އިތުރު މަޝްރޫއުތަކެއް ހިންގުމަށް ބަޖެޓުގައި ވާނީ ހިމަނާފައި -އެމްޕީ ސަލީމް

DSCN3910.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް -އީވީ ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ރަށްތަކުގައި އިތުރު މަޝްރޫއުތަކެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓްގައި މިހާރުވާނީ ހިމަނާފައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނި 2019ވަނަ އަހަރުގެ ބަޖެޓުގައި މިދާއިރާ ހަނދާން ނައްތާލާފައިވަނީ ދާއިރާގެ މެންބަރުގެ ސަބަބުންކަމަށް އަޑު ފެތުރެމުންދާ ދުވަސް ވަރެއްގައި ކަން ފާހަގަ ކުރެވެއެވެ.

ސަލީމް ވިދާޅުވީ 29.6 މިލިއަން ރުފިޔާގެ ބަޖެޓް އެކުލަވާލުމުގެ މަރުހަލާގައި ކުރި މަސައްކަތް ބޭކާރުވީ ނަމަވެސް އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ފުރަތަމަ ދުވަސް ކޮޅާ ދިމާކޮށް ދާއިރާގެ ހައްގުގައި ކުރި ބުރަ މަސައްކަތް ކާމިޔާބު ވެއްޖެކަމުގައެވެ. އަދި ބަޖެޓް ކޮމިޓީގެ ދެ ހަފްތާއަށް ދިގު ދެމިގެންދިޔަ ޖަލްސާތަކުގައި 30.25 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓުގައި މިދާއިރާގެ ރަށްތަކުގެ ތަރައްގީއަށްވެސް އިތުރު ކަންތައް ތަކެއް ކުރުމަށް ހިމަނައި އެކަންކަން އަންނަ އަހަރުގެ ތެރޭގައި ހިނގަމުން ދާނެކަމާމެދު ޝައްކު ނުރައްވާ ކަމުގައެވެ.

“އޭދަފުއްޓަށް ބަލާނަމަ ބ.އަތޮޅު ހޮސްޕިޓަލުގައި ބިލްޑިންގއެއް އެޅުމަށް 20 މިލިއަން ރުފިޔާ އާއި އޭދަފުށީގެ މަގު ހެދުމަށް 17 މިލިޔަން ރުފިޔާ އާއި އޭދަފުށީގެ ރަސްމީ ބޯޅަ ދަނޑު ހަދަން ފަށައިގަތުމަށް އެއް މިލިއަން ރުފިޔާ ވާނީ ބަޖެޓަށް އިތުރު ކޮށްފައި. ހިތާދޫ އާއި މާޅޮހު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ތައުލީމާއި ސިއްހީ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭގައި ކުރެވިގެން ދާނެ .” ސަލީމް ވިދާޅުވިއެވެ.

މި ދާއިރާގެ ގޮނޑީގައި ސަލީމް ދިހަ އަހަރު ދުވަސް ފުރިހަމަ ކުރައްވަމުން ދާއިރު ދާއިރާގެ އަނެއް ދެ ރަށްކަމުގައި ހިމެނޭ މާޅޮހާއި ހިތާދޫ އަށް ވަރަށްބޮޑަށް އިހުމާލުވެފައިވާ ވާހަކައަށްވެސް ސަލީމު ރައްދު ދެއްވިއެވެ.

“މަޖިލީހުގެ މި ދާއިރާގެ މެންބަރެއްގެ ގޮތުން ދާއިރާއަށް ބޭނުންވާ ކަންކަމާ ރައްޔިތުންގެ އިހްސާސްތައް ހިފައިގެން ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނަށް ގެ އަރިހަށް އަޅުގަނޑަށްވުރެ ގިނައިން ދާ މީހަކު ނުހުންނާނެ. އަޅުގަނޑުގެ ދާއިރާ ތަމްސީލު ކުރަނީ ގޭގައި އިނދެގެން ނޫން. މަޖިލީހުގެ ޔައުމިއްޔާ ތަކާއި މަޖިލިސް ހިނގާ ގޮތް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ބައްލަވާ ނަމަ އެމަޝްރޫއުތައް ނުހިނގާ ހުރީ އަޅުގަނޑުގެ ސަބަބުން ކަން އެކަކުވެސް ގަބޫލެއް ނުކުރާނެ. ” ސަލީމު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ގައި އޭނާ މި ދާއިރާގެ ގޮނޑިއަށް ފުރަތަމަ އިންތިޚާބުވީ 2008 ގައި ކަމަށާ އޭރު އޮތީ އެމްޑީޕީ ސަރުކާރު ކަމުން އެއްގޮތަކަށްވެސް މި ދާއިރާ އަށް އަޅާލާފައި ނުވާ ކަމުގައެވެ.

“މަޖިލީހުގައި ދާއިރާގެ ހައްގުގައި ކިތަންމެ ވަރަކަށް ހަޅޭއްލެވި ނަމަވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންނުވާނަމަ އެކަން އެއީ ދާއިރާގެ މެންބަރުގެ އިހުމާލުން ވާކަމެއް ކަމުގައި ބުނުމަކީ އިންސާފެއް ނޫން. ހަގީގަތުގައި ވޭތުވެ ދިޔަ 5 އަހަރު އަޅުގަނޑުގެ ދާއިރާ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިއްޖެކަމުގެ ހިތްހަމަޖެހުން އެބައޮތް. ”

ސަލީމު ވިދާޅުވީ ބަޖެޓްގައި ކަމެއް ހިމެނުމަށްފަހު އެމަޝްރޫއު ތަންފީޒު ވާން ޖެހޭނެކަމާއި އެކަމަކު އެކަން ނުހިނގުން ނުވަތަ ލަސްވުން އެއީ މުޅިން އެހެން ކަމެއް ކަމުގައެވެ. އެހެންނަމަވެސް އެފަދަ މަޝްރޫއުތައް ހިނގަން ނުފަށާނަމަ ނުވަތަ ލަސްވާނަމަ ، ކަމާބެހޭ ސަރުކާރުގެ މުވައްސަސާތަކުގެ ސަމާލުކަން ގެނައުމަކީ އާއްމުކޮށް އޭނާ ހިނގަމުން އަންނަ މަގުކަމަށް ވިދާޅުވިއެވެ.

“ދާއިރާގެ މެންބަރު ވީމާ އެއީ ހަމައެކަނި މަޖިލީސް ތަމްސީލު ކުރާ މެންބަރެއްގެ ގޮތަކަށް ނޫން އަޅުގަނޑު ވިސްނުން ހުންނަނީ. ކޮންމެ ރައްޔިތަކަށް ވެސް ބޮޑު ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑުގެ ފަރާތުން އެމީހަކަށް އެހީވެވެން އޮތް ގޮތަކަށް އެހީތެރިވުމާއި ސަރުކާރު މެދުވެރިވެގެން ކުރަން ޖެހޭ ކަންކަމުގައިވެސް އެމީހަކަށް އެހީތެރިވުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބަލަމުން އަންނަނީ. “ސަލީމު އިތުރަށް އޮޅުން ފިލުވައިދިނެވެ.

ސަލީމްވަނީ ވޭތުވެގެންމިދާ 10 އަހަރުވެސް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރެއްގެ ގޮތުން ދާއިރާގެ ރައްޔިތުން ފުރިހަމަ މެޖޯރިޓީއާއެކު އިންތިޚާބު ކޮށްފައެވެ. އިތުރު 5 އަހަރަށް މި ދާއިރާއަށް ވާދަ ކުރައްވަން ސަލީމު ނިންމަވާފައިވަނީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ސަލީމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top