މިދިޔަ ސެޕްޓެމްބަރު މަހު ގްރީންޓެކްސްގެ ގޮތުގައި ބ.އަތޮޅުން 6 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީއޮފް ފިނޭންސުން ހާމަ ކޮށްފިއެވެ.
މިއީ އޭގެ ކުރީ އޮގަސްޓަމަހާ އަޅާބަލާއިރު 9ލައްކަ ރުފިޔާގެ އުނިވުމެކެވެ. ނަމަވެސް މުޅި ރާއްޖެއާ އަޅާބަލާއިރު މިމަހުވެސް ބ.އަތޮޅު ހިމެނެނީ އެންމެ ގިނައިން މި ޓެކްސް ދެއްކި ތިންވަނަ އަތޮޅުގެ ގޮތުގައެވެ. އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ 24.75 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އދ އަތޮޅުންނެވެ. އެއީ ނުވަ މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީ އިން އަންގާރަ ދުވަހު އާންމުކުރި ސެޕްޓެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން ރިސޯޓު، ހޮޓެލްސް އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ސެޕްޓެމްބަރު މަހު ޖުމްލަ 73 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ލިވަބޯޑްސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 225.8 މިލިއަން ރުފިޔާ ހުރިކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ. އެ މުއްދަތުގައި އެ ފަންޑުން 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މި ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓު ތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ އެވެ.