އެއީ އޭދަފުށީގެ ތައުލީމީހަޔާތުގައި ފާހަގަނުކޮށް ދޫކޮށްލެވޭވަރަށްވުރެ އަގުބޮޑުނަމެކެވެ. އޭދަފުށިީގެ ތަރައްގީއަށާއި އިޖްތިމާއީ ޙަޔާތުގައި މުހިއްމުދައުރެއް އަދާކުރެއްވިއެކެކެވެ. އުމުރުން އެންމެ 18 އަހަރުންފެށިގެން ރަށުގެ ތައުލީމުކުރިއެރުވުމަށް އިސްނަންގަވައިގެން މަސައްކަތްފެއްޓެވި ކަމުގެޝަރަފް ދޭންޖެހޭ އެއްމުދައްރިސެވެ. އޭދަފުށި މިޒަމާނުގެ ތައުލީމަށް ހޭލުމުގެކުރިން ހިންގަމުން އައި މަދްރަސަތުލްބަހިއްޔާއާ މަދްރަސަތުއްސަޢާދާއިން ވިދާލި އަލިގަދަ ދަންމަރެކެވެ. އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސެވެ. މިއަދާހަމައަށް އެފަރާތެއްގެ ދިރިހުރި ޚިދުމަތްތައް ފާޅުކަންބޮޑުގޮތެއްގައި ފެންނަންހުރި އޭދަފުށީ ޖަވާހިރުމާގޭ ޢަބްދުﷲ އަޙްމަދެވެ.
ލޮބުވެތިމުދައްރިސްގެ ތައުލީމީހަޔާތް ފެށުމާއިނިމުންއޮތީ މަދްރަސަތުލްބަހިއްޔާއާހަމައިގައެވެ. އެތަނުން ނިމިގެން 1958 ގައި އަދާކުރެއްވަން ފެއްޓެވި ފުރަތަމަ ވަޒީފާއަކީ ރަށުއޮފީހުގެ ކާތިބުކަމެވެ. ވަޒީފާގައި އުޅުއްވަމުން މުދައްރިސަށް ލިބިފައިވާ އިލްމާއި ފަންނުގެ ބޭނުން އެހެންމީހުންނަށް ފޯރުކޮށްދެއްވުމުގެ މަތިވެރި ނިޔަތުގައި މަދްރަސަތުންބަހިއްޔާގެ ދިވެހިމުދައްރިސްކަމުގެ ޒިންމާދާރުމަގާމާ ހަވާލުވެލެއްވިއެވެ. މިއީ ލޮބުވެތި މުދައްރިސްގެ ޚިދުމަތުގެ ރަންހަނދާންތަކުގެ ސިލްސިލާ ގެތެންފެށިހިސާބެވެ.
މުދައްރިސްގެ ވަޒީފާއަކީ ޕާޓްޓައިމް ވަޒީފާއެއްކަމުގައިވިޔަސް ދަރިވަރުންގެ ސުލޫކާ އަޚްލާގު ރަނގަޅުކުރެއްވުމަށް ޚާއްޞަކޮށް ދަރިވަރުންގެ ޢާއްމު ސާފުތާހިރުކަމަށް ވަރަށްބޮޑު ސަމާލުކަމެއްދެއްވިއެވެ. ވަކިމިނަކަށް ފިރިހެންކުދިންގެ ބޯކޮށާފައި ބެހެއްޓުމާއެކު ހަފްތާއަކު އެއްފަހަރު ކުދިންގެނިޔަފަތިތައް ޗެކްކުރެއްވުމެވެ. އަންހެންކުދިންގެ ބޮލުގެ ސާފުތާހިރުކަމަށާއި މަދްރަސާއަށް އަންނައިރު އަޅައިގެންހުންނަ ހެދުމުގެ ސާފުތާހިރުކަމަށާއި ދަތްތަކުގެ ސާފުތާހިރުކަމަށެވެ. ބޯދިގުވެފައިވާނަމަ ބޯކޮށައިދެއްވާނީވެސް މުދައްރިސެވެ. އެފަންނުގައިވެސް މުދައްރިސަކީ ކުޅަދާނަ އުސްތާޒެކެވެ.
