއީ ތައުލީމާއި މެދުމަދަރުސީ ތައުލީމު ހާސިލް ކުރީ އޭދަފުށި ބަހިއްޔާ ސްކޫލުންނެވެ. ތައުލީމީ ހަޔާތް އެހިސާބުން ނިންމާލުމަށް ފަހު އޭނާ ބޭނުންވީ ވަޒީފާއެއް އަދާކުރުމަށެވެ. އެގޮތުން ފުރަތަމަ ވަޒީފާ އަދާކުރީ  ނޭޝަނަލް ސެކިއުރިޓީ ސަރވިސް (މިހާރުގެ އެމްއެންޑީއެފް )ގައި 1995ގައެވެ.

ސިފައިންގެ ނުވަތަ އެމްއެންޑީއެފްގައި ދިރިއުޅުމަށް ފަށައިގަތުމުގެ ފުރަތަމަ ފިޔަވަޅު އަޅަން ލިބޭ ކޮންމެ މީހަކީވެސް ނަސީބުވެރިއެކެވެ. ދިރިއުޅުމަކީ ކޯއްޗެއްކަމާ ދިރި އުޅުމުގައި ދިމާވާ ގޮންޖެހުންތަކުން ދިފާއުވާނޭ ގޮތާއި ދުރޫސުލް އަޚްލާޤު ގެ ތައުލީމު އެންމެ ރަނގަޅަށް ލިބޭނެ މަދަރުސާ އަކީ އެއީއެވެ. އެތަނުން ދަސްކޮށްދޭނީ ވަގުތުގެ އަގެވެ. އެތަނުން އުނގަންނައިދޭނީ އިހްތިރާމް ހޯދުމާއި އިހްތިރާމް ލިބިގަންނާނޭ ގޮތެވެ. އެތަނުން ތަރުބިއްޔަތު ކޮސްދޭނީ ފުރިހަމަ އަދި ކާމިޔާބު ފިރިހެނަކަށް ވެވޭނެ ގޮތެވެ. ކުރުކޮށް ބުނާނަމަ އެ މަދަރުސާއިން ފާސްވެގެން ދުނިޔެ އުޅެން ނުކުންނާމީހާ އެހެރީ ދިރިއުޅުމުގެ އިމްތިހާނުން އެޭ ރިޕޯޓެއް ހޯދާފައެވެ. އެހެންވީމާ އަލީނަސީރު ވެގެންދާނީ މި މަދަރުސާއިން ފާސްވެފައިވާ ދަރިވަރަކަށެވެ.

ސިފައިންގެއަށް ވަދެ ގަވާއިދުން ޓްރޭނިންގ ހެދުމަށްފަހު އޭނާ މަސައްކަތް ކުރީ އެތަނުގެ ޓްރޭނިންގ ސެންޓަރުގައެވެ.

ފަސް އަހަރު ދުވަހު ސިފައިންގޭގައި މަސައްކަތް ކުރުމަށްފަހު އެތަނުން ނުކުންނަ ހިތްވުމުގެ މައިގަނޑު ސަބަބަކީވެސް އެ “މަދަރުސާ “އިން ލިބުނު އިލްމާ މާލޭގައި ދިރިއުޅުމަށް ދައްކަން ޖެހޭ ބޮޑު އަގާ ނުބައްދަލު ވުމެވެ. ދިރިއުޅުމަށް ނުހަނު ރީތި މަގެއް ފެނިފައިވާ އެކަކުވެސް މާލޭގައި ދިރިއުޅުމަކީ ގޯހެއްކަން އަންގައިދިނީ ސިފައިންގެއިން ލިބުނު ތަރުބިއްޔަތެވެ. ލިބޭހާ ލާރި މާލޭމީހުންގެ ޖީބު ބަރުކުރުމަށް ކުލިދައްކަމުން ދިއުމަކީ އަނބި ދަރިންނަށް ވެވޭ ޚިޔާނާތެއްކަން އެނގުނީއެވެ. އެހެންވެ އަލީ ބަދަލުވީ އަމިއްލަ ވަޒަނަށެވެ. އޭދަފުށްޓަށެވެ. އޭދަފުށީގެ އިންޖީނުގެއާ ގުޅެން ޖެހުނީ އެހެންވެގެންނެވެ. އެހެން ފަންނަކުން ކުރިއަށް ދިއުމުގެ ބޭނުމުގައެވެ.

