2020ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ލަފާކުރާގޮތުން އަތޮޅު ހޮސްޕިޓަލްތަކަށް ލިބޭ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ރާއްޖޭގައި ހޯދާނީ ބ. އަތޮޅު ހޮސްޕިޓަލް ކަމަށް ބުނެފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން އާއްމުކޮށްފައިވާ ދައުލަތުގެ ބަޖެޓްގެ އާމްދަނީ ފޮތުގައިވާގޮތުން އަންނަ އަހަރު ދައުލަތުގެ ބަޖެޓަށް އޮފީސްތަކުން ލިބޭ އާމްދަނީގެ ގޮތުގައި ބ. އަތޮޅު ހޮސްޕިޓަލަށް 4.4 މިލިޔަން ރުފިޔާ ލިބޭނެއެވެ. ނަމަވެސް އެއީ މިއަހަރު ލިބޭނެކަމަށް ލަފާކުރި 4.5 މިލިޔަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ.
ބ.އަތޮޅު ހޮސްޕިޓަލް ފިޔަވައި އަތޮޅު ހޮސްޕިޓަލްތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނާ އދ. އަތޮޅު ހޮސްޕިޓަލަށް ލިބޭނީ 2.9މިލިޔަން ރުފިޔާ ކަމަށް ބަޖެޓް ފޮތުގައި ވެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން މިދިޔަ މަހު ހާމަކުރިގޮތުން އެހޮސްޕިޓަލަށް ލިބޭ އާމްދަނީ އަހަރަކަށްވުރެ އަހަރެއް ދަނީ މަތިވަމުންނެވެ. އޭގެތެރޭގައި ބޮޑު ބައެއް ހިއްސާކުރަނީ ވިސާ މެޑިކަލް ފީގެ ގޮތުގައި ލިބޭ އާމްދަނީ ކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.
ބަޖެޓްގެ ލަފާކުރުންތަކާ ބެހޭގޮތުން ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިއީ އެހޮސްޕިޓަލަށް ލިބޭ ފަހުރެއްކަމަށާ، މިމަގާމް ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމަށެވެ.
“ހަގީގަތުގައި މިހާބޮޑު އާމްދަނީއެއް ލިބެނީ ވިސާ މެޑިކަލްގެ ކަންތައް ވަރަށް ބޮޑަށް މެނޭޖްކުރެވިގެން ކުރިޔަށް ގެންދެވޭތީކަމުުގައި ދަންނަވަންޖެހޭ. އަޅުގަނޑުމެން ފަހުރުވެރިވަން އަދި މިމަގާމް ދަމަހައްޓަށް މަސައްކަތް ކުރަމުންދާނަން” ރަޝީދު ވިދާޅުވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނައިރު، އެހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހަތަރު ބުރީގެ އާއިމާރާތެއް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރަޝީދު މިދިޔަ މަހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާއްސަ ބަލިތަކުގެ އިތުރު ޑޮކްޓަރެއްވެސް އަންނަ އަހަރު ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލަށް ލިބޭނެކަމަށް ވަރަށްބޮޑަށް އުއްމީދުކުރާކަމަށެވެ.
އަންނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ އަތޮޅު ހޮސްޕިޓަލަކަށް ބ. އަތޮޅު ހޮސްޕިޓަލް ވީނަމަވެސް ރާއްޖޭގެ އަތޮޅު ހޮސްޕިޓަލްތަކަށް އަންނަ އަހަރު ދައުލަތުން ކަނޑައެޅި ބަޖެޓުން ބ. އަތޮޅު ހޮސްޕިޓަލަށް ލިބުނީ ހަވަނައެވެ. އެއްވަނައިގާ 83 މިލިޔަން ރުފިޔާއާއެކު ހއ. އަތޮޅު ހޮސްޕިޓަލް އޮތްއިރު، ބ. އަތޮޅު ހޮސްޕިޓަލަށް ކަނޑައަޅާފައިވަނީ 66 މިލިޔަން ރުފިޔާއެވެ.