ބޮޑެތި މުނާސަބަތުތަކާގުޅިގެން ނުވަތަ ޚާއްޞަމެހްމާނަކަށް މަރްޙަބާދެންނެވުމަށް ބާއްވާ ޖަލްސާތައް ޑެކަރޭޓްކުރުމުގެ މޭސްތިރިއެއްގެގޮތުގައި މަސައްކަތް ކުރައްވަމުން އެހަފްލާ ނުވަތަ ޖަލްސާގެ އިދާރީމަސައްކަތްތައް ކުރެއްވުމުގައި ހުންނަވާނީ އެންމެ ކުރީގައެވެ. އެޖަލްސާތަކަށް ފުރިހަމަކަމާއި ޒީނަތްތެރިކަން ގެނައުމުގެ ގޮތުން މަދަރުސާގެ ކްލާސްތަކުގައި ބޭނުންކުރާ ބްލެކްެބޯޑް ތަކުގައި ރީތިޑިޒައިންތަކުގެ މަންޒަރާއި މާމެލާމެލިން އެބޯޑްތައް ޒީނަތްތެރިކޮށްދެއްވުމުގައި އެފަންނުގައި މުދައްރިސް ކުރިއަށްގޮސްފައި ހުރިވަރު ވަނީ ވަރަށްފުރިހަމައަށް ދައްކައިދީފައެވެ. އެހަނދާން ހުންނާނެމީހުން މިހާރުވެސް މަދެއްނުވާނެއެވެ.
އޭދަފުއްޓަށް ވަޑައިގަންނަވާ ސަރުކާރުގެ އިއްޒަތްތެރިންނަށް މަރްހަބާ ދެންނެވުމުގެ ގޮތުންނާއި ގައުމީ އެކި މުނާސަބާ ފާހަގަކުރުމަށް މަގުތަކުގައި ދަމާ ފޮތިގަނޑު ނުވަތަ ބެނަރތަކުގައި ލިޔާނެ އިބާރާތްތަކާ އެބެނަރ ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވުމަކީ މުދައްރިސްގެ އެންމެ ޚާއްސަ އެއްފަންނެވެ. އެއީ މިހާރުހެން ފަސޭހަކަމާއެެކު އެކަންކަން ކުރެވޭ ޒަމާނެއްނޫނެވެ. މުދައްރިސް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ އެކަހަލަ ބެނަރތައް ތައްޔާރުކުރަނީ ފޮތިގަނޑުގައި ކުލަޗޯކުން ލިޔެގެންނެވެ. އޭގެ ފަހުން ތައްގަނޑު ޖަހައިގެން ކުރިކަމަށްވިޔަސް އަކުރުއަޅަނީ ތައްގަނޑުހެދުމެއްނެތި ސީދާ ފޮތިގަނޑުގައެވެ.
އޭދަފުށީ ބަހިއްޔާއިން ދަރިވަރުވި ކޮންމެކުއްޖަކަށްވެސްް ލިބިފައިވާ ޚާއްސަ ހުނަރުވެރިކަމެއްވާކަން ދެނެވަޑައިގަންނަވަމުތޯއެވެ؟ އެއީ އަރަބިތާނަލިޔުން ރީތިކޮށްލިއުމާއި ދިވެހިބަހަށްމޮޅުވުމެވެ. ކުށެއްނެތް ރީތިދިވެހިބަހުން ވާހަކަދައްކަން އެނގުމާއި އެބަހުން ރީތިކޮށްލިޔަން އެނގުމަކީ މިދެންނެވިޚާއްސަ ހުނަރުވެރިވެރިކަމެވެ. އެހެންނަމަވެސް މިއަދު ބަހިއްޔާ އުވިގޮސް އަޅުގަނޑުމެންގެ މުދައްރިސް ލިޔަންދަސްކޮށްދެއްވި ފަންނީ ގަލަމުގެދޯރި ޖެހިފަހުން އެރީތި ލިޔުންވެސް ތާރީޚާއެކުވެދިޔައީއެވެ. މިހާރުގެކިޔަވާކުދިން އެގޮތަށް ރީތިކޮށް ލިޔަންދަސްކުރުމުގެ ބޭނުމަކީ ކޮބައިހޭ އަހާފާނެއެވެ. ކޮމްޕިއުޓަރާ ޓެކްނޮލޮޖީގެ މިޒަމާނުގައި ބޭނުންގޮތަކަށް ބޭނުން ފޮންޓަކުން އިނގިރޭސިބަހެކޭ އެއްފަދައިން ތާނަ ލިޔެވެންހުންނައިރު ރީތިކޮށް ލިޔަންދަސްކުރުމަކީ މުހިއްމުކަމެއް ނޫނޭ ބުނެފާނެއެވެ. ޖަވާބުގައި ބުނަންހެއްޔެވެ. އޭރުން ތާނައިން ރީތިކޮށް ލިޔަން އެނގުމުގެ ޝަރަފް އެދެވެނީ ކޮމްޕިއުޓަރަށެވެ. ޓެކްނޮލޮޖީއަށެވެ. ދިވެހިދަރިއެއްގެ ގޮތުގައިހުރެ މާދަރީބަހުން ރީތިކޮށް ލިޔަންނޭގުމަކީ ލަދުގަންނަން ޖެހޭކަމެއް ނޫންހެއްޔެވެ. އެމީހަކު އެ އިހުމާލުވެވުނީ ގައުމިއްޔަތަކަށް ނޫންހެއްޔެވެ.
