ބ. އޭދަފުށީގައި ”އުފާވެރި ރާސްތާ“ ޕްރޮގްރާމު ހިންގައި، އަތޮޅުގެ އިތުރު ތިން ރަށެއްގައި އިބަމަ އިފްތިތާހު ކުރުމަށް ބައްދަލުވުން ބާއްވައިފިއެވެ.
އޭދަފުށީގައި އިސް ރަށްވެހިންނަށް އަމާޒުކޮށްގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބޭއްވި “އުފާވެރި ރާސްތާ” ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިޖުތިމާއީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ، ޚިޔާލުބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
”އުފާވެރި ރާސްތާ“ގެ އިތުރުން އެ މިނިސްޓްރީންވަނީ ، އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އިފްތިތާހުކުރުމަށްޓަކައި ބ.އަތޮޅުގެ ތިން ރަށެއްގައި ބައްދަލުވުން ތަކެއްވެސް ބާއްވައިފައެވެ. އެއީ ހިތާދޫ، ފުޅަދޫ އަދި ގޮއިދޫގައެވެ.
މި ތިން ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި އިބަމައިގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ކުރިޔަށްގެންދާ ”ހާލު ކިހިނެއް ؟“އަދި ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމާއި ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ.