ޝައިޚް މަޖީދުގެ ދަރެސް: ރޯދައަކީ ރައްކާތެރިކަމެކެވެ

Ramadan-and-sunset.jpg

މާތްﷲ، އިންސާނާ ނެތުމުގެތެރެއިން، ޚަލްޤުކުރައްވައި، މި ބިމުގައި ލެއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. އިންސާނުނަށް ތެދުމަގު(އެބަހީ:ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރި ކުރެވޭނެމަގު) ދެއްކެވުމަށް، ރަސޫލުންނާއި ނަބީން ފޮނުއްވެވިއެވެ. ﷲގެ ރަސޫލުންކަން ހާމަކޮށްދެއްވުމަށް، އެދުވަސްވަރަކާ ގުޅޭގޮތުން، މާތްﷲ އެބޭކަލުންނަށް މުޢުޖިޒާތްތައްވެސް ދެއްވާފައިވެއެވެ. ހަމަބުއްދި ހުރި ކޮންމެ މީހަކުވެސް ވިސްނާލުމުން އެއީ ﷲގެ ރަސޫލުންކަން ކަށަވަރުކޮށް ދެނެގަތުމަށެވެ.

އެގޮތުން މާތްﷲ މިއުންމަތަށް ފަރްޟު ކުރައްވާފައިވާ އެއްއަޅުކަމަކީ، ރަމަޟާން މަހު ރޯދަ ހިފުމެވެ. އެއީ އެކަލާނގެއަށް ތަޤްވާވެރިވުމަށްޓަކައެވެ. މާތްﷲއަށް ތަޤްވާވެރިވުމަކީ، މާތްﷲ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވެ އެކަލާނގެ އަމުރުކުރެއްވި ކަންކަން ކުރުންމަތީ ދެމިހުރުމެވެ. އެހެންކަމުން، ﷲގެ އަޅާ ރޯދައަށް ހުންނަހުރުން ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލެއްކަމުގައި ވާނީ، މާތްﷲ ނަހީކުރެއްވި އެންމެހާ ކުދިބޮޑު ފާފަތަކާ ދުރުހެލިވެގެން ހުރެ ރޯދަހިފުމުންނެވެ. ފަރްޟު ފަސްނަމާދު އަދާކުރުންމަތީ ދެމިހުރެ، އަދި މިނޫންވެސް އެންމެހާ ޙައްޤުތަކާއި ވާޖިބުތައް އަދާކުރުންމަތީ ދެމިހުރެ ރޯދަ ހިފުމުންނެވެ. އިސްވެ ބުނެވިދިޔަ ގޮތުގެމަތީން ރޯދަހިފައިފިނަމަ، އެރޯދަ ވެގެންދާނީ ސުވަރުގެ ދިޔުމަށް މަގުފަހިކޮށްދޭނެ އަޅުކަމަކަށެވެ.

ޤުދްސިއްޔަޙަދީޘެއްގައިވެއެވެ. (الصِّيَامُ جُنَّةٌ)  މާނައީ ” ރޯދައަކީ،އައްޑަނައެކެވެ.” (އެބަހީ: ރައްކާތެރިކަމެކެވެ.) އަދި ބައެއް ޢިލްމުވެރިން މާނަކުރައްވާ ގޮތުގައި، ރޯދައަކީ، ރޯދަވެރިޔާއާއި ނަރަކައާ ދެމެދުގައިވާ ހުރަހެކެވެ. އެގޮތަށް މާނަކުރެވެނީ، އެއީ ރޯދަ އަޅުކަމަކަށް ވަނީ، ނަރަކައަށް ދިއުމަށް މަގުފަހިވާނެ އެންމެހާ ކަންކަމުން ދުރުހެލިވެހުރެ ކުރާ އަޅުކަމަކަށްވާތީއެވެ. އަޅަމެންނީ، ﷲގެ ދަރުމައާއި ޘަވާބު ލިބެނިވިގޮތުގައި ރޯދަހިފާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top