ބ.ތުޅާދުއާއި ކެންދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަަރުވުމާއެކު ގާނޫނީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވަމަކީވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެެ.
މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 26,350.00 ރުފިޔާ ލިބޭ އިރު، ލިވިން އެލަވެންސްގެ ގޮތުގައި 12،000 އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސްވެސް ލިބޭނެއެވެ.
ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓްކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.