އަލިރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަސްރު ދެއްވާނެކަން ކަމަށް ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ފޮނުއްވި ޚިތާބުގައި ވިދާޅުވެއްޖެއެވެ.
ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ މި ދުވަސް ދިވެހިންނާއި ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅު ތަކަކާއެކު ކަމަށެވެ. އަދި އެ ފިލާވަޅުތައް ދޭހަކޮށް އިބުރަތް ހާސިލު ކުރުމަށް ޓަކައި ތާރީޚުގެ ފަތްފުށްތައް ބަލައިލަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ވެރިކަމުގެ ދަހިވެތިކަމުގައި ހަސަން ރަސްގެފާނު ދިވެހި ގައުމަށް ޕޯޗުގީޒުން ގެނެސް ރާއްޖެ އަޅުވެތި ކުރުވި ހާދިސާގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލި އަޅުވާލައްވާފައެވެ.
އެންމެ ފުރަތަަމަ، ހިލާލީ ދަރިކޮޅުގެ ތެރޭގައި އޮތް ވެރިކަމުގެ ވާދަ ބޮޑުވެ، އެ ދަރިކޮޅުގެ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނާ ހިސާބުން އެކަން ރާއްޖޭގެ އިން ފަހަނައަޅައި ގޮސް އުތުރު ކަރައިގެ ކަންނަންނޫރު އަލީރާޖާއާ ހަމައަށް ދިޔަ ކަމަށާ، ތިން ފަހަރެއްގެ މަތިން އަލީރާޖާގެ އެހީގައި، ރާއްޖޭގެ ރަސްކަން އޭނާ ހޯއްދެވި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަލީރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި ކަޅުމުޙައްމަދު ރަސްގެފާނު ގައުމަށް ޚިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް. އޭގެ ތެރޭގައި، އޭރު ދިވެހީން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވި. އަނެއް ފަހަރެއްގައި ރާއްޖޭގެ ރަސްކަން ހޯއްދަވަން އަލީރާޖާއާއެކު ހެއްދެވި މުއާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހައި މާވަހަރާއި، ދިވެހިރާއްޖެއަށް ލިބޭހައި ރަނާއި ބޮއްޔާއި، އުފައްދާހައި ރޯނުގެ ދެބައިކުޅަ އެއްބައި އަލީރާޖާއަށް ދޭގޮތަށް ނިންމެވި. އޭގެ އިތުރަށް، ރ. ކިނޮޅަހާއި، ނ. ކެނދިކުޅުދޫ އަލީރާޖާއަށް ދޫކޮށްލެއްވި.” ރައީސް މުއިއްޒުގެ ޚިތާބުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ، ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ތެރެއިން ކަމަށެވެ.
މިއާއެކު 9 ވަނަ ހަސަން ރަސްގެފާނާ ޕޯޗުގީޒުންނާ އުފެދުނު ގުޅުމުގެ ތެރެއިން އޭނާ އިސްލާމްދީން ދޫކޮށް ޕޯޗުގީޒުންނާއެކު ރާއްޖެއަރައި އަލިރަސްގެފާނު ޝަހީދުކޮށްލީ، މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު، ހިޖުރީ ގޮތުން، 1 ޝަޢުބާން 965 ގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު ފެންނަމުންދާ ކަމަށެވެ. ފަލަސްތީނަކީ އޭގެ މިސާލެއްކަން ފާހަގަކުރައްވައި، އެފަދަ ދުވަހެއް ”މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް ނޭދޭކަމަށް” ރައީސް ވިދާޅުވިއެވެ.
”އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!“ ރައީސް ވިދާޅުއެވެ.