“އެއީ 1994. އޭރު އޭދަފުށީގައި ސަރުކާރުން ހިންގާ އިންޖީނުގެއެއް ނުހުރެ. އެކަމަކު އެ ޕްރޮޖެކްޓް ހިނގަމުން ދަނީ . ޕްރޮޖެކްޓް ނިމި ސްޓެލްކޯއިން އިންޖީނުގެއާ ހަވާލު ވީއިރު އަޅުގަނޑަކީ އާދައިގެ އިލެކްޓްރިޝަން އެއް.” އަލީ އީވީއާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭގެ ފަހުން މިހާރު 20 އަހަރުވީއެވެ. އޭނާގެ ވަޒީފާގެ ކެރިއަރ ހަލުވިކަމާއެކު ދަތުރު ކުރަމުން އައިސް މިއަދު އަލީ ހުރީ އޭދަފުށީ އިންޖީނުގޭގެ ސީނިއަރ ސުޕަރވައިޒަރގެ ޒިންމާދާރު މަގާމުގައެވެ.

އަލީ ބުނާގޮތުންނަމަ އެންމެ ދަށް މަގާމުން ފެށިގެން އެންމެ މަތީ މަގާމުގައެވެ.

އަލީ ނަސީރު ފެނަކަ، އޭދަފުށީ އިންޖީނުގޭގައި މަސައްކަތް ކުރައްވަނީ. އޭނާވަނީ މިދާއިރާގައި 20 އަހަރަށްވުރެ ގިނަދުވަހު ހިދްމަތްކޮށް ބޮޑު ކުރިއެރުމެއް ހޯދާފައި / ފޮޓޯ އީވީ ޓީމް

އަލީ ނަސީރު ފެނަކަ، އޭދަފުށީ އިންޖީނުގޭގައި މަސައްކަތް ކުރައްވަނީ. އޭނާވަނީ މިދާއިރާގައި 20 އަހަރަށްވުރެ ގިނަދުވަހު ހިދްމަތްކޮށް ބޮޑު ކުރިއެރުމެއް ހޯދާފައި / ފޮޓޯ އީވީ ޓީމް

އަލީއާއެކު ފެނަކައިގާ މަސައްކަތްކުރާ މީހަކު ނަން ނުޖެހުމަށް އެދި ބުނީ މިހެންނެވެ.” އަލީގެ އަޚްލާގާ އެއްވަރަށް އޭނާއަކީ އިންޖިނިއަރިންގ ދާއިރާގައިވެސް މޮޅު މީހެކޭ ބުނެވޭނީ. މިތަނުގެ އިންޖީނުތައް ރޫޅައި މަރާމާތު ކުރަން ޖެހުނަސް  ސްޕްއަރޕާޓްސް އެއް ބަދަލު ކުރަން ޖެހުނަސް އެކަމަށް ނިކަން ފަރިތަވާނެ. ވަރަށް މޮޅު އިންޖިނޭރެއް އެއީ. “

ރަސްމީ ވަޒީފާގައި ހޯދި ކުރިއެރުމާއެކު އިޖްތިމާއީ ދާއިރާ އިންވެސް އަލީ އައީ ކާމިޔާބު ދުވަސް ތަކަކާ ކުރިމަތި ލަމުންނެވެ. އޭނާއަކީ މިހާރުވެސް ވަފާ ޖަމިއްޔާގެ މެންބަރެކެވެ. ވަފާ ޖަމިއްޔާގެ މެންބަރުން އޭނާ ބަލައިގަތީ އާދައިގެ ގޮތަކަށް ނޫނެވެ. ތަނަވަސް އަޣުލަބިއްޔަތަކުން އެ ޖަމިއްޔާގެ ރައީސްކަން ހުރިހާ ބާރަކާ އެކު ހަވާލުކޮށްފައިވަނީ އެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމަށެވެ. ރަސްމީ މަސައްކަތުގައި ދައްކަމުން އަންނަ ޕާފޯމަންސް މި ދާއިރާއިންވެސް ދައްކާނޭކަމުގެ ޔަގީންކަމާ އެކުގައެވެ.