ދިވެހިބަހުން ލިޔެކިއުމުގެ ހުރިހާ މުއާމަލާތެއްކޮމްޕިއުޓަރުން ކުރިނަމަވެސް މީގެ އަސްލާ ހަމައަށް ދާއިރު އަނެއްކާވެސް ޝުކުރު އަދާކުރަންޖެހެނީ ލޮބުވެތި މުދައްރިސަށެވެ. އެހެނީ ކޮމްޕިޓަރުގައި ހުންނަ ތާނަފޮންޓްތަކަކީ ކޮންމެވެސް ބައެއްގެ އަތުންލިޔެފައިވާ ލިއުންތަކެއް ކޮޕީކޮށްގެން ހަދާފައިވާ އެއްޗެކެވެ. އެ ކޮންމެވެސް ބައެއްގެ ތެރޭގައި މުދައްރިސްގެ ދަރިވަރުން ހިމެނޭކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. އެކަމުގެ ތަފްސީލަށްދިއުމަކީ މިމަގާމުގައި އަޅުގަނޑު ކުރަންޖެހޭކަމެއް ނޫނަސް ދިވެހި ފޮންޓް ވުޖޫދަށް ގެނައުމާއި އެފޮންޓްތައްފަރުމާކޮށް އުފެއްދުމުގައި މުދައްރިސްގެ ދަރިވަރުންގެ ބައިވެރިވުން ބޮޑުކަމުގައި ދަންނަވަންޖެހެނީ އެކަން އެގިހުރި މީހެއްގެ ގޮތުންނެވެ.
އަދިވެސް ދަންނަވަންތޯއެވެ. ކޮމްޕިއުޓަރުން ތާނަލިއުން އާއްމުވިތާ އަދި ގިނަ އަހަރުތަކެއްނުވެއެއްނޫންތޯއެވެެ. އޭގެކުރިން ރާއްޖޭގެ ޗާޕްޚާނާތަކުގައި ސްޓެންސިލްގައި ލިޔެގެން ޗާފްކުރަން ފެށިހިސާބުން އޮފްސެޓާހަމައަށް ދާންދެން ޗާޕްކުރެވުނު ގިނަފޮތްތައް ލިއުމުގައި މުދައްރިސްގެ އުފެއްދުންތެރި ދަރިވަރުންގެ ލިއުންތައް ހަމަގައިމުވެސް މަދެއްނުވާނެއެވެ. ރާއްޖޭގައި ނުކުތް މަޝްހޫރު ނޫސްތައްވެސް މިގިންތީގައި ހިމެނެއެވެެ. ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ފަޚްރުވެރިއުފަލަކީ ރައީސްމައުމޫންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކުރާ ލިއުންތަކާއި އެކިއެކި މުނާސަބަތުގައި ދެއްވަމުންގެންދަވާ ސެޓްފިކެޓްތަކާ ހަނދާނީލިއުންތައް ލިޔެފައި އެވަނީ ލޮބުވެތި މުދައްރިސް އެކުދިންގެ އަތުގާހިފައިގެން ލިޔަން ދަސްކޮށްދެއްވި ދަރިވަރުންނެވެ.
އަޅުގަނޑު ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ އަހަރުތަކުގެކުރީކޮޅު އޮތް ރާއްޖޭގެ އަތްތެރިމަސައްކަތުގެ މައުރަޒެއްގައި މުދައްރިސްގެ ދަރިވަރަކު ބައިވެރިކުރި ތާނައިގެ ބޮޑުއަކުރުން ލިޔެފައިވާ ބެނަރއެއް ތާނައިން ރީތިކޮށް ލިއުމުގެ ރޮނގުން އެފަހަރު މުޅި މައުރަޒުން އެއްވަނައަށްއައެވެ. ރީތީލިއުމަކީ ލޮލުގެ މިއުޒިކްކަމުގައި ރައީސްމައުމޫން ވިދާޅުވެފައިވަނީ މިލިއުމަށް ނިސްބަތްކޮށްފައި ކަމަށްވެއެވެ.
