ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އަލަށް އަންހެނަކު ލިޔުއްވި ހުކުރު ޚުތުބާއެއް އިއްވައިފި އެވެ.
އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މައުޟޫއަށް ބިނާކޮށް މިއަދުގެ ހުކުރު ޚުތުބާ ލިއުއްވީ ހައްވާ ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. އާއިލީ ގުޅުން ދަމަހައްޓާނެ ގޮތްތަކާއި އާއިލާގެ މުހިންމުކަމުގެ މައްޗަށް މި ޚުތުބާގައި ވަރަށް ރީތިކޮށް އަލި އަޅުވާލައްވައިފައި ވެއެވެ.
ޚުތުބާގައި ބުނީ އާއިލީ ގުޅުން ދަމަހައްޓަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އާއިލާއަކީ މުޖުތަމައުގެ ބިންގައު ކަމަށާއި މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމައު ބާރުވެރިއެއް ނުކުރެވޭނެ ކަމަށެވެ. މިއަދު އިސްލާމީ އުންމަތް މި ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމައަކަށް ނުހަނު ބޭނުންވެފައި ކަމަށާއި އާއިލީ ޒިންމާގެ ތެރޭގައި މުޖުތަމައަށް ބޭނުންވާ ހުރިހައި ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
”ތަނަވަސްކަން ލިބިގެންވާ މީހުން، ދަތިޙާލުގައި އުޅޭ މީހުންނަށް އެކިގޮތްގޮތުން އެހީތެރިވެދީގެންނެވެ. އާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި އާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ގާއިމުކުރާން ޖެހެއެވެ. އާއިލާގެ ހުރިހާ މެންބަރުން ގުޅިގެން އާއިލާ ހަރުދަނާކުރާން މަސައްކަތް ކުރާން ޖެހެ އެވެ.“ ޚުތުބާގައި ބުންޏެވެ
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރައްވާފައިވާ ހައްވައަކީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން ރާއްޖޭގެ އިސްލާމީކް ޔުނިވާސިޓީގެ ކުރީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރު ވެސް މެއެވެ.