މަންކީޕޮކްސްގެ ދިވެހި ނަމަކީ”މަކުނުވިދުރި“

335772-3-7650f908871ddcb451763b9453e075401a6bf07b-large.jpg

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ މަންކީޕޮކްސް ގެ ދިވެހި ނަމަކީ”މަކުނުވިދުރި“ ކަމަށް ދިވެހި ބަހުގެ އެކަޑެމީން ހަމަޖައްސައިފި އެވެ.

މިބަސް ހަމަޖެއްސުމަށްފަހު މަންކީޕޮކްސްގެ ބަދަލުގައި މަކުނުވިދުރި ބޭނުންކުރުމަށް އެކެޑަމީން ވަނީ އެދިފަ އެވެ.

މަންކީޕޮކްސްއަށް ކިޔާނެ ދިވެހި ނަމެއް ހެދި ނަމަވެސް މި ވައިރަސް އަދި ރާއްޖެއިން ފެނިފައެއް ނުވެ އެވެ. ނަމަވެސް މި ވައިރަސް އަކީ ރާއްޖެއިން ފެނިދާނެ ވައިރަސްއެއް ކަމަށާއި އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަންކީޕޮކްސް އަކީ މީގެ ކުރިން ބައްރުތަކަށް ފެތުރިގެންފައިވާ ބައްޔެއް ނޫނެވެ. މި ބަލީގެ އާންމު ވެއްޓަކީ އެފްރިކާ ބައްރެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް ޔޫރަޕްގެ ގިނަ ގައުމުތަކުން މިބަލި ވަނީ ފެނިފަ އެވެ.

މަންކީޕޮކްސް ފެނިގެން އިއުލާންކޮށްފައިވާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަން، ބެލްޖިއަމް، އިޓަލީ، ޕޯޗުގަލް، ސްޕޭއިން، ކެނެޑާ، ސްވީޑަން، އޮސްޓްރޭލިއާ، އިޒުރޭލު އަދި އެމެރިކާ ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރާ ގޮތުގައި މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައްޔެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައިވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުނަށް މިހާރު މިއޮތީ ފޯރާފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ. ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top