ލިޔުނީ: އަހްމަދު ޝާމް
މިހާރު މާލޭގައި ކުރިޔަށްދާ މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ބ. ގޮއިދޫ ސްކޫލްގެ ދެޖިންސްގެ ޓީމްވެސް މިއަދު ކުޅުނު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ، މާލޭ ސްކޫލްތައް ސިއްސުވާލައިފިއެވެ.
މިދިޔަ މަހު މާލޭގައި އޮތް ބީޗް ވޮލީ ބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވާ ގޮއިދޫ ޓީމް، މިއަދު ހަވީރު މާލޭގައި ކުޅުނު 2 މެޗްވެސް ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކު ސީދާ 2 ސެޓުންނެވެ.
16 އަހަރުން ދަށުގެ ފިރިހެން ގްރޫޕުން ގޮއިދޫ މިއަދު ބައްދަލުކުރީ މަޖީދިއްޔާ ސްކޫލާއެވެ. ސީދާ ދެސެޓުން ގޮއިދޫ މެޗް ކާމިޔާބުކުރިއިރު ފުރަތަމަ ސެޓް ނިންމީ 25-7ންނެވެ. ދެވަނަ ސެޓް 25-9ންނެވެ.

ގޮއިދޫ ސްކޫލްގެ ފިރިހެން އަދި އަންހެން ވޮލީ ޓީމް. މިއަދުގެ މެޗްތައް ސީދާ ދެސެޓުން ވަނީ ކާމިޔާބުކޮށްފައި / އީވީ ފޮޓޯ: ޝާމް
ހަމަ އެއުމުރުފުރާގެ އަންހެން ގްރޫޕުން ގޮއިދޫ މިއަދު ބައްދަލުކުރީ އަހްމަދިއްޔާ ސްކޫލާއެވެ. މިމެޗްވެސް ސީދާ ދެސެޓުން ގޮއިދޫ މެޗް ކާމިޔާބުކުރިއިރު ފުރަތަމަ ސެޓް ނިންމީ 25-16ންނެވެ. ދެވަނަ ސެޓް 25-15ންނެވެ.
އެތުލެޓިކްސް އާއި ކުޅިވަރުގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދަމުން އަންނަ ގޮއިދޫ ޓީމުންވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އަންހެން ގްރޫޕުގެ ޗެންޕިއަންކަން ހޯދާފައެވެ. ފިރިހެން ގްރޫޕަށް މިދިޔަ އަހަރު ލިބުނީ ރަނަރއަޕް ކަމެވެ.
މިއަހަރުގެ މުބާރާތް ނިމޭނީ 15މާރޗްވާ ބުދަދުވަހުއެވެ.