ކޮޅުދާލި : އޭދަފުށީގެ ޖާދޫގަރު

0-02-06-658058145ec42e51e774dc3e7e4722223f2d0eba7e8e4738682023a676199b94_758ed26.jpg

ފަތުހުﷲ

އޭދަފުށި ނިޔަމި ބުކްޝޮޕަށް އަހަރެން ދިޔައީ ދަރިފުޅު ބުނެގެން ސްކޫލަށް ބޭނުންވާ ފޮތެއް ގަންނާށެވެ. ފޮތުގެ އަގު ކެނޑުމަށްފަހު ބާކީ އޮތް އެއް ރުފިޔާ ދިނުމަށް ފަހު އެރުފިޔާ އިހަށް ދީބަލާށޭ ބުނެފައި ކައުންޓަރުގައި އިންސޭޓު ފަތުހުﷲ އަބްދުﷲ (ފަތޫ) އޭނާގެ ޖާދޫގައި ނިކަން ރަނގަޅަށް އަހަރެން ޖެއްސިއެވެ. އެއްރުފިޔާ އޭނާގެ އަތަށްލާފައި މުއްކަވާލުމަށްފަހު ދެން އަތް ހުޅުވައިލިއިރު އެ ރުފިޔާ ފެންނާކަށް ނެތެވެ. އެންމެ ސިކުންތެއްގެ ތެރޭގައި އަލުން އަތް މުއްކަވާލާފައި ހުޅުވާލި އިރު އެއްކަލަ އެއް ރުފިޔާ އެއޮތީ ފަތޫގެ އަތުގައެވެ. އަހަރެން ހުރީ ހައިރާންވެ މިވީގޮތެއް ނޭގިފައެވެ.

މީގެ އެތައް އަހަރެއް ކުރިންވެސް އީދު އީދާ ދިމާކޮށް އޭދަފުށީގައި އޮންނަ ކުޅިވަރުތަކުގެ ތެރޭގައި ފަތޫގެ ޖާދޫހެދުން  އޮވެއެވެ. އެހެންނަމަވެސް މިފަހަރު އޭނާގެ ޖާދޫގެ ކުޅަދާނަކަން އެދެއްކީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. އަތުން ހިފޭ ހިސާބު ކައިރީގައި ހުރެގެން ފަތޫ ހެދި ޖާދޫގައި ޖެހި އަހަރެން އާޝޯހް ކޮށްލައިފިއެވެ.

މިއީ ކިހިނެއް ކޮންއިރަކު ކޮންތަނަކުން ދަސްކުރި ކަމެއްތޯ އަހާހިތްވިލެއް ބޮޑުކަމުން ފަތޫ ގާތުން މި މައުލޫމަތު އޮޅުން ފިލުވާލީމެވެ.

“އެއީ 1989 އެހިސާބުގައި. އީޕީއެސްގަ ކިޔަވަމުން ޕާާޓްޓައިމްއަށް ދަނީ ފިހާރައަކަށް މަސައްކަތް ކުރަން. އެތަނުގަ އުޅެނިކޮަށް އެހިސާބުގަނޑުގައި އުޅޭ ކުއްޖަކު އަތުން ލިބުނީ ފޮތްތަކެއް ޖާދޫ ހަދާ މައުލޫމާތުތަކެއް ހުންނަ. އެފޮތްތައް ލިބުމުން މަޖާކަމަކަށް ވެ ޝައުގުވެރިކަން އުފެދުނީ. ދެން އެފޮތުގައި ހުރި އެއްޗެތިތައް ހަދަންފެށީ.” އޭދަފުށީގެ މަޝްހޫރު ބުކްޝޮޕް ނިޔަމި ޓްރޭޑްގައި މަސައްކަތް ކުރަމުން އަންނަ 42 އަހަރުގެ ފަތޫ ޖާދޫ ހަދަން ދަސްކުރިގޮތް ކިޔައިދިނެވެ.

