އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ، ހިއްސާދާރުންނަށް ރެކޯޑު އަދަދެއް!

b_vyqTgLpuktU278ywnf8qFGZAp.jpg

20 ޖޫން 2021 މިއަދު ބޭއްވި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން

ރާއްޖޭގެ ގިނަ ބަޔަކު ހިއްސާ ގަނެފައިވާ އެމްޓީސީސީއިން އެކުންފުނީގެ ހިއްސާދާރުންނަށް މޫނުމަތީއަގު ފަސްރުފިޔާގެ ކޮންމެ ހިއްސާއަށް ތިން ރުފިޔާ ބަހަން ނިންމައިފިއެވެ.

މިއީ މިހާތަނަށް ކުންފުނީގެ ދިގުމާޒީގައި ހިއްސާދާރުންނަށް ނުލިބޭވަރުގެ ބޮޑުއަދަދެކެވެ.

އެގޮތަށް ފާސްކުރީ ވާޗުއަލްކޮށް މިއަދު ބޭއްވި 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 86 ޕަސެންޓު ވޯޓުންނެވެ

ކޮވިޑްގެ މި ހާލަތުގައިވެސް އެމްޓީސީއަށް އާމްދަނީގެ ގޮތުގައި 1.38 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހުސްވި އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 191 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީއަހަރަށްވުރެން 258 ޕަސެންޓު ފައިދާ އިތުރު އަދަދެކެވެ.

އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާ އެވެ.

މިއަދު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވަނީ ހޮވައިފަ އެވެ.

މި ޖަލްސާގައި އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާޕާސަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، ސީއޯއޯ ޝާހިދު ހުސައިން މޫސާ އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ އާއި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު އިމްރާން އަދުނާން(މ. މެއިން، މާލެ) އާއި ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top