ބ. މާޅޮހު ބަނދަރުހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއްް ނިމިއްޖެ އެވެ.
އެގޮތުން މުޅި މި މަޝްރޫޢުގެ 83 އިންސައްތަ ނިމިފައިވާ އިރު މިހާރު ކުރިއަށް ދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން މައުލޫމާތު ދެއްވި އެވެ.
މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން، 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ %83 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެލްބްލޮކް ޖެހުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތްތައްކަމަށެވެ.
މާޅޮހަކީ ބަނަދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަން ފިލައި، އުޅަނދުތައް އަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ލިބި، ލަފައިފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މިއީ 75.43 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.







