ރަން ކަނބަލުން: މިއަހަރުގެ ”ގުރަހައިގެ ތަރި“

DSCN2753.jpg

(ގައްޔޫމްނަސީރު)   

ބައިވަރު ރެކޯޑުތަކެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ކުޑަކަތީބެވެ. އޭދަފުށީގެ ފުރަތަމަ އަދި ފަހުގެ ކުޑަކަތީބުވެސް މެއެވެ. ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއް ހަމައެއްގައި ޚިދުމަތުގައި ހުންނަވާތާ 35 އަހަރު ވަނީ އެވެ. މާލޭ ސެންޓްރަލް ހޮސްޕިޓަލުގެ ރިސެޕްޝަނިސްޓެއްގެ މަގާމުން ސަރުކާރުގެ ޚިދުމަތަށް ނުކުންނަވައި ރަށަށް ޚިދުމަތް ކުރާ ހިތުން މާލެ ދޫކުރެއްވި އެވެ. އޭދަފުށީ އޮފީހުގެ ކާތިބު ކަމުން ފަށައިގެން ރަށުގެ އަންހެން ފުރަތަމަ ކުޑަކަތީބު ކަމާއި ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މަގާމުން ކުރިއަރައިގެން އައިސް މިއަދު އެހުންނެވީ އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި ބުނަން ހެއްޔެވެ. އޭނާވަނީ ވަޒީފާ އަދާކުރައްވަމުން ޝީ3 އިން އޮފީސް މެނޭޖްމަންޓް، ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް، އެސޯސިއޭޓް ޑިގްރީ އިން ލީޑަރޝިޕް މެނޭޖްމަންޓް ފުރިހަމަ ކުރައްވައިފަ އެވެ. މިހާރު އެ ގެންދަވަނީ ބެޗްލާސް ޑިގްރީއަށް ކިޔަވަމުންނެވެ. 2001ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޭދަފުށީގެ ކަށުކަމާކެމީގެ ކަންތަކުގައި ހަރަކާތްތެރިވާ އިސް އަންހެނާ އެވެ. އެންމެ ފަހުން ގުރަހަ އެވޯޑުގެ ވެސް ބަތަލާއެވެ.

އިޖުތިމާއީ ދާއިރާއިން ގުރަހަ އެވޯޑް ހާސިލުކުރެއްވި ނިއުމާއަށް އެވޯޑް ހަވާލުކޮށްދެއްވަނީ—ފޮޓޯ/ޔާނިއު

އެއީ އޭދަފުށީ އޭދަފުށީ މެޓްރޯވިލާ ނިއުމާ އަހުމަދެވެ. އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދެމުން އަންނަ ގުރަހަ އެވޯޑު، މިއަހަރު ދެ ދާއިރާއަކަށް ޚާއްސަ ކޮށްފައިވާއިރު އިޖްތިމާއީ ދާއިރާއިން ރަށަށް ޚިދުމަތް ކުރުމުގެ އެވޯޑު ހޯއްދެވީ ނިއުމާ އެވެ.

35 އަހަރަކީ 12775 ދުވަހެވެ. އިންސާނެއްގެ ނިސްބަތުން ބަލާނަމަ އެއީ ޒުވާންކަން ފަސްދީ މެދު އުމުރަށް އަޅާ ހިސާބެވެ. ލައްކަގިނަ ކަންތައް ފެނި، އިވި، ތަޖްރިބާ ތަކެއްވެސް ހުންނާނެ ތާއެވެ. އީވީގެ ފަރާތުން ނިއުމާ އާއި ބައްދަލުކޮށްލީ އެތަޖްރިބާ ކިޔުންތެރިންނާ ހަމައަށް ގެނެސް ދިނުމަށެވެ. ކަނބަލުންނަށް އިބުރަތަކަށް އަދި ބޭނުންތެރި ފިލާވަޅަކަށް ވެސް ވެދާނެ ކަމަށް ބަލައިފަ އެވެ.