ޖަމިއްޔާގެ މެންބަރުން އުއްމީދު ކުރިފަދަ ކުރިއެރުމެއް ނުވަތަ އާކަންތައްތަކެއް ތައާރަފްކޮށް އަލީއަށް ވަފާ ޖަމިއްޔާގެމެންބަރުން ހިނިތުން ކޮށްލެވުނު ހެއްޔެވެ؟

ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރަކު ބުނިގޮތުގައި އަލީގެ ދެއަހަރުގެ ދައުރުގައި ޖަމިއްޔާ ތަޖްރިބާ ކޮށްފައިވަނީ ޖަމިއްޔާގެ ހަޔާތުގައި އާދަޔާ ޚިލާފު ކުރިއެރުންތަކެއް ލިބުނު ދުވަސް ތަކެކެވެ.  ގިނަވަގުތު ޖަމިއްޔާގެ މަސައްކަތުގައި އުޅުއްވަމުން ޖަމިއްޔާ އަށް އެހިނދު ބޭނުންވެފައިވާ މުހިއްމު ކަންތައްތަކެއް ކުރެއްވިއެވެ. އޭނާގެ ފަރާތުން އެހެން މީހުން ދަސްކުރަންޖެހޭ ރަނގަޅު ސިފައަކީ ބަސް މަދުވެފައި އަމަލު ގިނަ އަޚްލާގުގެ މަތިވެރިކަމެވެ.

އަލީ ބުނީ އޭނާ “ވަފާ “ގެ ރައީސްކަމާ  ހަވާލުވިއިރު ޖަމިއްޔާގެ އާއްމު ހާލަތު ޚާއްސަކޮށް އިދާރީ ދާއިރާ އޮތީ ވަރަށް ދަށުދަރަޖައިގާ ކަމުގައެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދިނީ އިދާރީ ދާއިރާގެ ހިންގުން ހަރުދަނާކޮށް އޮފީސް ހަމައަކަށް އެޅުވޭތޯއެވެ.

” އޭރު ކޮންމެ ކަމެއް ކުރަންވެސް ދާން މި ޖެހެނީ ބޭރަށް. ފޮޓޯ ކޮޕީއެއް ނަގަން ޖެހުންކަމަށް ވިޔަސް އެއްޗެއް ޓައިޕް ކޮށްލަން ބޭނުން ވިޔަސް. އެގޮތް އެއީ ރަނގަޅުގޮތްކަމަށް ނުވާތީ އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދިނީ އޮފީހުން ހުރިހާ ކަމެއް ވެސް ކުރެވޭ ގޮތް ހެދުމަށް. އެގޮތުން އޮފީސް ކޮމްޕިއުޓަރައިޒް ކޮށް އެތަނުން ހުރިހާ ކަމެއް ކުރެވޭގޮތަށް ބޭނުންވާ ވަސީލަތްތަކާއެކު ގާއިމު ކޮށް އެ ބަދަލު ގެނައީ އަޅުގަނޑު ” އަލީ ބުންޏެވެ.

މީގެ އިތުރުން އަވަށު ރޫހުގައި އީދު ކުޅިވަރު ތައް ބޭއްވުމަށާއި މެންބަރުންގެ މެދުގައި އަޚްވަންތަކަން ގާއިމުކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާނޭކަމަށް އަލީ ބުންޏެވެ.

