ސަމާލް! އޭދަފުށީގައި ކޮވިޑް ބާރަށް ފެތުރެނީ

DSCN9880.jpg

އޭަދަފުށި ...އީވީ ފޮޓޯ

އޭދަފުށީގައި ކޮވިޑްގެ އާލަމީ ވަބާ، ކޮންޓްރޯލްވެފައި އޮތުމަށްފަހު އަނެއްކާވެސް ބާރަށް ފެތުރެން ފަށައިފިއެވެ. މީގެ ކުރިން އަތޮޅު ހޮސްޕިޓަލުން ކޮންމެ ދުވަހަކު ކޮވިޑްގެ ތަފާސް ހިސާބު އާއްމުކުރި ނަމަވެސް މިހާރު އެކަން ހުއްޓާލާފައިވާތީ ރައްޔިތުންނަށް އެނގެންޖެހޭ ކޮވިޑްގެ އާއްމު މައުލޫމާތު އެނގޭނެ އެހެން ގޮތެއް ނޯވެއެވެ. އެހެންނަމަވެސް މިފަދަކަމެއް ފުޅާވެ ފެތުރެމުން ދާނަމަ ޒިންމާދާރު ފަރާތްތަކުން ރައްޔިތުންނަށް މިކަމުގެ އަދާހަމަ ސާފުކޮށްދޭން ޖެހެއެވެ.

އޭދަފުށީގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ގޯސް ހާލަތެއްގައިކަން ރައްޔިތުންގެ ސަމާލުކަމަށް އައީ ރަށު ކައުންސިލުން ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ކޮވިޑް އާބެހޭ ގޮތުން މިއަދު ނެރެފައިވާ ބަޔާނަކުންނެވެ. އެބަޔާނުގައިވެސް އޭދަފުށީގައި ކޮވިޑް ޖެހިފައިތިބި މީހުންގެ އަދަދާއި އަލަށް ޖެހުނީ ކިތައް މީހުންކަންވެސް ނުބުނެ ރައްޔިތުންނަށް އަންގައިދީފައިވަނީ ކޮވިޑް 19 ރޯގާ ކޮންޓްރޯލްކުރުމަށް އޭދަފުށީގައި އެކުލާވާލާފައިވާ ޓާސްކްފޯސް އިން އަޅާފައިވާ ފިޔަވަޅުތަކެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުމެއްނެތި ގެއިން ބޭރަށް ނުނިކުތުމަށާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ. ހަމައެއާއެކު އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ ނޫޅުމަށާއި ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެދިފައިވެ އެވެ.

އަދި ފިހާރަތަކުން ޚިދުމަތް ހޯދާ މީހުންނަށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޓެސްޓު ކުރުމުގެ އިތުރުން މިފަދަ އަލާމާތެއް ހުރި ނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށާއި މިސްކިތަށް ދާނަމަ ގެއިން ވުޟޫ ކޮށްގެން މުސައްލައަައެއް ހިފައިގެން ދިއުމަށްވެސް ބާރު އަޅުއްވާފައިވެއެވެ.

ބަޔާން ނިންމާލަމުން، މިކަންކަން ތަންފީޒުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ހަރަކާތްތެރިވާނެ ކަން ސަމާލުކަމަށް ގެނެސްފައިވެއެވެ.

އުފާވެރި ހަބަރަކީ ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އޭދަފުށީން ކޮވިޑްގެ އާކޭސް އެއް ނުފެނުމެވެ. އަދަދުތައް އިތުރުވަމުން ދަނީ ކޮންޓެކްޓް މީހުންނެވެ.

”ކަންބޮޑުވުމަކީ ގެއެއްގެ މީހަކަށް ކޮވިޑް ޖެހިއްޖެނަމަ މުޅި އެގޭގެ އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވްވެގެން ދިއުން. މިއީ ކުރިން ދިމާވިގޮތެއް ނޫން. އެގޮތުން މިއަދުގެ ނިޔަލަށް އޭދަފުށީގައި ކޮވިޑް ބަލީގެ 31މީހުންއެބަ ތިބި” ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ގެއެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެކަކު ނުވަތަ ދެމީހަކަށް ޖެހިފައި އެހިސާބުން ނިމޭ ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ތަފާތަކީ ގެއަކަށް ކޮވިޑް ވަދެއްޖެ ނަމަ މުޅިއެގޭގެ އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވް ވުމެވެ.

ރަޝީދު ވިދާޅުވީ އަނެއްކާވެސް އާއްމު ހާލަތަކަށް ރުޖޫއުވުމުގެ ގޮތުން އެންމެންގެ ސަލާމަތްތެރިކަމަށްޓަކާ ކޮވިޑް ޖެހިފައިވާމީހުންނާއި ކޮންޓެކްޓް ވާމީހުން، ތެދު މައުލޫމާތު ދެއްވުމަށް ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭން މިހާތަނަށް 92،095 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 90،103 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 1.726 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 19 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭން ކޮވިޑް ޖެހިގެން މިއަދު ދެ މީހަކު ނިޔާވެ ޖުމްލަ މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 253 އަށް އަރާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top