ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” އާއި އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް” (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފުތިތާހު ކޮށްފިއެވެ.
އެމްއެމްއޭ ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި އަލަށް މި ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. އަދި ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ސިސްޓަމުން ފެންނަން ހުންނާނެއެވެ.
މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ، ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ޕާސަން ޓު މާޗަންޓް (ޕީ2އެމް) ނިޒާމު ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެއެވެ.
މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެބޭންކުގެ އެހެން އެކަންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ހަމާކުރެއެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަޤްވާމީގޮތުން ގުޅާލެވުނު މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ގޮސްފައިވާއިރު، މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ.
މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ޚިދުމަތެކެވެ. މިއީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ގައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.







