ގޮއިދޫގައި އީދު ކުޅިވަރު ނިންމާލީ އަލިފާން ފުޓްސަލް މެޗަކުން

file-tzaskw.jpg

ބ. ގޮައިދޫގައި ކުޅުނު އަލިފާން ބޯޅަ މެޗުގެ ތެރެއިން - ފޮޓޯ: ގޮއިދޫ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ

މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން ބ. ގޮއިދޫގައި ރޭ އަލިފާން ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

އަލިފާން ބޯޅަ ކުޅުމަކީ ބ.ގޮއިދޫ މީހުން ބޮޑުއީދު ފަދަ މުނާސަބާތައް ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ފޯރިގަދަ ކުޅިވަރެކެވެ.

މިއަހަރު މެޗް އިންތިޒާމް ކުރީ ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޑިވޮލޮޕްމެންޓް ސޮސައިޓީއިންނެވެ.

އަލިފާން ފުޓްބޯޅަ އަކީ ބޯޅައިގައި އަލިފާން ރޯކޮށްގެން ދަނޑުގެ ހުރިހާ ލައިންތަކަކާއި ގޯލްތަކުގައިވެސް ވަގުތުން ހުޅުޖަހައިގެން މީގެ ފަސް އަހަރުކުރިން ގޮއިދޫގައި ތައާރަފްކުރި ފުޓްބޯޅައެކެވެ.

މި މެޗާބެހޭ މައުލޫމާތު ދެމުން ގޮއިދޫގެ ފުޓުބޯޅަ ތަރި އާދަމް ނިޒާމް (ކިތުނާ ) ބުނީ މިއީ ރަށުގެ ރައްޔިތުން ވަރަށް ޝައުގުވެރިވާ ކުޅިވަރެއް ކަމަށެވެ. އޭނާ ބުނީ ސެކިއުރިޓީ ވަރުގަދަކޮށް ކުރިޔަށް ގެންދާ މިމެޗް ބަލަން ގިނަ އަދަދަކަށް މީހުން އެއްވާ ކަމަށެވެ.

ކުރީގެ އީދެއްގައި ގޮއިދޫގައި ބޭއްވި އަލިފާން ބޯޅަ މެޗެއްގެ ބައިވެރިން

”ދަނޑު ވަށައިގެންނާ މެދުރޮނގާ ގޯލްތައްވެސް ހުންނާނީ މެޗްކުޅޭ ގަޑީގައި އަލިފާން ރޯކޮށްފަ. އަނެއްކާ ގޯތައްވެސް ހުންނާނީ ރޯކޮށްފަ. ބޯޅަވެސް ކުޅެމުންދާނީ ހުޅުގަނޑާއެކު. ކުޅުންތެރިންގެ ސެކިއުރިޓީއަށް އަލިފާން ނުހިފާކަހަލަ ސައިބޯނި، ލޯޝަން ކަހަލަ އެއްޗެތި ހާކައިގެން މެޗް ކުރިޔަށް ދާނީ” ކިތުނާ ބުންޏެވެ.

މީގެ އިތުރުން އަލިފާން ނިއްވަން ބޭނުން ކުރާ ފުޅިއާއި، ތެންމާފައިވާ ތުވާލިތަކާއި، ބެލޭންކެޓްތައް މެޗް ފެށުމުގެ ކުރިން ހުންނާނީ ސްޓޭންޑް ބައި ގައެވެ. އެއާއެކު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޒުވާނުން ކޮޅެއް އަލިފާން ދަނޑުގެ ބޭރުން ހަރަކާތްތެރި ވާނެ އެވެ.

މެޗު ކުޅޭ ދެޓީމުގެ ކުޅުންތެރިން ވެސް ދިގު އެއްޗެހި ލުމަކީ މަނާ ކަމެކެވެ. ދަނޑު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން ކުޅުންތެރިންނަށް ހަމައެކަނި ލެވޭނީ ސޯޓެކެވެ. އަދި ބައެއް ކުޅުންތެރިން ޝަވަޖެލް ކަހަލަ އެއްޗެހި، ކުޅުމުގެ ތެރޭގައި ހޫނު މަޑު ކުރުމަށް ގައިގައި ހޭކުމަކީ މައްސަލައެއް ނޫނެވެ.

ރޭ އަލިފާނުގައި ކުޅުނު ފުޓްސަލް މެޗު ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ. އެހެންވެ ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވީ އެރަށު ކައުންސިލް ރައީސް މުހައްމަދު ޝިޔާންގެ ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top