ދެން އެހެންވިއްޔާ އެމަގާމުން އަލީ އިސްތިއުފާ ދިނީ ކީއްވެގެން ހެއްޔެވެ؟

“ވަގުތާ ހާލަތު ތަން ނުދިނީ. ” އަލީ ބުންޏެވެ. މަގާމެއްގައި ހުންނަންޖެހޭނީ ނަމެއްގައެއް ނޫން. ކަމެއްގައި. އެކަން ގަބޫލު ކުރެވޭތީ އިސްތިއުފާ ދިނީ. މާނައަކީ ޖަމިއްޔާގެ ކަންކަމަށް ދޭން ޖެހޭ ވަގުތު ދެވެން ނެތުމުން އިސްތިއުފާ ދިނީ.” އިސްތިއުފާ ދިން ގޮތް އަލިީ ކިޔައިދިނެވެ.

އިޖްތިމާއީ ދާއިރާގައި އަލީ ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން އެމަސައްކަތާ މެދު އެންމެ ބޮޑަށް ފަޚްރުވެރިވާ އަދި އެންމެ ބޮޑު ސަމާލު ކަމެއް ދޭ މަސައްކަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ނުވަތަ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިން އަސްލު ސަބަބަކީ ކޮބާހެއްޔެވެ.  އެއީ ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ މަސައްކަތަށް ވަގުތު ބޭނުން ވުމެވެ.

އެމަސައްކަތް ފެށުނު ގޮތް އަލީ ކިޔައިދެއްވިއެވެ.

“ކުއްލިއްޔާ އާއި ގުޅިގެން އޭދަފުށީގައި ހިންގި ގާރީ ކޯހުގައި ބައިވެރިވެ އެކޯސް ނިންމުމަށް ފަހު ގަސްދު ކުރީ ލިބިފައިވާ އިލްމު އެހެން މީހުންނަށް ފޯރުކޮށް ދިނުމަށް. އެ މަގްސަދުގައި 2010 ވަނަ އަހަރު ގުރުއާން ކްލާސް ރަޖިސްޓަރީ ކޮށްގެން ހިންގަން ފެށީ .”

އަލީ ނަސީރު އޭނާގެ "ދާރުލް ފުރުޤާން" ޤުރުއާން ކިލާހުގައި ގަޑިއެއް. ގްރުއާން ކްލާސް ހިންގަންފެށީ 2010 ވަނައަހަރުކަމަށް އޭނާބުނޭ / ފޮޓޯ އީވީޓީމް

އަލީ ނަސީރު އޭނާގެ “ދާރުލް ފުރުޤާން” ޤުރުއާން ކިލާހުގައި ގަޑިއެއް. ގްރުއާން ކްލާސް ހިންގަންފެށީ 2010 ވަނައަހަރުކަމަށް އޭނާބުނޭ / ފޮޓޯ އީވީޓީމް

ޖުމްލަ 10 ކުދިންނާއެކު ފެށި މިކްލާސް މިއަދާ ހަމައަށް އައިއިރު 135 ކުދިން ރަޖިސްޓަރީ ވެފައި އެބަތިއްބެވެ. އޭގެ މާނައަކީ އަލީގެ މި މަސައްކަތް އާއްމުން ވަނީ އުފަލާއެކު ބަލައިގެންފައެވެ. އެހެން ނޫންނަމަ އުމުރުން އެންމެ ތިން އަހަރާ ބައިގެ ޅަ ކުދިންނާއި ބޮޑެތިވެގެން 60 އަހަރުގެ މީހުން އެކްލާހަށް ކިޔަވާކަށް ނާންނާނެއެވެ.

އެކްލާހުގައި އެންމެ ފުރަތަމަ ކިޔަވައި ދިނީ އަލީ އެކަނި ކަމަށް ވިޔަސް ގާރީ ކޯސް ހަދާފައިވާ އިތުރު ދެމީހުން މިހާރު ކިޔަވައިދެއްވައެވެ. އެހެންނަމަވެސް މިހާ ވަރުން އޭނާ އެހުރީ ފުއްދާލައިގެން ނޫނެވެ.

