އެމްޓީސީސީގެ ހިއްސާގެ ފައިދާ ދޫކުރަން ފަށައިފި

b_yextGzQXtoyQPRGUOuQXY4cm1.jpg

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ވަން ފޮޓޯ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީީ)ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ދޫކުރަން ފަށައިފިއެވެ.

އެމްޓީސީސީން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ ފަސް ރުފިޔާގެ ހިއްސާއަކަށް 3.50 ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. ހިއްސާގެ ގޮތުގައި ޖުމުލަ 28,132,122 (28.1 މިލިއަން) ރުފިޔާ ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެ އިއުލާނުގައި ބުނެއެވެ.

ހިއްސާގެ ފައިދާ ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓަރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ހިއްސާދާރުން އެކުންފުނީގެ “ހިއްސާގެ ފައިދާއަށް އެދޭ ފޯމު” ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ހިއްސާގެ ފައިދާ ނެގުމަށް ހިއްސާދާރުންގެ ޕޯޓަލް https://sop.mtcc.com.mv/login މެދުވެރިކޮށް ހުށަހެޅުމުން ވެސް ހިއްސާގެ ފައިދާ އެމްޓީސީސީން ޖަމާކޮށްދޭނެ ކަމަށެވެ.

އެމްޓީސީސީގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށެވެ.

ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުން އަންނަ އިރު، އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރަކީވެސް ރެކޯޑު ފައިދާއެއް ލިބޭނެ އަހަރެކެވެ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top