އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށް އަރައިފި

ހުހު.jpg

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

މިއީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އެރި އެވެ. ނަމަވެސް އެ މިންވަރަށް ހޫނުގަދަވީ މިދިޔަ އަހަރު އެޕްރީލް މަހު އެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މީގެ ދެދުވަހެއް ކުރިން ފެށިގެން އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށް އެރިއެވެ. ނަމަވެސް މިއަދުގެ 11:00ގައި މެޓް އޮފީހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުލެއަށް މިއަދު ވަނީ އިހުސާސް ކުރެވޭ ހޫނުމިން 44.7 ޑިގްރީއަށް އަރާފައެވެ.

އިއްޔެ 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.4 ޑިގްރީ ސެލްސިއަސްގަ އެވެ. ހދ. ހަނިމާދޫގައި 41 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ސ. ގަމަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގަ އެވެ.

އެންމެ ގިނަ ވަގުތު ހޫނު ގަދައީ މެދުރާއްޖެ ތެރެއަށް ކަމަށް މެޓްގެ ހޯދުންތަކުން ދައްކައެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މިއީ އެންމެ ހޫނު ދުވަސްވަރު ކަމަށާއި އަދިވެސް ހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ހާމަކޮށްފައިވެއެވެ. މެޓް ޑޭމަން އޮފީހުން މިއަދު ބުނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top