އާ ކައުންސިލުތަކަށް އަހަރެއް. ނަތީޖާ ކިހިނެއް؟

DSCN9880.jpg

އޭަދަފުށި ...އީވީ ފޮޓޯ

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބޮޑެތި ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ އެއް އަހަރު ފުރުނުތާ އެއް ހަފްތާ ވަނީއެވެ.

ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެއީ ކަތީބުންނާއި ކުޑަކަތީބުންގެ ބަދަލުގައި ބަރުލަމާނީ ސިފަޖެހިގެން ރައްޔިތުން ހޮވާ ކައުންސިލަކުން ރަށްރަށް ހިންގުމަށް ތައާރަފް ކުރި ނިޒާމެކެވެ. އެކަމުގެ ފައިދާ ރައްޔިތުންނަށް މާބޮޑުވާނެ ކަމަށް ދެކިގެންނެވެ. ބޮޑެތި ރަށްރަށަށް ފުރަތަމަ، ފަސް ކައުންސިލަރުންނެވެ. އެވަރު މަދުވެގެން މިދިޔަ އަހަރު، ތިން ހާހަށްވުރެ އާބާދީ ބޮޑު ރަށްރަށަށް ހަތް ކައުންސިލަރުންނެވެ. އޭގެ ތެރެއިން 30 އިންސައްތަ ގޮޑި އަންހެނުންނަށް ދޭންޖެހެއެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާއްމު ވޯޓަކުން އިންތިހާބުކުރި، އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ގާނޫނީ ހައިސިއްޔަތު ލިބިގެން މަސައްކަތްކުރަން ފެށިތާވެސް އެއް އަހަރު ފުރި ދެވަނަ އަހަރަކަށް ކުރިމަތި ލީއެވެ.

ގާނޫނީ ގޮތުން ބަލާއިރު ރަށު ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ބާރުގަދަ ގާނޫނީ މިނިވަން ޝަހުސެކެވެ. އެހެންކަމުން ބޮޑެތި ބާރުތަކަކާ ބޮޑު މުސާރައާއެކު ކައުންސިލުތަކުގެ މުއްދަތު ފަސް އަހަރަށް އިތުރުކޮށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލުން އެކައުންސިލަރުންގެ ޒިންމާތަކާ ހަވާލުވެވަޑައިގެން އެއްއަހަރު ފުރިފައިވާ އިރު ރައްޔިތުންނަށް ކޮށްދެއްވި ކަންތަކަކީ ކޮބައިބާއެވެ.

ރަށްރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ހުޅުވުމާ އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލުގެ ޒިންމާއެކެވެ. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ. ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށު ފެންވަރުގައި ކުނި ނައްތާލުމާއި، ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފު ކުރުމާއި ރަށުގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް، ލައިބްރަރީގައި ބެލެހެއްޓުމާއެކު ޒަމާނީ ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނޭ އިންތިޒާމު ގާއިމްކުރުމާއި މިހެން ގޮސް ރަށްވެހިކަމުގެ ހިދުމަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލްތަކާ މަތިކުރެވިފައި އޮތް 26 ޒިންމާއެއް ގާނޫނުގެ 23 ވަނަ މާއްދާގައި ލިސްޓުކުރެވިފައި އެބައޮތެވެ.

މި މަސައްކަތްތައް ހިންގުމަށް ރައްޔިތުން އިތުބާރު ދީފައިވާ ކައުންސިލަރުން މަގާމުގައި އެއްއަހަރު ހޭދަކުރެއްވި އިރު އޭދަފުއްޓަށް ބަލައިލަމާ ހިންގަވާށެވެ.

އޭދަފުށީ ކައުންސިލުގެ މިއަހަރުގެ މާޗް/ އެޕްރިލް މަހުގެ ”ތަރައްގީ ޕްލޭނަށް އަމަލީ ސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓު“ގައި ”ޓާގެޓް ހާސިލު ކުރުމަށް ހިންގާފައިވާ ހަރަކާތްތައް ބަޔާން ކޮށްފައި ވެއެވެ. އެއީ ކުރީ ކައުންސިލު ތަކުން ކޮށްއުޅުނު ކަމެއް ނޫނެވެ. މިހާރުގެ ކައުންސިލުން ކުރަން ފެށި ކަމެކެވެ. ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުމަށް ކުރިއަށް އެޅުއްވި ފިޔަވަޅެކެވެ. އެކަމަށް މަރުހަބާ އެވެ.

