ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު އޭދަފުއްޓާ މާޒިޔާ ބައްދަލުކުރި މެޗް މާޒިޔާ ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް މާޒިޔާ އަރައިފިއެވެ.
ފުރަތަމަ 3 މެޗުން ހޯދި ބޮޑު މޮޅުތަކަކާއެކު އޭދަފުށި ތާވަލްގެ 1 ވަނަގާއި ހަމަޖެހިލާފައި އޮއްވާ މާޒިޔާއިން އޭދަފުށި ބަލިކޮށް އެއްވަނަ ހޯދީ މިއަދުގެ މެޗްގައި އޭދަފުށި ފަހަތުން އަރައެވެ. މި މޮޅާއެކު ހަތް ޓީމު ހިމެނޭ މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނައަށް މާޒިޔާ އެރީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. މިއަދުގެ މެޗުން ބަލިވުމުން އޭދަފުށި ވަނީ 9 ޕޮއިންޓާއެކު ދެ ވަނައަށް ވެއްޓިފައެވެ.
މިއަދު 3-2 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވިނަމަވެސް މެޗްގެ ފުރަތަމަ 2 ލަނޑުޖަހާ އޭދަފުށި ކުރިހޯދުމުން ގިނަބަޔަކު ހީކުރީ އޭދަފުށި ފަސޭހަކަމާއެކު މޮޅުވާނެކަމަށެވެ. ފުރަތަމަ ހާފްގައި 2 ލަނޑު އޭދަފުއްޓަށް ޖަހައިދިނީ އެންމެފަހު މެޗްގައި އޭދަފުއްޓަށް ހެޓްރިކް ހަދައިދިން އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ. މާޒިޔާއިން މެޗް އަނބުރާލީ ދެވަނަ ހާފްގައި ކާމިޔާބުކުރި 3 ލަނޑުންނެވެ.
މުމުބާރާތުގެ ތާވަލުގެ ތިން ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ސިފައިންގެ ކްލަބަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފަސް ވަނައިގައި ތިން ޕޮއިންޓާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތްއިރު ހަ ވަނައިގައި އޮތް ޕޮލިސް ކްލަބާއި ހަތް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެއް ވަނަ ހޯދާ ޓީމަކަށެވެ. ދެ ވަނަ ޖާގަ ލިބޭނީ ތާވަލުގެ ދެ ވަނަ އަދި ތިން ވަނަ ލިބޭ ދެޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.