ފަތޫ ބުނީ އެންމެ ފުރަތަމަ ދަސްކުރީ ރުފިޔާ ނޫޓް އެހެން ނޫޓަކަށް ބަދަލުކޮށްލާ ޖާދޫކަމަށެވެ. އޭނާ ބުނީ އޭރު ޖާދޫ ހަދަން ފެށި ދުވަސްވަރު މީހުން ވަރަށް ހައިރާންވެގެން އުޅޭ ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދުވަހު ގިނަ ވަގުތުތަކެއް ހޭދަ ކޮށްގެން ކުރެވޭކަމެއްކަމަށާ އަސްލު ޖާދޫއަކީ މަކަރެއްކަމާ ބަސްޓް ނުވެ މިކަން ކުރެވެނީ އެކަމަށް ފަރިތަވުމުން ކަމަށް ފަތޫ ބުންޏެވެ.

“އަދި ބަސްޓެއް ނުވޭ ދުވަހަކުވެސް. އަސްލު ވަރަށް ގިނަ ފަހަރު ޓްރައި ކުރަން އެކަނި ކޮޓަރީގައި. އެންމެ ފުރަތަމަ ޕްރެކްޓިސް ކުރަނީ މޫނުބަލާ ލޯގަނޑު ކުރިމަތީގައި ބަހައްޓައިގެން. އެއަށްފަހު އާންމުންގެ ތެރެއަށް މިދައްކާލަނީ” ޕާާޓްޓައިމްކޮށް އޭދަފުށީގެ މިސްކިތްތަކުގައި ބަންގޮ ގޮވުމާއި، ނަމާދުވެސް އިމާމުވެ ކުރަމުން އަންނަ ފަތޫ ބުންޏެވެ.

ފަތޫ ބުނީ ޖާދޫއަކީ އަސްލެއްނޫންކަމަށާ، އެއީ ވަގުތުކޮޅަކަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށެވެ. އޭނާ ބުނީ ހިތާނީ މޫސުން ތަކުގައާއި، އެކިކަހަލަ ކުޑަކުދިންގެ ޝޯތަކާއި، ހާއްސަ ދުވަސްތަކުގައި ބާއްވާ އިވެންޓްތަކުން ލިބޭ ފުރުސަތުތަކުގައި ޕާފޯމް ކުރިޔަސް އެކަންކަމަށް އެއްވެސް އަގެއް ނުނަގާ ކަމަށެވެ.

“ހަމަ ހިލޭ މީހުން ބުނީމަ ގޮސްލަނީ. ވަރަށް ތަރުހީބުލިބޭ. ހުންނާނެ ސްކޫލްގެ އެކި އިވެންޓްތަކުގައާއި، އީދު ޝޯތައްކަހަލަ ޝޯތަކުގަވެސް ޖާދޫ ހަދާފަ” ދެ ކައިވެންޏެއް ކޮށް މިވަގުތު ހުސްކޮށްހުރި ފަތޫ ބުންޏެވެ.

އޭނާ ބުނީ އެންމެ އުނދަގުލީ މިކަމަށް ބޭނުންވާ ތަކެތި ރާއްޖޭން ބޭރުން ގެންނަންޖެހޭތީ ކަމަށެވެ. އެކަމަކު ބުރަ މަސައްކަތާއެކު ހަދާ ޖާދޫގެ ސަބަބުން އެންމެންގެ ރިއެކްޝަންވެސް ވަރަށް ޕޮޒިޓިވް ކަމަށް އޭނާ ބުންޏެވެ.

”އަސްލު މިކަން ކުރަން ބޭނުންވަނީ މެޖިކް ކޯޓެއް ލައިގެން. ވަރަށް ސަޅިކޮށް ހުންނަ އެއްޗެއް އެއީ. އޭގަ ހުންނާނެ މެޖިކް ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ލެވޭގޮތަށް ޖީބުތައްވެސް. އެކަހަލަ ކޯޓެއް ހޯދަން އެބަ ވިސްނަން.”

ފަތޫ ހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. އިތުރު ޓްރޭނިންގ ތަކާއެކު މި ރޮނގުގައި އަދިވެސް ކުރިއަށް ދާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top