ރޯދަ މަހު ލިބިފައިވާ ފަހި ފުރުސަތެއް ދެވަނަ ފަހަރަށް ނުލިބިދާނެ

big_2z7IVXO01LZBMvy014OfEa2IN_dates.jpeg

ރޯދަ މަހުގެ ތެރޭގައި ލިބިފައިވާ ފަހި ފުރުސަތެއް ދެވަނަ ފަހަރަށް ނުލިބިދާނެ ކަމަށާއި މި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެންނަން މިއަދުގެ ހުކުރު ޚުތުބާއި އިލްތިމާސްކޮށްފި އެވެ.

މި މައްސަރަކީ ރަމަޟާންމަސް ކަމުން، މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ރަމަޟާންމަހާއި، ދިރިއުޅުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނެފައިވަނީ ފަރްޟު ފަސް ނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށެވެ. އަދި ދުވާލާ ރޭގަނޑުގެ ވަގުތުގައި މާތް ﷲ ރުއްސަވާ ގޮތުގެ މަތިން ހޭދަކުރާ ބަޔަކަށް ވުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ތަރާވީހު ނަމާދާއި ރޭއަޅުކަން ކޮށް، ކީރިތި ގުރުއާން ގިނަގިނައިން ތިލާވަތު ކުރުމަކީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ރޯދައިގެ އަޅުކަމުގައި ރޫހާނީ އިޖުތިމާއީ ސިއްހީ ގިނަގުނަ ފައިދާތަކެއްވާކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށް ކީރިތި ރަސޫލާ ހަދީސްފުޅު ކުރައްވާފައިވާކަމަށެވެ.

ރޯދައަށް ހުންނައިރު ކެތްތެރިވާންޖެހޭ ކަންތައްތަކެއް ވާކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭކަމަށެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރޯދައިން ދަސްކޮށްދެނީ އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށާއި އެގޮތުން އެންމެ ހެޔޮ މީހަކީ، ބަނޑުހައި ހޫނުކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީފޯރުކޮށްދީ، އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ.

ރަމަޟާންމަހަކީ އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރުކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ އެމަހުގައި ސައިތާނުންގެ ތެރެއިން މާރިދު ޖިންނީން ކަސްތޮޅު އެޅުވިގެންދާއިރު އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމް ވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަހުރޫމް ވެއްޖެކަން ކަށަވަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top