މަޝްހޫރު ވިޔަފާރިވެރިޔާ މއ.އެވަރގްލޯރީ އަހްމަދު އާރިފް (އާއްޓޭ ) ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.
ކާމިޔާބު ވިޔަފާރިވެރިޔާ އާއްޓޭ ،އެކަން ޔަގީން ކޮށްދެއްވަމުން އީވީއަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާ އަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ގައުމީ ޚިދުމަތެއްގެ ގޮތުން ކަމުގައެވެ.
“ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަކީ އަޅުގަނޑު އަބަދުވެސް ޝައުގުވެރިކަން ހުރި ދާއިރާ އެއް . އެހެންނަމަވެސް ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމުގެ ރަނގަޅު ވަގުތު އައިސްޖެހުމުން ކަމަށް ވާތީ މިއީ މިކަމަށް އެންމެ މުނާސަބު ވަގުތު ކަމަށް ދެކެނީ..” މަޝްހޫރު ތާރީޚީ ލިއުންތެރިޔާ އަލްމަރްހޫމް އަބްދުލް ހަކީމް ހުސެން މަނިކުގެ ދަރިފުޅު ވިދާޅުވިއެެވެ.
އާއްޓޭ ވިދާޅުވީ އޭދަފުށީ ދާއިރާ ޚިޔާރުކުރީ ތަންދޮރު ފިލާ ރައްޔިތެއް އޮތް ތަނަކަށް ވެފައި މި ދާއިރާގެ ރައްޔިތުންނަކީ ހަމައާއި އިންސާފު އަދި ކޮންމެ ކަމަކަށްވެސް އެންމެ އެކަށީގެންވާ މީހަކީ ކޮބައިތޯ ބެލުމަށް ފަހު ނޫނީ އެއްވެސް ކަމެއް ނުނިންމާނެ ބައެއްކަމަށް ކަމަށް ގަބޫލު ކުރެވޭތީއެވެ.
އެމްޑީޕީގެ ޓިކެޓްގައި އާއްޓޭ މިދާއިރާ އަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާއިރު ބ.އަތޮޅު ކައުންސިލްގެ ރައީސް ،މަބްރޫކު ނަސީރުވެސް ވަނީ އެމްޑީޕީގެ ޓިކެޓްގައި މިދާއިރާ އަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އެހެންކަމަށް ވާނަމަ އުސޫލެއްގެ ގޮތުން ދެން ދާން ޖެހޭނީ ޕްރައިމަރީއަކަށެވެ.
މި ދެބޭފުޅުންގެ އިތުރުން މި ދާއިރާ އަށް ވާދަ ކުރެއްވާނެކަމަށް ވިދާޅުވެފައިވަނީ މިހާރުވެސް މި ދާއިރާގެ މެންބަރު އަހްމަދު ސަލީމުއެވެ. މީގެ އިތުރުންވެސް މި ދާއިރާ އަށް ކުރިމަތި ލައްވާނެކަމަށް ސޯޝަލް މީޑިއާތަކުގައި ކެމްޕޭން ކުރައްވާ ބޭފުޅުން އެބަ އުޅުއްވައެވެ.