އެވޯޑު ލިބުމުން ކުރެވުނީ ކޮން ކަހަލަ އިހުސާސް ތަކެއްތޯ ؟

ވަރަށް އުފާވި، އަޅުގަނޑުގެ މަސައްކަތުގެ އަގު ވަޒަން ކުރީތީވެ. އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ އަގު އަޅުގަނޑަށް ވަޒަން ކުރެވޭތީ އެވޯޑަށް ކުރިމަތިލީ. ހަމައެކަނި ރަށަށް ޚިދުމަތް ކުރާތާ ވެސް 33 އަހަރުވީ. މިހާ ގިނަ ދުވަސް ތަކެއް ފާއިތުވެގެން ދިޔައިރު ވެސް އަޅުގަނޑުމެންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެންމެ ކުޑަމިނުން ހަނދާނީ ލިއުމެއް ވެސް ލިބިފައެއް ނެތް. މިސާލަކަށް ސަރުކާރުގެ ބައެއް މުވައްސަސާ ތަކުން މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން 15 އަހަރު ނުވަތަ 10 އަހަރުގެ ޚިދުމަތް ފާހަގަކުރޭ. އެކަމަކު ޚިދުމަތުގައި 35 އަހަރު ވީއިރުވެސް އެފަދަ ނަސީބެއް ނުލިބި ހުއްޓާ މި އެވޯޑު ލިބުމުން ވަރަށް އުފާވި.

 

ކަތީބުން ނިސްބަތްވެފައި އޮތީ ފިރިހެނުންނަށް. ނިއުމާވަނީ އެ ތާރީޚު ބަދަލުކޮށް ރާއްޖޭގެ ފުރަތަމަ ކުޑަކަތީބު ކަމުގެ މަގާމު އަދާކުރެއްވި މަދު ކަނބަލުންގެ ތެރޭގައި ހިމެނިފައި. ކޮބައިތޯ ކަތީބު ކަމުގެ ތަޖްރިބާއަކީ؟

އަންހެނަކަށްވީތީ ފަޚުރުވެރިވެލާފަ ބުނެވެން އެބައޮތް އޭދަފުށީގައި ދެން އަންހެނަކަށް ކަތީބު ކަމެއް ނިލިބޭނެޔޭ. އެކަން ނިމިއްޖެ. އެ ރެކޯޑުލިބުމުގެ އުފާވެރިކަން އެބައޮތް. ކަތީބުކަން ކުރުމަކީ އުނދަގޫކަމެއް ނޫން. އޭދަފުށީގެ އާބާދީ ކިތަންމެ ބޮޑުވެފައި މަސައްކަތް ގިނަވިޔަސް ހޭލުން ތެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވާތީ ވަރަށް ފަސޭހަ. ދިހަ ވަރަކަށް އަހަރު އެމަގާމު އަދާކުރިން. އަޅުގަނޑު އެކަނިވެސް އަށް އަހަރު ވަންދެން ރަށު އޮފީސް ހިންގިން. އަންހެނަކަށް ވީތީ އުނދަގުލެއް ނެތް. އޭގެ އިތުރުން ޒިންމާދާރު ވެރިއެއްގެ މަގާމުގައި އެގާރަ އަހަރު މަސައްކަތް ކުރިން. އެއްވެސް މީހެއްގެ ނުރުހުމެއް ހިތްހަމަ ނުޖެހުމުގެ ބަހެއް ނުލިބޭ.

ނިއުމާއަކީ ޖަމާއަތްތެރި އެއްވެސް މެ. ފުރާނަ ނެތް މީހުންގެ ހަށިގަނޑުގައި އަތްލުމާއި ހިނަވަން އުޅުމަކީ ހިތަށް ބިރުވެރިކަން ވަންނަ ކަމެއް ކަމަށް ބުނެއުޅޭ. ޚާއްސަކޮށް އަންހެނުން. ކަށުކަމާކެމީގެ ތެރެއަށް ވެންނެވީ ކިހިނެއް ކީއްވެ؟

ކަތީބުކަމުގެ ކޯސް ހެދުމުން ކަށުކަމާކެމީގެ ހުއްދަވެސް އޮންނާނީ ލިބިފަ. އެހެންވެ ކޯސް ހަދައިގެން އައިސް 2001 ވަނަ އަހަރު އެކަން ފެށީ. އެއް އިރަކުވެސް ބިރުވެރިކަމެއް އިހުސާސެއް ނުކުރެވޭ. އަސްލު އެހެން އެވީ ސެންޓްރަލް ހޮސްޕިޓަލުގައި ރިސެޕްޝަނިސްޓެއްގެ މަގާމުގައި އުޅުނު އިރު މަރުވާ މީހުން ފެންނާތީ ކަމަށް ވެދާނެ.

ނިއުމާ ފާހަކުރެވެނީ މުވައްޒަފުންނާ ގާތް ގުޅުމެއް އޮންނަ އެމީހުން ލޯބިވާ ވެރިއެއްގެ ގޮތުގައި. ތެދެއްތޯ؟

މަގާމެއް މަތިވިޔަސް އެމަގާމުގައި ދެމިހުރެވެނީ ނޫނީ އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އެ އަދާކުރެވެނީ ހަގީގަތުގައި އެތަނުގެ މުވައްޒަފުންގެ ސަބަބުން. އޭނާގެ މަސައްކަތް ހަގީގަތުގައި ކޮށްދެނީ މުވައްޒަފުން. އެކަން އަޅުގަނޑު ދަންނަން. އެހެންވީމާ ނުރަސްމީ ގަޑީގައި އެމީހުން ގޮވައިގެން ކޮފީއަށާއި އެނޫން ތަންތަނަށްވެސް ގޮސް ގާތް ގުޅުމެއް ބޭއްވޭތޯ އޭރުވެސް މިހާރުވެސް މަސައްކަތް ކުރަން. އެކަހަލ ގޮތެއް ވާތީކަން ނޭނގެ އެގޮތަށް އަޅުގަނޑު ބަލައިގަންނަނީ. އަޅުގަނޑުދެކެ ލޯބިވަނީ.

35 އަހަރުގެ ތަޖްރިބާގެ އަލީގައި ކަނބަލުންނަށް ކީކޭތޯ ބުނެލާނީ؟

އަންހެނަކަށް ވުމަކީ ޝަރަފެއް. އަންހެނަކަށް ވީތީ ވަޒިފާ އަދާނުކޮށް ގޭގަ ތިބޭކަށް ނުޖެހޭނެ. އަޅުގަނޑު އެންމެ އުފާވަނީ ވަޒީފާ އަދާ ކޮށްގެން ލިބޭ އުޖޫރައިން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ ބޭނުންވާ ހަރަދުތައް ކުރެވޭތީ. އެހެންވީމާ ލިބޭ މުސާރައާއި އަޅާ ނުކިޔައި އަންހެނުން ވަޒީފާއަށް ނުކުންނަން އެބަޖެހޭ.

އަސްލު ވާގޮތަކީ އަޅުގަނޑުމެންގެ ތެރޭގައި އެހިތްވަރު ހުރި އަންހެނުން ކުދިން ހަމަ ނެތީ. ހިތްވަރެއް ހުރެގެން ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ. ގްރޭޑް 10 ނޫނީ 12 ނިންމައިގެން މަތީ ތައުލީމަށް ދާނެ ކުދިން ވެސް ހަމަ މަދު. ވަރަށް ދެރަކަމެއް މިއީ. ދައްތައެއްގެ ގޮތުން ނަސޭހަތުގެ ގޮތުގައި ބުނެލަން ބޭނުން. އޮންލައިން ކޮށް ވިޔަސް ކިތަންމެ ކުރު ކޯހެއް ހަދައިގެން ކަމަށް ވިޔަސް ކިޔަވައިގެން ރަށަށް ފައިދާހުރި ކަމެއް ކޮށްދޭން. ރޫހެއް ހުރެގެން މަސައްކަތް ކޮށްފިއްޔާ އަންހެނަކަށް ވުމަކުން ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.

ވަޒީފާ އަދާކުރައްވަމުން ހިލޭ ސާބަހަށް ކުރެއްވި ބައެއް މަސައްކަތުގެ ޚުލާސާއެއް ކިޔައިދެއްވަފާނަންތޯ؟

އޭދަފުށީ އަންހެނުންގެ ކޮމެޓީގައި ވިއްސަކަށް އަހަރު ނާއިބު ރައީސްގެ މަގާމު އަދާކުރިން. ރައްޔިތުން ނުކުމެގެން ކުރި އިޖްތިމާއީ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވިން. ހާއްސަކޮށް މެދު އަވަށް ތަމްސީލު ކުރި ހުރިހާ ކަމެއްގައި  އިސް މީހެއްގެ ގޮތުން އެކަކަށް އަޅުގަނޑު ހުންނާނެ. މިސާލަކަށް ކުނި ގޮނޑު ސާފުކުރުމާއި އަތިރިމަތި ކުނިކެހުމާއި ދޯނި ފަހަރު އެހެލުމާއި ވެލި ގެނައުން ފަދަ ކަންކަމުގައި. އިތުރަށް ބުނާނަމަ ކުޑަކުދިންގެ ހަވީރެއް ބޭއްވިޔަސް އަޅުގަނޑު އެތަނުގައި އުޅޭނެ. މިހާރުވެސް އޮފީސް މަސައްކަތް ކުރަމުން އަންހެނުން ކޮމެޓީގައިވެސް ހަރަކާތް ތެރިވަމުން މިދަނީ.

