ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަލްސާ އިންވެސްޓްމަންޓްގެ ދަށުން އޭދަފުށީގައި ހިންގާ މަޝްހޫރު ރެސްޓޯރަންޓް، ސަލްސާ ރިޓްރީޓް، ވަގުތީ ގޮތުން ބަންދު ކުރުމަށް އެރެސްޓޯރެންޓުން ނިންމަވައިފިއެވެ.
މިކަމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ( ކޮވިޑް-19) ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓިިފައިވާ މި ދަނޑިވަޅުގައި އަމިއްލަ ރައްކާތެރިކަމާ ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާތަކުންނާއި ދިވެހި ރާއްޖޭގެ ސިއްހަތާބެހޭ އިދާރާއިން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކޭތީ ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 16 މާރިޗުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަލްސާ ރިޓްރީޓް ބަންދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ދެން ރެސްޓޯރެންޓް ހުޅުވޭނީ މިމަހު 23ގައި ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ސަލްސާ ރިޓްރީޓްގެ ކާމިޔާބީއަކީ ކަސްޓަމަރުން ދެއްވާ އެއްބާރުލުން ކަމަށް ވާތީ އެކަމަށްޓަކާ ހުރިހާ ކަސްޓަމަރުންނަށް ޝުކުރުއަދާ ކުރާކަމަށް މެނޭޖްމަންޓުން ވިދާޅުވި އެވެ.