މުޅި ސޯޝަލް މީޑިއާގައި އެވާހަކައެވެ. ދެމީހަކު އެއްތަން ވެލައިފިނަމަވެސް ހަމަ އެވާހަކަ އެވެ. އޭދަފުށީ ފަޅުތެރެއަށް ވަދެފައި އޮތް މުށިމަސްގަނޑުގައި ދާޖަހައިގެން ރޯމާދުވާލު އެންމެންގެ ކުރިމަތީގަ ކަހާލައިގެން ނަގަމުންދާ ވާހަކައެވެ. އެކަން ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރެވެމުން ދެއެވެ. އެއްބަޔަކު ގާނޫނުގެ ބަލިކަށިކަމުގެ ވާހަކަ ދައްކަމުން ދާއިރު އަނެއްބަޔަކު ދައްކަމުން ގެންދަނީ ގާނޫނު ނަގަހައްޓަން ރައްޔިތުންގެ ފައިސާ އިން މުސާރަ ދީފައި ތިބި މުވައްސަސާތަކުގެ “ކަނު “ވާހަކަ އެވެ. އަނެއްބަޔަކު ޒުވާބު ކުރަމުން ދަނީ އެއީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނުކުރެވޭނެ ކަމެއްތޯ ، ގެ ބަހުސްގައެވެ.
އޭދަފުށީ ކައުންސިލުން ވަނީ މި ގޮތަށް އޮންނަ މަސްގަނޑުގައި ދާއަޅައިގެން ނުވަތަ ދާޖަހައިގެން ނުނެގުމަށް އިލްތިމާސް ކޮށް ދެ ފަހަރަކު އިއުލާނެއް ނެރެފައެވެ. ގާނޫނީ ގޮތުން އެއީ މަނާ ކަމެއްކަމާ އެކަން މަނާކޮށްފައިވާ ގާނޫނު ނަންބަރުވެސް ހިމަނައިގެންނެވެ. އެކަމަކު އެހިސާބުން ނިމުނީ ކަމަށް ބަލަންވީ ހެއްޔެވެ؟ ކައުންސިލުގެ ދައުރަކީ ހަމަ އެކަނި އިއުލާނެއް ނެރުން ހެއްޔެވެ. އޭދަފުށީގައި ގާއިމް ވެފައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ގާނޫނު ނަގަހައްޓާ ތަންފީޒީ ބާރުތަކުގެ ދައުރަކީ ކޮބާ ހެއްޔެވެ. އެމުވައްސަސާތަކުގެ ވާޖިބު އަދާ ކުރުމުގައި ފަހަތު ފަޔަށް ބުރެވެވެނީ ކީއްވެގެން ކަމާމެދު ރައްޔިތުން އެބަ ސުވާލު އުފައްދައެވެ.
ރަށްރަށުގެ ޒުވާނުންނާއި ކަމުވޮށިވެގެންވާ މީހުންގެ ދައުރެއްވެސް މިކަމުގައި އޮންނާނެއެވެ. ބައެއް ރަށްރަށުގައި މުޅި ރައްޔިތުންނަށް ގެއްލުންވާ މިބާވަތުގެ ކަމެއް ބަޔަކު ކުރާނަމަ ޒުވާނުން ނުކުމެ އެކަމެއް ހުއްޓުވައެވެ. މި އަަތޮޅުގެ ރަށްރަށުގައިވެސް މި ކަން މިމަގަށް ހިނގާފައި އެބަހުއްޓެވެ. ފަހެ މި ރަށުގައި ތިބި ނޫކަށި ފުރައިގެ ޒުވާނުން އެކުދިންގެ ހުރި ހިތްވަރު މިކަމުގައި ދައްކަންޖެހޭ ވަގުތަކީ މިއީއެއް ނޫންހެއްޔެވެ؟
ގާނޫނުގައި އޮތް މިކަން އޮންނަ ގޮތް ބެލުމުގެ ބަހުސަކަށް ދާކަށްނެތީމެވެ. ނަމަވެސް އޭދަފުށީ ފަޅަށް ވަދެފައި އޮތް މުށިމަސްގަނޑުގެ ސަބަބުން އިޖްތިމާއީ އެއްބައިވަންތަކަމާ އާއިލީ ގުޅުން ވަރުގަދަ ވެގެން ހިނގައްޖެކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އެއްވަގުތެއްގައި އެއްތަންވެ އުޅުމުގެ ސަބަބުން ހަތުރުން މިތުރުންނަށް ބަދަލު ވެގެން ދިޔަ އެވެ. އާއިލާ ތަކުން ވެސް ފެނިގެން ދިޔައި އުފާވެރި މަންޒަރެކެވެ. ކާފަ ފަތިހު ފަތިހާ ތެދުވެ ފަތިސް ނަމާދަށް ފަހު އެއް އަތުގައި ދޮށި ، އަނެއްއަތުން ކާފަ ދަރިފުޅުގެ އަތުގައި ހިފައިގެން އެދަނީ މުށިމަސް ބާނާށެވެ. އޭދަފުށީގެ އަންހެނުން ހާއްސަކޮށް ހަވީރު ކޮށްލުމަށް އާއިލީ ހަވީރެއްގެ ގޮތުގައި ފާހަގަ ކުރަނީ އާއިލާ އެންމެންނާއެކު މުށިމަސް ބޭނުމުގައި ބަނދަރުމަތީގައެވެ. މުޅި އާއިލާ އެކުގައި ހަވީރުގެ ވަގުތު ބަނދަރު ސަރަހައްދު ފުރާލާފައި އޮންނަނީ އާއިލީ ބޮޑު މަޖާގަނޑެއްގެ ގޮތުގައި ފިސާރި އެކުވެރިކަމާއެކު އެވެ.
މުށިމަސްގަނޑުގައި ދާ ޖަހައިގެން ކަހާލައިފިނަމަ އެކަން އެހިސާބުން ނިމުނީ އެވެ. އެހެންކަމަށް ވާނަމަ އެކަންކުރި ބައެއްގެ އެ އަމަލުގެ ސަބަބުން އޭދަފުށީގެ ރައްޔިތުން އެތައް މަސްދުވަސް ވަންދެން މުނި ފޫހި ފިލުވުމުގެ ގޮތުންނާއި ލައިގެން ކާ އެއްޗެއް ހޯދުމުގެ ގޮތުން ކުރަމުން އައި މިކަންތަކަށް ނިމުން އައީއެވެ. މަދު ބައެއްގެ ވަގުތީ ފައިދާ އަކަށްޓަކާ ކުރެވޭ ކަމަކުން ރޫޅިގެން އެދިޔައީ ވަރުގަދަ އިޖްތިމާއީ ހަރަކާތެކެވެ. މައިންނާއި ދަރިން އަދި އާއިލީ އެއްބައިވަންތަކަމަށް ވަރުގަދަ ގުޅުމެއް ގާއިމު ކޮށްދިން ސަބަބަކަށް ވެގެން ދިޔަ މުށިމަސްގަނޑަށް ނިމުން އައީއެވެ. ވަރަށް ދެރަ އަދިހިތާމަ ހުރިކަމެކެވެ. އެކަމަކު އެންމެ ދެރަވަނީ މިކަންކަން ބަލާނެ، ފެންނާނެ ،ފިޔަވަޅު އެޅޭނެ މުވައްސާސާއެއް ނެތީމައެވެ. ހުރިނަމަ މިކަންކަމެއް މިގޮތަކަށް ނުކުރެވޭނެ ދޮގެއްތޯއެވެ؟
ކިޔުންތެރިންގެ ޚިޔާލު