ނޫސްތަކުގައި ޖަހާ ޚަބަރު ނަގަން މަޖިލީހަށް އެންގިދާނެ ކަމަށް ގަބޫލެއް ނުކުރަން: އެމްޖޭއޭ

large_166383073333NaVw.jpg

އެމްޖޭއޭއިން ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ

ނޫސް ތަކުގައި ޝާއިއު ކުރާ ޚަބަރު ނަގަން އެންގުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކުރެވިދާނެ ކަމެއްކަމަށް ގަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241)ގެ އިއްޔެގެ ބައްދަލުވުން، ސިއްރުކުރަން ކޮމިޓީގެ މެންބަރުން ނިންމައި ސިއްރުކޮށްގެން ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަޖިލީހުގެ އިދާރާގެ ޔޫޓިއުބް ޗެނަލުން ވަނީ ވަކި ހިސާބަކަށް އެ ބައްދަލުވުން ލައިވް ސްޓްރީމް ކޮށްފައެވެ.

ބައެއް މީޑީއާތަކުން ވަނީ މަޖިލީހުގެ ޔޫޓިއުބުން އެ އޯޑިއޯ ނެގުމުގެ ކުރިން އަޑު އަހައިގެން ޚަބަރު ގެނެސްދީފައެވެ. އެކަމާ ގުޅިގެން އިއްޔެ މަޖިލީހުން ވަނީ ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތައް ނެގުމަށް އަންގައި ބަޔާނެއް ނެރެފައެވެ.

އެކަމާ ނުރުހުން ފާޅުކޮށް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގެ 241 ކޮމިޓީގެ ކޮމިޓީގެ އޯޑިއޯ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އާއްމުވެ، އެ އޯޑިއޯއާ ހަވާލާދީ ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި 50 މިނެޓް ވަންދެން އެ ކޮމިޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް މަޖިލީހުގެ އިދާރާއިން އަންގާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

“މަޖިލީހުގެ ގަވައިދުގެ ދަށުން ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް،” އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެމްޖޭއޭއިން ބުނީ ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް މީޑީއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަކީ އެ ޖަމިއްޔާއިން ގަބޫލުކުރާ އުސޫލާއި ހަމަ ކަމަށެވެ.

މީގެ އިތުރުން، އެ އޯޑިއޯ 50 ވަރަކަށް މިނެޓަށް ލައިވްކޮށްފައިވާއިރު އެއަށް ހަވާލާދީ ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ޚަބަރު ނުލިޔުމަށް އިރުޝާދެއް ވެސް ދީފައި ނުވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެމައްސަލައާ ގުޅިގެން އެޑިޓާޒް ގިލްޑުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކި ވާހަކަތައް، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް، އެ ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން އެންގުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ލިބޭ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ މައުލޫމާތެއް ރިޕޯޓު ކުރުމުގެ ހައްގު ނޫސްވެރިޔާއަށް އޮންނާނެ ކަމަށާއި، ރިޕޯޓު ކުރުމުގައި އެ މަސްދަރަކުން ލިބުނު މައުލޫމާތުން ހާމަކުރާނެ މިންވަރު ކަނޑައެޅުމުގައި ނޫސްވެރިޔާ ސަމާލުވާންޖެހޭ ކަންކަން ރާއްޖޭގެ ނޫސްވެރިން އަމަލު ކުރާ މިންގަނޑު ތަކުގައި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

”ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 146 ވަަނަ މާއްދާއިން އެނގޭ ގޮތުގައި، ކޮމިޓީ ތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެއްކަން ވެސް ފާހަގަ ކުރަމެވެ،” ގިލްޑުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަކީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީއެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top