ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ މިންވަރު އިތުރު ކޮށްދިނުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދާތީވެ އެގޮތަށް އެކަން ކުރާނަމަ ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމުގެ އިންޒަރު ބޭންކުން ދީފި އެވެ.
ބީއެމްްއެލްއިން މިއަދު ބުނީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި ޞިއްޙީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައެޅިފައެވެ.
“މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ދަތުރުފަތުރުގެ ކަންކަމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކުރެވުނު ކަމެކެވެ.” ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި ޞިއްޙީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައެޅިފައެވެ.
“މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ދަތުރުފަތުރުގެ ކަންކަމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކުރެވުނު ކަމެކެވެ.” ބޭންކުން ބުނެފައިވެއެވެ.
ނަމަވެސް، މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާކަން ފާހަގަވެފައިވާ ކަމަށާއި، އެގޮތުން، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ އެކައުންޓަށް ނަގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ. މީގެ އިތުރުން، އެއް ގޭތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގާކަން ވެސް ބޭންކަށް ވަނީ ފާހަގަ ކޮށްފައެވެ.
އަދި ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް މި ނަހަމަ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބޭންކުން ބުނީ، މިގޮތަށް ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަަމަށެވެ. އަދި ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށާއި، އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބޭންކުން ބުނީ ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. އަދި މި ގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓުތަކުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.





