2015ވަނަ އަހަރު އައުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަޅު ރަށަކާއި ފަޅެއް ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށް އެންވަޔަރަން މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާ ބެހޭ ގޮތުން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި މަޝްހޫރު ޑައިވް ސައިޓްތަކާއި ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އަދި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭ ކަމަށާއި އަދި ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އާއި އަރި އަތޮޅުގައި ހުންނަ ސައުތް އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ތަންތަނަށް ވެފައިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓާ ސެންޓަރުތަކާއި އެ ޕާކުތައް މެނޭޖުކުރަން ހާއްސަ މުވައްޒަފުން ތިބޭނެ ކަމަށާއި އަދި މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަހައްދާއި ކުރިއަށް އޮތް ތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަހައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.
އެގޮތުން 2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތަ އާއި ކަނޑޫފާ ޗަސްބިންތަކުގެ 20 އިންސައްތަ އަދި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރޭޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ގުދުރަތީ ގޮތުން މުއްސަނދި ތަންތަން ކަމަށާއި މިތަންތަން ރައްކާތެރިކޮށް ބަލަހައްޓައި ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިގުތިސޯދީ މަންފާ ލިބޭނެ ތަންތަނަށް ހެދުމަށްޓަކައި އީކޯ ޓޫރިޒަމް ފެސިލިޓީތަކާއި ގައިޑްލަންތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މިމަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.