މޭޒަކާއި ގޮނޑިއެއް ނެތިގެން، ފެހެންދޫ ސްކޫލަށް ދަރިވަރަކު ނުވެއްދިފައި

324199_3_7fc571a39ae8065a31ff46662497ac1580b62525_large.jpeg

ފެހެންދޫ ސްކޫލުގެ ދަރިވަރުން، "ސެޓްލައިޓް ސްކޫލު" މެދުވެރިކޮށް ކިޔަވަނީ--

އިށީންނާނެ ގޮނޑިއަކާ މޭޒެއް ނެތުމުން ބ. ފެހެންދޫ ސްކޫލުގެ ދަރިވަރަކު ސްކޫލަށް ނުފޮނުވިފައި ހުންނަތާ މަހަކަށް ވުރެ ގިނަދުވަސް ވެއްޖެ ކަމަށް ދަރިވަރުގެ ބެލެނިވެރިޔާ ބުނެފި އެވެ.

އޮންލައިން ނޫސް ”ދެން“ އަށް މައުލޫމާތު ދެމުން ބެލެނިވެރިޔާ، ފަޒީނާ މިއަދު ބުނީ ދަރިފުޅު ކުރިން ހުރި ސްކޫލުން ކަނޑާލައިގެން، ފެހެންދޫ ސުކޫލަށް ވައްދަން އެރަށަށް ގެންދިޔައީ މިދިޔަ ޓާމުގެ ފަހު ތިން ހަފްތާގައި ކަމަށެވެ. އެހެންނަމަވެސް ދަރިވަރު ބައިންދާނެ ގޮނޑިއެއް ނެތުމުގެ ސަބަބުން މިި ޓާމުގެ ކިޔެވުން ފެށުނު އިރުވެސް ދަރިފުޅު ސްކޫލަށް ނުގެންދެވޭ ކަމަށެވެ.

ފަޒީނާ ބުނި ގޮތުގައި ދަރިފުޅު ފެހެންދޫ ސުކޫލަށް ބަދަލުކޮށް ހުރިހައި ކަމެއް ހަމަޖެހުނުކަމަށް ޕްރިންސިޕަލް އެންގެވުމުން ،ދަރިފުޅު ސުކޫލަށް ފޮނުވަން ތައްޔާރު ވީފަހުން، ރޭގައި އަނެއްކާވެސް ސްކޫލުން ގުޅާފައި، އަދިވެސް ގޮނޑިއަކާއި މޭޒެއް ނެތް ކަމަށް އެންގިއެވެ.

“ހުރިހާކަމެއް ތައްޔާރުކޮށް ނިމުނުފަހުން ރޭގައި އަނެއްކާ ސްކޫލުގެ އެޑްމިނުން ގުޅާފައި މިބުނަނީ ޕްރިންސިޕަލް ވިދާޅުވިއޭ އަދިވެސް ގޮނޑިއަކާއި މޭޒަކާއި ނުލިބެޔޭ އެހެންވީމަ އަދި މަޑުކޮށްލާށޭ. ދެން އަޅުގަނޑު ހިތަށް އެރި އަޅުގަނޑުދެން ދާންވީއޭ ގޮނޑިއަކާއި މޭޒަކާ ބޮލަށް ލައިގެން ސްކޫލަށް ކުއްޖާ ގޮވައިގެން” ފަޒީނާ ބުންޏެވެ.

މި މައްސަލައިގާ ފެހެންދޫ ސްކޫލު ހިންގަމުން އަންނަ ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު “ދެން” އަށް ވިދާޅުވީ ދަރިވަރު ފެހެންދޫއަށް ގޮސްފައިވަނީ ސްކޫލުގައި ޖާގަ އޮތްތޯ ބެލުމެއް ނެތި ކަމަށެވެ.

ނިޒާމް ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން އެދަރިވަރު ސްކޫލަށް ގެނެވޭނެކަމަށް ބެލެނިވެރިޔާއަށް އަންގާފައިވާނެކަމަށާއި އަދި ޖެހިގެން އުޅެނީ ގޮނޑިއަކާ މޭޒަކަށް ވުރެ ބޮޑަށް ކްރޯމް ބުކެއްގެ މައްސަލަ ކަމަށެވެ.

“ކްރޯމް ބުކް ނުލައެއް ނުއެއް ކިޔެވޭނެ. ކޮންމެ ކުއްޖަކަށް އޮންނާނެ ވަކި ކްރޯމް ފޮތެއް. އެއީ ލެޕްޓޮޕް ވައްތަރުގެ. އެހެންވީމަ އެއަށް ރިކުއެސްޓްކޮށްފައި އެއެއްޗެހި ލިބުނީމައި ދެއްތޯ އަޅުގަނޑުމެން ޖާގަ ދޭނީ. ފެހެންދުއަށް އެކުއްޖާއައީ ސްކޫލުން އެޑްމިޝަން ދީގެންނެއްނޫން .” ނިޒާމް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވާހަކަ ބެލެނިވެރިޔާ ދޮގުކުރެއެވެ. ފަޒީނާ ބުނީ ދަރިވަރަށް ޖާގަ ލިބިފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވި ކަމަށެވެ. އަދި ފެހެންދޫގައި ކުއްލިއަކަށް އަންނަން ޖެހިގެން އަންނަ ކުދިން މީގެ ކުރިން ކްރޯމް ބުކް ޝެއާކޮށްފައިވާ ކަމަށްވެސް ފަޒީނާ ބުންޏެވެ.

“މިރަށުގައި އެބަހުރި ކުއްލިއަކަށް އަންނަން ޖެހިގެން އަންނަ ކުދިން ކްރޯމް ބްކް ޝެއާކޮށްފަ. ދެން އޭނާ ބުނީ ގޮނޑި މޭޒު އެގޮތަކަށެއް ނުހެދޭނެ ނޫންހޭ. ހަމަ ޓަސްލާފައި އާން ޖާގަ އެބައޮތޭ ސުކޫލުން ލިބިފައި މާދަމާ ގެންނާށޭ ބުނެފަ ހުރިހާކަމެއް ރެޑީވާފަހުން ދެން ގުޅާފަ ގޮނޑިއާއި މޭޒާނެތޭ ނޫނީ ކްރޯމް ބުކްވެސް ނެތޭ ބުނީމަ އެކޮޅުން ކަނޑާލެވިފައި ހުރީމަ ދެން ނީންނާނެ ދޯ ހަދާނެގޮތެއް. ސްކޫލު ފެށުނީމަ” ފަޒީނާ ބުންޏެވެ.

ފަޒީނާ ބުނީ ދަރިފުޅު ސްކޫލަށް ނުގެންދެވި ގިނަ ދުވަސް ވަމުން އަންނާތީ އެކަން ކައުންސިލް މެދުވެރިކޮށްވެސް ބަލައި، އެހީތެރިކަން ހޯދައިފައި ވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top