ރިޕޯޓުގައި ފުރަތަމަ އޮތީ ފާލަމާއި ބަނދަރު ހަދައި ބެލެހެއްޓުމުގެ އުސޫލެއް ހައްދެވި ވާހަކައެވެ. ދެވަނައަށް އޮތީ ފެރީޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދެވުނު ވާހަކަ އެވެ. އެކަމަކު އެއީ ނިމިދިޔަ ކައުންސިލުގެ ވަރަށް ބުރަ މަސަކަތުން ކުރިއަށް ގެންގޮސް ބަޖެޓް ހޯދައި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށް ކުރީގެ ކައުުންސިލުގެ ރައީސް ތޮލާލު ވިދާޅުވެއެވެ. ކަންތައް ހިނގާފައިވަނީ އެގޮތަށް ކަމަށްވާނަމަ މި ކައުންސިލުން ކުރެއްވި ކަމަކީ 5 އޮގަސްޓް 2021 ގައި ހަމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކޮށް އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރެއްވުމެވެ.

ފެރީ ޓާމިނަލްގެ މަސައްކަތް ނިންމަން ދިން މުއްދަތު ހަމަވެއްޖެއެވެ. އިތުރަށް މިހާރު ތިން މަސް ހިނގަނީއެވެ. މަސައްކަތުގެ ބޮޑުބައި އަދި ނުނިމިއެވެ. މަސައްކަތް ހިނގާ ތަނެއްވެސް ނުފެނެ އެވެ. މިއީ ކިހިނެއް ހިނގާ ކަމެއް ހެއްޔެވެ. އެމީހުންނާމެދު ދެން އަޅާނެ ފިޔަވަޅަކީ ކޮބައިބާއެވެ. އެމީހުން ކޮބައިހެއްޔެވެ؟ އެޕްރޮޖެކްޓް ހުއްޓުނީ ހެއްޔެވެ؟ ދެން ވާނީ ކިހިނެއް ކިހިނެއް ހެއްޔެވެ. ރައްޔިތުން މިތިބީ ވާނުވާގަ އެވެ. ރިޕޯޓުގައި މިކަންވެސް ހިމަނާފައި އޮތްނަމަ ރަނގަޅުވީހެވެ.

އޭދަފުށީގައި ފެރީ ޓާމިނަލް އެއް އަޅަން އުޅޭ ވާހަކައަކީ ރަށު ކައުންސިލު އުފެދުނީއްސުރެ ދެކެވޭ ވާހަކަ އެކެވެ. އެތަނުގެ ބޭނުން ބޮޑުކަމުންނެވެ. ދުވާލަކު ސަތޭކައިން ގުނާލެވޭ އަދަދުތަކުން މީހުން އަރާ ފައިބާ މި އޭދަފުށީގައި ފެރީ ޓާމިނަލެއް ނެތުމުން ދަތުރުވެރިންނަށް ވާ އުނދަގޫ ރަށު ކައުންސިލަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ކުޅިވަރު ކުޅޭ މައިދާންތައް ރީސްޓްރަކްޗަރ ކުރެވުނު ވާހަކަ އޮތެވެ. ވީރާނާވެފައި އޮތް ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކްވިޕްމަންޓު ހޯދަން މަސައްކަތް ކުރެވުނު ވާހަަކައާއި ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމާއި އިދާރީ ހިންގުން ހަރުދަނާ ކުރުވުމުގެ ގޮތުން ގާބިލް ޒުވާނުން ހޯދުމަށް މަސައްކަތް ކުރެވުނު ވާހަކައާއި މިކަހަލަ 8 ޕޮއިންޓް ފާހަގަ ކޮށްފައި އޮތްއިރު އެކަންކަމަކީ އިދާރީ މަސައްކަތްތަކެއް ނޫންތޯއެވެ. ކައުންސިލަކުން އެތަނުގެ މުވައްޒަފުންނާއެކު ކުރާ މިފަދަ އެންމެ އާދައިގެ އިދާރީ ކަންތައްތަކުގެ ބަދަލުގައި ތަންކޮޅެއް އާރުލާ ކަހަލަ ވާހަކަތަކެއް ބަޔާން ކުރެއްވި ނަމައެވެ.

ރަށުގެ މަގުހެދުމާއި މަގު މަރާމާތުކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލްގެ ޒިންމާއެކެވެ.

