ފަގީރުންނަށް އެހީގެ ކާޑެއް ތައާރަފު ކުރަނީ

582662479_1165933542383846_5428301868106648231_n.jpg

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު --- ފޮޓޯ: ރައީސް އޮފީސް

ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ޚާއްސަކޮށް، “ޒަކާތު ބެނެފިޝަރީ ކާޑު”ގެ ނަމުގައި ކާޑެއް އަންނަ އަހަރު އިފްތިތާހު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ އެ ކާޑު ތައާރަފްކުރަނީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށެވެ. އަދި ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް އޭނާއަށް ކަނޑައަޅާފައި އޮންނަ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

“މިސާލަކަށް ރޯދަ މަހުގައި އަޅުގަނޑުމެން މި ދިނީ ފަގީރު މީހާއަށް ކާބޯތަކެތި. އެހެންވީމަ އެ ކަމަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ މިސާލަކަށް 5000 ރުފިޔާ. އެހެންވީމަ އެ 5000 ރުފިޔާއަށް ކަނޑައަޅާފައި ހުންނަ ފިހާރަތަކުން ތަކެތި ގަނެވޭނެ. އެތަނަށް އިނގޭނެ އެއީ ފަގީރެއްކަން،” ޝަހީމް ވިދާޅުވި އެވެ.

މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަމުންދަނީ ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހް ކުރަން ކަމަށްވެސް ވިދާޅުވި އެވެ.

ފާހަގަކުރެވޭ ގޮތުގައި ޝަހީމް ވަނީ، ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ކުރިން ވިދާޅުވެފައެވެ. އެގޮތުން ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް އެހީވުން އިތުރުކުރާނެ ގޮތްތަކުގެ މައްޗަށް މިނިސްޓްރީން ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ކަރުދާސް ތައްޔާރުކޮށް ނިމުމުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

ޒަކާތުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު، މި ޤާނޫނުގެ ދަށުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާ ބެހޭ ކަންކަން ހިމެނޭ ގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ އެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top