ރާއްޖޭގެ ފުރަތަމަ ފްލޯޓިންގ ގެސްޓް ހައުސް ފުޅަދޫގައި

305926_3_d54c584cbe580b274fc54af66c840b31a4096e43_large.jpeg

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ގެސްޓުހައުސް: ކުރިއަށް 2-3 މަހުތެރޭގައި ނިމޭނެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނިން ބުނޭ-- ފޮޓޯ: މުޖޫ/ޓްވިޓާ

ދިވެހި ރާއްޖޭގައި މުޅިން އަލަށް ފްލޯޓިންގ ގެސްޓް ހައުސް އެއް ގާއިމު ކުރުމުގެ މަސައްކަތް ބ.ފުޅަދޫގައި ފަށައިފިއެވެ.

ރީޕްސްކޭޕާސް ކުންފުނިން ބ. ފުޅަދޫ ކައިރިން ހަނިފަޅު ސަރަހައްދުގައި ތަރައްގީ ކުރާ މި ގެސްޓް ހައުސްއަކީ 800 އަކަފޫޓްގެ ތަނެކެވެ. މި ތަނުގައި ބަދިގެ އާއި ލިވިން ރޫމުގެ އިތުރުން ޑެކަކާއި ގެސްޓުންނަށް ހިދުމަތް ދޭނެ އަށް ކޮޓަރި ހުންނާނެ އެވެ.

ރީފްސްކޭޕާސްގެ މެނޭޖިން ޑިރެކްޓަރު ތޯމަސް “މިހާރު” އަށް ބުނީ 2010 އިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ފުޅަދޫ ސަރަަހައްދު ހިޔާރު ކުރީ އެ ރަށަށް ކުރި ޒިޔާރަތެއްގައި ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

އޭނާ ބުނީ ފްލޯޓިން ގެސްޓް ހައުސް އަށް އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދު ކުރައްވާއިރު، ރީފްސްކޭޕާސް އަކީ އެކި ރިސޯޓުތަކުގައި މުރަކަ އާލާކުރުން ފަދަ ތިމާވެށީގެ ހަރަކާތްތައް ހިންގާ ކުންފުންޏެއް ކަަމަށެވެ. އެހެންކަމުން މި ކޮންސެޕްޓަށް ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ތިމާވެއްޓަށް ގެއްލުން ނުދީ މިފަދަ ޕްރޮޖެކްޓްތައް ހިންގޭނެ ކަން ހާމަކޮށްދިނުން ކަމަށެވެ.

“ދެހާސް ހަތްވަނަ އަހަރު އަޅުގަނޑު ކުރި ދަތުރުގައި ފުޅަދު އަށް ހިތް ޖެހުނީ. އަނެއްކާ މި ގެސްޓް ހައުސް ބާއްވާފައި އޮންނަ ސަރަހައްދަކީ ރާޅު ނުޖަހާ ސަރަހައްދެއް. މިފަދަ ޕްރޮޖެކްޓެއް ހިންގަން އެންމެ ރަނގަޅު ކަހަލަ ސަރަހައްދަކަށް ވާތީ އެ ތަން ނެގީ،” ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ފްރާންސަށް އުފަން ތޯމަސް ބުންޏެވެ.

އޭނާ މި ޕްރޮޖެކްޓުގެ މަސައްކަތް ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެގޮތުން، ފުޅަދޫގައި އެފަދަ ގެސްޓް ހައުސްއެއް ހަދައިދޭނެ ވަޑިން ނެތުމުން ތަނުގެ ގިނަ މަސައްކަތް ކުރީ ރ. މާކުރަތުގައެވެ.

ދިވެހިންނާއި ބިދޭސީންނަށް ވެސް ޗުއްޓީ ހޭދަކޮށްލަން ދެވޭނެ އެ ގެސްޓް ހައުސް ފުޅަދޫގެ ފަޅުތެރެއަށް ގެންދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ގެސްޓް ހައުސް ފުޅަދު އަށް ގެންދިޔަތަނާހެން ކޮވިޑް-19ގެ ސަބަބުން ރާއްޖެ ބަންދު ކުރުމުން އޭގެ މަސައްކަތް ލަސްވީ ކަމަށާ ނަމަވެސް މިހާރު މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށާއި 2-3 މަސް ތެރޭގައި ގެސްޓް ހައުސް އެއްކޮށް ނިމޭނެ ކަމަށް ތޯމަސް މައުލޫމާތު ދިނެވެ.

“މާކުރަތުން ފުޅަދޫ ފަޅަށް އަޅުގަނޑުމެން ގެސްޓް ހައުސް ގެންގޮސްފިން ކޮވިޑްގެ ކުރިން. އެކަމަކު ކޮވިޑާ ހެދި މަސައްކަތް ލަސްވީ. އެހެން ނޫން ނަމަ މިހާރު މަސައްކަތް ނިމިފައި ހުންނާނީ،”

ގެސްޓް ހައުސްއެއް ގޮތަށް ތަރައްގީ ކުރި ނަމަވެސް މިތަން ފެތޭނީ ޓޫރިޒަމްގެ ކޮން ޕްރޮޑަކްޓެއްގެ ތެރޭގައި ކަން ނިންމާނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

ތޯމަސް ބުނީ ފްލޯޓިން ގެސްޓް ހައުސް ހިންގުމުގެ ހުއްދައަށް މިހާރު އެދިފައިވީ ނަމަވެސް އަދި ވަކި ޖަވާބެއް މިނިސްޓްރީން ނުލިބޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top