ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެން އީވީ އިން ގެނެސްދޭ ”ސިޔާސީ ކަންމަތި” ގެ މި ފަހަރުގެ ބަތަލަކީ އެމްޑީޕީގެ ޓިކެޓްގައި އޭދަފުށި ކައުންސިލަށް ވޭތުވެދިޔަ ދެ ދައުރުވެސް ކުރިމަތިލައްވައިގެން ކާމިޔާބު ކޮށްފައިވާ އޭދަފުށީ ކައުންސިލްގައި ހިމެނޭ ހަމައެކަނި އެމްޑީޕީ މެންބަރު ނައުޝާދު އަހްމަދެވެ. ވޭތުވެ ދިޔަ ދެ ދައުރު ކައުންސިލުގެ މަގާމު ފުރުއްވުމަށްފަހު ތިންވަނަ ދައުރަކަށް ނައުޝާދު ކުރިމަތި ލެއްވިއިރު އޭނާގެ ޕާޓީގެ މެންބަރުންވެސް ހިމެނޭ ގޮތަށް ރައްޔިތުން އޭނާއަށް އަމާޒުކުރާ ސުވާލުތަކެއް އެބަހުއްޓެވެ. އެސުވާލުތަކަށް ނައުޝާދުވަނީ މިވަނީ އީވީ މެދުވެރިކޮށް ޖަވާބުވެސް ދެއްވާފަ އެވެ.
އެންމެންނަށްވެސް އެނގޭނެ ފަދައިން އެމްޑީޕީއިން އޭދަފުށީގައި އެންމެ ބޮޑު ކާމިޔާބެއް ނުވަތަ ރަށު ކައުންސިލުން މިހާތަނަށް ގޮނޑިއެއްވެސް ލިބުނީ ނައުޝާދަށް. އަދި އެގޮނޑި ތަކުރާރު ވުމަކީ ހަމަ ވަރަށް ބޮޑު ކާމިޔާބެއް. މި ކާމިޔާބާއެކު ކީއްވެގެންތޯ މިފަހަރު ކައުންސިލް ރައީސްކަމަށް ކުރިމަތި ނުލެއްވީ؟
ތިޔައީ ރަނގަޅުވާހަކަ އެއް. ގަބޫލު ކުރަން އެމްޑީޕީ އިން ކުރިމަތި ލާނަމަ އަޅުގަނޑުގެ މަގާމަކަށް ވާން ޖެހޭނީ ސީދާ ރައީސް ކަން. އެ ޚިޔާލު، ޕާޓީގެ އިސް ބައެއް ބޭފުޅުން ދެއްވި. އެކަމަކު އަޅުގަނޑަކީ ވަރަށް ބޮޑަށް މެޖޯރިޓީއަށް ތަބާވާ ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުރާ މީހަކަށް ވާތީ އަންނަ ދައުރުގައިވެސް ބޭނުންވަނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް ޚިދުމަތްކުރަން.
އެނގިވަޑައިގަންނަވާނެ އޭދަފުށީގެ މެޖޯރިޓީއަކީ އެއްވެސް ބަޔަކު ޝައްކު އުފައްދަން ޖެހޭ ކަމެއްނޫން. ޕީޕީއެމްގެ މެޖޯރިޓީ އޮތްތަނެއް މީ. އެކަން އަދި ބަދަލެއް ނުވޭ. އަޅުގަނޑުގެ އުއްމީދަކީ ބަދަލުވުން. އެމަސައްކަތް މި ކުރަނީ. ކޮންމެވެސް ވަރަކަށް އަސަރުތައްވެސް އެބަ ފެނޭ. އެކަމަކު މި ފަހަރު ރައީސްކަމަށް ކުރިމަތި ލުން އަޅުގަނޑުގެ ޒަމީރު ގަބޫލެއްނުކުރޭ.