އަލަށް ހަދާފައި އޮތް މަގުތައްވެސް ކައުންސިލާ ހަވާލު ނުކޮށް އޮއްވާ ހަލާކުވަމުން ދަނީއެވެ. މަގުތަކުގައި ޕާކްކުރާނޭ ހަމައެއް ގަވާއިދެއް އުސޫލެއް ނެތެވެ. ކައުންސިލުން ވިދާޅުވަނީ މަގުތައް ނިންމާފައި އަދިވެސް އެމްޓީސީސީން ކައުންސިލާ ހަވާލު ނުކުރަނީ އެވެ. އެކަމަށް ވަރަށް މަސައްކަތް ކުރެވުނު ކަމަށް ވިދާޅުވެއެވެ. އެކަން ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އިނގިލި ދިއްކުރާނީ ކައުންސިލަށެވެ.

ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ.

ރަށްވެހިކަމުގެ ހިދުމަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލުތަކާ މަތިކުރެވިފައި އޮތް މިފަދަ 26 ޒިންމާއެއް ގާނޫނުގެ 23 ވަނަ މާއްދާގައި ލިސްޓުކުރެވިފައި އެބައޮތެވެ. މި ޒިންމާތައް އަދާކުރުމަށްޓަކައި ރަށު ކައުންސިލަށް ފައިސާ ހޯދުމަށް ކުރެވިދާނޭ ކަންކަން ގާނޫނުގެ 12 ވަނަ ބާބުގައި ބުނެދީފައި އެހެރީ އެވެ.

ހަނދާން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލުތައް ހިމެނޭ ގޮތުން ބޭއްވި “ވިއަވަތި ރާއްޖެ” މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކައުންސިލަރުންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅެވެ.

“މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާއި ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިހުތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟”

ރައީސް އެވިދާޅުވި ފަދައިން މިހާރު ދެން ދެއްކޭނެ ބަހަނާއެއް ނެތެވެ. ކުރިން ރައީސް އަރިހުގައި ރަށާ ބެހޭ ގޮތުން ކުރަމުން އައި ޝަކުވާތަކާ ސަރުކާރުން ނުކޮށްދެވި ހުންނަ ކަންތައް ތަކުގެ ދިގު ލިސްޓެއް ހުށަހެޅުމުގެ ބަދަލުގައި ދެން އެލިސްޓު ހުށަހަޅުއްވާނީ ރައީސް އެވެ. އެއަށް ކައުންސިލަރުން ޖަވާބުދާރީ ވާން ޖެހޭނެ އެވެ.

ރައްޔިތުންގެ އަގުބޮޑެތި ބިންތައް އެހެރީއެވެ. އެއިން މަންފާ ހޯދަން ޖެހެއެވެ. ރައްޔިތުންގެ އިމާރާތްތައް މަރާމާތު ނުކުރެވި އެތަންތަނުން ލިބެންވާ އާމްދަނީ އަށް ހުރަސް އެޅިފައެވެ. ޕާކުތަކާއި ހުސްބިންތަކާއި ދަނޑުތަކުން ފެންނަނީ ފަޅުރަށެއްގެ ފަޅުކަމެވެ. މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެތައް ފަހަރަކު އަންގަވައިފި އެވެ. އެތާރީހުގައި ނުނަގައިފި ނަމަ ދެން އަމަލު ކުރަން ބުނެފައިވާ ކަންކަން ތަންފީޒު ނުކުރުމުން ކައުންސިލަށް ދެވިފައިވާ އިތުބާރު ކުޑަވެއްޖެ އެވެ. ހިއްކި ބިމުން ގޯތި ދިނުން ލަސްވަނީ ރަށުގެ ލޭންޑް ޔޫސްޕްލޭން އާއި ކޯޓު މަރުހަލާގައި އޮތް މައްސަލައެއްގެ ސަބަބުން ކަމަށް ކުރިން އަޑު އިވުނެވެ. އެހެން ނަމަވެސް މިހާ ލަސްވެގެން ދިޔައީ ކަމެއް އަވަސް ކުރުމަށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަކޮށްލެއްވީތީ ކަން ގަބޫލު ކުރައްވާށެވެ.

މިކަހަލަ ކިތަންމެ ވާހަކައެއްވެސް ލިޔެވިދާނެއެވެ. ހަމައެކަނި ބޭނުމަކީ ސަމާލު ކަމަށް ގެނައުމެވެ. އެއް އަހަރު ފާއިތުވެގެން ހިނގައްޖެ އެވެ. ހަތަރު އަހަރު އަދި ބާކީ އެބައޮތެވެ. ރަށެއް ފަތަހަ ކޮށްލަން މިއީ ރަނގަޅު މުއްދަތެކެވެ. ބާރުތަކާއި ބަދަލުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން 4 އަހަރަށް އަމާޒު ހިފަމާ ހިންގަވާށެވެ. 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު