ފުރަތަމަ ޓާމް ޗުއްޓީއަށް ފަހު ރާއްޖޭގެ މަދަރުސާ ތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިިފި އެވެ.
އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރި ފަހުން، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފެށިގެން ކުރިއަށްދާ މިއީ ފުރަތަމަ ފަހަރެވެ.
ފުރަތަމަ ޓާމްގެ ބަންދުގެ ގޮތުގައި 16 ދުވަސް ލިބުނު އިރު، ސްކޫލްތައް ބަންދުވީ މިދިޔަ މަހުގެ 23 ގަ އެވެ. ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށި އިރު، ދެން ދަރިވަރުންނަށް ޓާމް ބަންދެއް ލިބޭނީ އެޕްރީލް މަހުގެ 16 ގަ އެވެ. ސްކޫލްތަކުގެ ބޮޑު ބަންދު ލިބޭނީ ޖޫން މަހުގެ ތެރޭގަ އެވެ. އެ ބަންދަށް ގާތްގަނޑަކަށް ދޮޅު މަސް ލިބޭނެ އެވެ.
ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގެ ޖުމުލަ 217 ސްކޫލެއްގައި ކިޔަވައިދެއެވެ. އަދި ދަރިވަރުންގެ އަދަދު 39،000 އަށް ވުރެ ގިނަ އެވެ.
އަހަރުގެ މެދުތެރެއަށް ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ބޮޑު ބަންދާ ދިމާކޮށް މޫސުން ގޯސް ކަމަށާއި އެކަމުގެ ސަބަބުން ކުދިންނަށް އެންމެ ރަނގަޅަށް ޗުއްޓީގެ ބޭނުން ނުހިފޭ ކަމުގެ ޝަކުވާ ކުރެއެވެ.