މުސްތަގުބަލާމެދު ކުރާ އުއްމީދުތަކަކީ؟

ސަރުކާރުން ވަކިވުމުގެ ހިޔާލެއް ނެތް. ފުރިހަމަ ސިއްހަތާ ގާބިލުކަން އެބަހުރި. އެކަމަކު ވަޒީފާއިން ރިޓަޔާ ވުމުގެ ކުރިން ކައުންސިލަރެއްގެ މަގާމުގައި ހުރެގެން ރަށަށް ޚިދުމަތް ކުރުމުގެ ވިސްނުން އެބަހުރި. ހަމައެހެންމެ ރަށުގެ ކަތީބުކަމާއި ޒިންމާދާރުވެރި އެއްގެމަގާމު ރައްޔިތުން ބޭނުންވާ ގޮތަށް އަދާކުރެވުނީތީ ވަރަށް އުފާވި

ވަޒީފާ އަދާކުރަމުން އަމިއްލަ ދިރިއުޅުމުގައި ކޮންކަހަލަ އުނދަގޫ ތަކެއްތޯ އުފުލަންޖެހުނީ؟

އެއްވެސް އުނދަގުލެއް ނެތް. ވަޒީފާގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ނުކުރޭ. މާލެއިން ވަޒީފާ ދޫކޮށްލާފަ އައީ ފުރަތަމަ ދަރިފުޅު ވިހަން. މާލޭގައި ނޫޅެން ވެގެން. ވިހައިގެން ހަމަސް ފަހުން ރަށު އޮފީހުން ވަޒީފާއަކަށް އިއުލާން ކުރީމަ ކުރިމަތި ލައިގެން ސަރުކާރަށް ދެވަނަ ފަހަރު ވަނީ. އޭރު ގޭގައި ދައްތައާއި މަންމަގެ ވެސް ކުޑަކުއްޖަކު ނެތް. ހަމައެކަނި އަޅުގަނޑުގެ ދަރިފުޅު އޮތީ. އެހެންވެ އަހަރު ދެކޮޅު ތިން ކުދިން ލިބުނު އިރުވެސް އަޅުގަނޑަސް ބުރައެއް ނޫން. ޝަކީލާ ދައްތައާއި މަންމަގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ޚާއްސަކުރީ އަޅުގަނޑުގެ ދަރިންބެލުމަށް. އެހެންވެ އަޅުގަނޑަށް އިހުސާސެއް ނުކުރެވޭ ދަރިން ބެލުމުގެ އުނދަގުލެއް.

35 އަހަރުގެ ތެރޭގައި ދިމާވި ހިތުން ފޮހެނުލެވޭނެ ހާދިސާ އަކީ؟

އެއީ ސުނާމީ ކާރިސާ. އަޅުގަނޑަކީ ކުޑަކަތީބު. ހޭލަ ހުރިން ހަފްތާ އެއް ވަންދެން. ދަރިންނާވެސް ދުރުގަ. ދަރިން ބެލީ ޝަކީލާއާއި މަންމަމެން.

ނިއުމާ: ތިން ދަރިންނާއި އެކު

 

އެންމެ އުފާވަނީ ؟

އަޅުގަނޑުގެ ތިން ދަރިންނާއި މެދު. ވަރަށް ފަޚުރުވެރި ވެލާފަ ބުނަންކެރިދާނެ. އިންތިހާއަށް ކުށުގެ ވެށި ފުޅާވެފައިވާ މިކަހަލަ ޒަމާނެއްގައި އަޅުގަނޑުގެ ދަރިންނަކީ ކުށާއި ދުރުގައި ރީތި އަޚްލާގާއި ތަރުބިއްޔަތާއެކު ބޮޑެތިވެފައިވާ ތައުލީމީ ދަރިން ކަމުގަ. މިއަދު އެ ތިން ދަރިންނަކީ ތިން މުވައްސަސާއެއްގެ ތިން މެނޭޖަރުން. އިންސާނެއްގެ ހަޔާތް ނިމިގެން ދާއިރު މިއަށްވުރެ ބޮޑު އުފަލަކީ ކޮބައިތޯ ؟

ނިއުމާގެ ވާހަކަ ނިންމާލީ މި ސުވާލާ އެކުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top