އެހެން މީހުންނަށް ދުމުގެ އަސަރު ނުފޯރާ ގޮތަށް ކެފޭ ތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭން ނިންމައިފި

shan-hotaa.jpg

ރެސްޓޯރެންޓްތަކާއި ކެފޭފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެހެން މީހުންނަށް ދުމުގެއަސަރު ނުފޯރާ ހިސާބުގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމަވައިފި އެވެ.

ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުން އޮތީ މުޅިން މަނާކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ވީ ގޮތާ ގުޅޭގޮތުން އެޗްޕީއޭ އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ކަމަށެވެ.

ގިނަ ބަޔަކު އެކަމަށް ތާއީދު ކުރި ނަމަވެސް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ އުސޫލު އިސްލާހުކޮށް، އާންމުކުރި އިރު ބުނެފައިވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުންނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެން ޖެހޭނެ ކަމަށެވެ. އެހެންވެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ކުރިން ދީފައިވާ ތަންތަނުގައިި އެކަން ކުރުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް އަދިވެސް ޝީޝާ ބުއިން ވަނީ މަނާކޮށްފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސިނގިރޭޓު ބުއިމުގެ ހުއްދަ ދިން ނަމަވެސް ޝީޝާ ބުއިން އަދިވެސް މަނާ ވާނެ ކަމަށެވެ. އަދި މިވަގުތަށް ސިނގިރޭޓު ބޮވޭ ގޮތަށް އުސޫލު ބަދަލުކުރީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ނަމަވެސް ފަހަރެއްގައި ކުރިން އޮތްގޮތަށް އެ އުސޫލު ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ކެފޭއާއި ސައިހޮޓާ ތަކުގައި ދުންފަތުގެ އިސްތިއުލާލު ކުރުން މަނާ ކޮށްފައި އޮތް ނަމަވެސް މިހާރުވެސް އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ތަން ފެންނަލެއް މަދެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top