“ބޭނުންވަނީ މިތަން ކޮމްޕިއުޓަރައިޒްކޮށް ޑިޖިޓަލް ކުރަން. އެވަރުގެ ތަނަވަސް ކަން އަދި ނެތީ . އެކަމަކުވެސް މި އުއްމީދު ފުރިހަމަ ކުރާނަން. އިންޝާﷲ ” އަލީގެ އަޒުމަކީ މިއެވެ.

އަލީގެ މިކްލާހުގެ ފަރާތުން ތަޖްވީދުމަގުން ގުރުއާން ކިޔެވުމުގެ ފަންނު ރަށު ފެންވަރުގައި އާލާ ކޮށް ދިރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކު ގުރުއާން ކިޔެވުމުގެ މުބާރާތެއްވެސް ބާއްވައެވެ. އެގޮތުން އެންމެ އަހަރެއް ފިޔަވައި ހުރިހާ އަހަރަކުވެސް މުބާރާތް ބާއްވަމުން އަންނަކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން އެމަގަށް ހިނގާނެ ކަމަށް އަލީ ބުންޏެވެ.

އަލީބުނި ގޮތުގައި ކްލާހުގެ ފެންވަރު މަތި ކުރުމަށް ގިނަ ކަންކަން ރޭވިފައި ވިޔަސް ކަންކަމުގެ ނަތީޖާ ފެނުން ލަސްވަނީ މިއިން ކޮންމެ ކަމަކީވެސް ފައިސާ އާ ގުޅިފައިވާ ކަންކަމަށް ވާތީއެވެ. އެހެންނޫންނަމަ މި ކްލާސް މިހާރު އޮންނާނީ މިއަށްވުރެ މާބޮޑުތަން ކުރީގައެވެ.

އެހެންނަމަވެސް ހުރިހާ ހުރަސްތަކެއް ގިރާ ކުރުމަށް ފަހު ކުރިއަށް އޮތް ކުރު މުސްތަގްބަލުގައި މާލެއިން ގާރީން ގެނެސްގެން ބޮޑެތި ކޯސްތައް ހިންގުމުގެ ޕްލޭން އެއް އެބައޮތްކަމަށް އަލީ ބުންޏެވެ.

DSCN3605

އަލީގެ މި ހިތްވަރާއި ކެރުމަށް އަދި އޭނާ ރަށުގެ ތައުލީމަށް ކޮށްދެމުންގެންދާ މި އަގުހުރި ޚިދުމަތަށް ސާބަސްދެމެވެ. ކުރިއަށް ދިއުމަށް ހިތްވަރު ދެމެވެ.

ކޮންމެއަކަސް އަލީނަސީރުގެ ޚިދުމަތުގެ ދާއިރާ ކިތަންމެހައިވެސް މާތް ވެފައި ޚިދުމަތުގެ އަގު ބޮޑެވެ. އޭނާގެ މޮޓޯއަކީ އޭނާއަށް ލިބިފައި ހުރި އިލްމެއް ނުވަތަ އޭނާ ދަންނަ ކަމެއް އެހެން މީހަކަށް ކިޔައިދިނުމަކީ އޭނާއަށް ލީބޭ އެންމެ ބޮޑު ހިތް ހަމަޖެހުމެވެ. އޭނާ ހުރީ އެގޮތުގައެވެ.