ކައުންސިލް އިންތިހާބަށް މި ފަހަރު ނައުޝާދު ނުކުންނަ އިރު އިންތިހާބު ކާމިޔާބު ކުރުމަށް ނައުޝާދު ތިޔަ ގެންގުޅޭ ފޯމިއުލާ އެހެން ކެންޑުޑޭޓުންނާ ހިއްސާ ނުކުރަންތޯ؟
އަޅުގަނޑަކީ އިންތިހާބު އައިސް ބޯމަތިވީމާ ކެމްޕޭން ފަށާ މީހެއް ނޫން. އިންތިހާބެއް ކާމިޔާބު ވުމާހަމައިން ނުވަތަ ހޮވޭ ހިސާބުން އޮންނާނީ އަނެއްކާވެސް ކުރިއަށް އޮތް ދައުރަށް ކެމްޕޭން ފެށިފަ. ރައްޔިތުންނާ އަޅުގަނޑާ ދެމެދު އޮތް ގުޅުން ވަރަށް ގާތްވާނެ. މިހެން ދެންނެވީމާ ބައެއް ބޭފުޅުން ހީކުރައްވަފާނެ އަޅުގަނޑު ކޮންކަމެއް ބާއޭ ކުރަނީ. ހަގީގަތުގައި އަޅުގަނޑު ކުރާ ކަންތައް ނުވެސް އެނގޭނެ އެމްޑީޕީ އާއްމު މެންބަރުންނަށްވެސް. ނުސިދާކޮށް އަދި ސީދާކޮށްވެސް ރައްޔިތުންނާ ގުޅުން ހުރި ވަރަށް ގިނަ ކަންތައް ކުރަން. ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކަންތަކުގައި. މިސާލަކަށް، އޭދަފުށީގައި ހާދިސާއެއް ހިގައިފިނަމަ އެތަނެއްގައި ހުންނާނެ އެންމެ ފުރަތަމަ ކައުންސިލަރަކީ އަޅުގަނޑު. މިއީ ފޮންޏަށް ބުނާ ވާހަކައެއް ނޫން. އެހާދިސާ ހިނގި ވަގުތުން ފެށިގެން ނިމުމާ ހަމައަށް އެތަނުގައި އަޅުގަނޑު ހުންނާނެ. އަޅުގަނޑަށް އެނގޭ ކެމްޕޭން ކުރަންވީ ގޮތް. ބައެއް މެންބަރުންނަށް އަޅުގަނޑު ގެ މިގޮތް ކަމު ނުގޮސްފާނެ. އެކަމަކު ލާމަރުކަޒީ ނިޒާމެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ގޮތަކީ މިއީ ކަމަށް ދެކިގެން އެގޮތުގައި ކުރިއަށް މިއައީ.
ވަރަށް ބޮޑަށް ވިސްނައިގެން ކުރާ މަސައްކަތެއް ކެމްޕޭން ކުރުމަކީ. އުއްމީދު ކުރަނީ އަޅުގަނޑު މިހިނގާ މަގުން އެހެން ކައުންސިލަރުންވެސް ހިނގާނެ ކަމަށް. އަޅުގަނޑަށް ފެނިއްޖެ ޕީޕީއެމްގެ ސަޕޯޓް ބޮޑަށް އޮތް މި ރަށުން ޕީޕީއެމް މީހުންވެސް ފޭލިވެގެންދާތަން. ހަގީގަތުގައި ރައްޔިތުންނާ މެދު ބަހައްޓަންޖެހޭ ގުޅުންތައްް އެގޮތުގައި ނުބަހައްޓާތީ އެހެންވަނީ .
ޕްރައިމަރީގައި ކާމޔާބު ނުވެއްޖެނަމަ ކިހިނެއްތޯ ހަދާނީ.
އެހިސާބުން ނިމުނީ. އަމިއްލަ ގޮތުން ކުރިމަތި ނުލާނަން. އެހެންނަމަވެސް ދެންތިބި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސަައްކަތް ކުރާނަން. އަދި ޕާޓީގެ ކަންތަކުގައިވެސް ދެމި ހުންނާނަން.
ކިޔުންތެރިންގެ ޚިޔާލު