އާ ސީއެމްބިއުލާންސް ގެނައުމަށް އަދި މަރާމާތަށްވެސް ބަޖެޓެއް ނެތް – މާރިޔާ

b_9VEqGQtME92ZGCJw9ogqjBPkN.jpg

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ، - ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖެއަށް ބޭނުންވާ ސީ އެންބިއުލާންސް ގެނައުމަށާއި މިހާރު ހުރި ސީ އެމްބިއުލާންސްތައް މަރާމާތު ކުރަންވެސް އެކަށީގެންވާ ބަޖެޓެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވެއްޖެއެވެ.

ސީ އެމްބިއުލާންސްތަކުގެ ހާލަތާ ބެހޭ ގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވައިފައިވާ ސުވާލަށް ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ދެއްވި ޖަވާބުގައި ވިދާޅުވީ ސީ އެމްބިއުލާންސް ފަދަ މުހިންމު އަދި އެހާމެ ގިނައިން ބޭނުންކުރަން ޖެހޭ ޚިދުމަތެއް ފޯރުކޮށްދޭ ވަސީލަތެއް ބެލެހެއްޓުން ހަރުދަނާގޮތުގައި ކުރިއަށް ގެންދެވޭނީ އެކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ މިންވަރުގެ ބަޖެޓެއް ވެސް ލިބިގެން ކަމަށެވެ.

މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމަކީ، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގުގައި ދޫކޮށްލަންޖެހޭނެކަމަށް ލަފާކުރެވޭ އުޅަނދުތައް ގިނަ ނަމަވެސް، ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތްކަމަށެވެ. އަދި ސީއެމްބިއުލާންސްތައް މަރާމާތު ކުރުމަށާއި، ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނެ މިންވަރަށް ބަޖެޓެއް ލިބިފަިއނުވާކަމަށް މިނިސްޓަރު މާރިޔާގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތަކަށްވާއިރު، އެ ހިދުމަތް އެވަގުތަކު ފޯރުކޮށްދެވެން އޮތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭތޯ އެމްއެންޑީއެފްއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ހިދުމަތް ސިފައިން މިހާރުވެސް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައިކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެ ހިދުމަތް ފެށުމަށް ޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލުކުރި އުޅަނދު ތަކަކީ ގިނަ ދުވަސްވެ، ހާލަތު ދަށްވެފައިވާ އުޅަނދު ތަކަކަށް ވުމާއި، މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު ގިނަ ލޯންޗްތައް މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރު ވުމާއި، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގެއްގައި ދޫކޮށްލަން ޖެހޭނެ އުޅަނދުތައް ގިނަވުން ހިމެނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތުމާއި ސީ އެންބިއުލާންސް މަރާމާތު ކުރުމަށާއި ބާވެ ހާލު ދެރަވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނަ މިންވަރަށް ބަޖެޓް ނުލިބުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top