އޭނާއަކީ މޮޅު ވަޑިއެކެވެ. މޮޅު އިލްޓްރިޝަނެކެވެ. ރާނާ ސިމެންތި ޖެހުމާއި ތަށިމުށި ޖެހުން ފަދަ ކަންކަމުގައި ކުރިއަރާފައިވާ ވަރު މީހަކު ކިޔައިދޭކަށް ނުޖެހެއެވެ. އޭނާގެ އަމިއްލަ ގޭގެ ސިޓިންގ ރޫމުން ފެށިގެން ކޮޓަރިތަކާ ހަމައަށް ރީތިކޮށް ޓައިލްސް ޖަހާލާފައިވާ އެގޭގައި ކޮށްފައިވާ ހުރިހާ މަސައްކަތަކީވެސް އޭނާގެ ދެއަތުން ކޮށްފައިވާ މަސައްކަތެވެ. އިތުރަށް ބުނާނަމަ  ބޭނުން ބައްޓަމަކަށް ބޯކޮށައިދިނުމުގެ ހުނަރުވެސް ލިބިފައިވާ މީހެއްމެއެވެ. މިހުރިހާ ފަންނުގެ ތެރެއިންވެސް އޭނާދަންނަ މީހުން އޭނާއާމެދު ފަޚްރުވެރިވަނީ މޮޅު އިލެކްޓްރިކަލް އިންޖިނޭރެއްގެ ގޮތުންނެވެ.

އަލީ ނަސީރުގެ ވާހަކަތައް ނިންމާލަން ހިފާއިރު ދިރިއުޅުމުގައި އޭނާ ކޮށްފައިވާ އެންމެ މުހިއްމު އިންވެސްޓަކީ ހަރުދަނާ އާއިލާ އެއް ބިނާ ކުރުމެވެ. އޭނާ ނެތް ދުވަހަކުންވެސް ހެޔޮ ދުއާ ކުރާނޭ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. އެ ވާޖިބު އަދާ ކުރުމުގައިވެސް އޭނާއަކީ ކާމިޔާބު ބައްޕައެކެވެ. ތިން ދަރިންނާއި އަނބިކަނބަލުންނާއެކު އުފާވެރި ހަޔާތެއް ވޭތުކުރަމުންދާ އިރު އެންމެ ހަގު ދަރިފުޅު މިހާރު އޯލެވެލް އަށް ތައްޔާރުވަނީއެވެ.

އަލީ ނަސީރުގެ ތިންކުދިން. ހުރިހާ ކުދިންނަށްވެސް ރަނގަޅު ތައުލީމާ ތަރުބިއްޔަތު ދިނުމަށްެ އަލީ ނަސީރު އިސްކަމެއްދެއްވާ / ފޮޓޯ ފޭސްބުކް

އަލީ ނަސީރުގެ ތިންކުދިން. ހުރިހާ ކުދިންނަށްވެސް ރަނގަޅު ތައުލީމާ ތަރުބިއްޔަތު ދިނުމަށްެ އަލީ ނަސީރު އިސްކަމެއްދެއްވާ / ފޮޓޯ ފޭސްބުކް

އެދަރިފުޅު ބައްޕައާމެދު ދެކޭ ގޮތް ކިޔައިދިނެވެ. ” އެއީ ވަރަށް ރަނގަޅު ބައްޕައެއް. އަހަރެމެން ދެކެ ވަރަށް ލޯބިވާ ބައްޕައެއް. ކިޔެވުމާއި އެހެނިހެން ކަންކަމުގައިވެސް ވަރަށް ބޮޑަށް އެހީތެރިވާ ބައްޕައެއް . ” އެންމެ ހަގު ދަރިފުޅު ޝަހުފާ ނަސީރު ކުރުކުރުކޮށް އެކަމަކު ފޮނިކޮށް ބައްޕަ އާމެދު ހިތުގައި އޮތް ގަދަރާއި އިހްތިރާމް ފާޅުކޮށްލީ މިގޮތަށެވެ.

އަލީނަސީރުގެ ދިރިއުޅުމަށް ބަލާއިރު އެއިން އެނގިގެންދަނީ ނުވަތަ ދަސްކޮށްދެނީ ވަރަށް އަގުހުރި ދަރުސް ތަކެކެވެ. އެއީ ހެއްޔެވެ؟ “ހަރަކާތެއް ނެތް އަތެއްގައި ބަރަކާތެއް ނުހުންނާނެ އެވެ. ބަރަކާތެއް ނެތް އަތަކަށް ރިޒްގެއް ނުލިބޭނެއެވެ. “

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top