މުދައްރިސްގެ ޚިދުމަތުގެ ދާއިރާއޮތީ ހަމައެކަނި މަދްރަސަތުލް ބަހިއްޔާގެ ހަތަރުފާރުން އެތެރެއަކުނޫނެވެ. އެޚިދުމަތުގެ ބައުންޑްރީވަނީ އެއަށްވުރެ މާދުރަށްފެތުރިފައެވެ. ރާއްޖޭގައި ނުކުތް ނޫސް މަޖައްލާތަކާ ހަމައަށްވަނީ އޭނާގެ ގަލަމުގެ ޖާދޫ ދައްކާލާފައެވެ. ނޫސްވެރިކަމުގެ ދެކޯހެއް ހައްދަވާފައިވާ އަޅުގަނޑުމެންގެ މުދައްރިސްގެ ކޮންމެ ލިއުއްވުމަކުންވެސް ތަފާތު ދެސިފައެއްފެންނާނެއެވެެ. އެއްސިފައަކީ މައުޟޫއަށް އިންސާފުކޮށްފައިވާގޮތުގެ ފުރިހަމަކަމެވެ. އަނެއްސިފައަކީ ބަހުގެ މުއްސަނދިކަމެވެ. މިކަން އިންސާފުކޮށްލެއްވުމަށްޓަކާ ރާއްޖޭގައި މިހާރުވެސް ނުކުންނަމުންދާ ދުވަހު ނޫސް “ހަވީރު” ގެ އާކައިވް ބައްލަވާލައްވައިގެން މުދައްރިސްގެ ލިއުންތައް ދިރާސާ ކޮށްލައްވާށެވެ.
މުދައްރިސްގެ މިއަގުހުރި ޚިދުމަތްތައް އެއީ ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ކަމެއްކަމުގައި އަޑުއުފުލަނީ އޭނާގެދަރިވަރުން އެކަންޏެއްނޫނެވެ. މިޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެޚިދުމަތްތައްް ބަލައިގަތުމުގެގޮތުން ނޫސްވެރިކަމަށް50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ނޫސްވެރިކަމުގެ ރިހިގަލަން ލިބުމުގެ ޝަރަފް ދެއްވާފައެވެ.
ލޮބުވެތި މުދައްރިސްގެގަލަން ހަލުވިކަމާ އިތުބާރާއެކު ހަރަކާތްތެރިވެފައިވަނީ ހަމައެކަނި ލިއުންތެރިކަމާ ރީތިކޮށްލިއުއްވުމުގެ ފަންނަކުނޫނެވެ. މޮޅު ޝާއިރެއްގެ ގޮތުންވެސް އެގަލަންވަނީ ޅެންވެރިކަމުގެ ވާދީގެ އެންމެއުސް ކުންނުން ފެށިގެން އެންމެ ފުންމިނާހަމައަށް ހަލުވިކަމާއެކު ދަތުރުކޮށްފައެވެ. ޅެންވެރިކަމުގެ ގުލްޝަންގައި ފަރިވެފޮޅިފައިވާ މި “ޖަވާހިރުމާ ” އޭގެ މީރުވަހާ ރީތިކުލަތަކާއެކު ގެއްލިފައިއިނީ ކީއްވެގެން ކަމެއް ދަންނަވަންނޭގުނަސް އެގުލްޝަންގައި ފަރިވެފޮޅުނު ވައިލެޓްމަލާ ޑޭޒީމަލާ ސީނުކަރަންކާ ފަދަ މާމަލަށް ދެވިފައިވާ ގަދަރު ޖަވާހިރުމަލަށްވެސް ދޭންޖެހޭކަމަށް ގަބޫލުކުރެވެއެެވެެ. ފޭރާން ހެޔޮކަމާއި އޮއްޓަރު ރަނގަޅުކަމާއެކު ޝާއިރުންގެ ތައުރީފުވެސް އެޅެންތަކަށް އޮހިފައިވާތީއެވެ.
ޅެންވެރިކަމުގެ ހަޔާތުގައި މުދައްރިސަށް ވަނީ ވަރަށް އެހެންކަހަލަ ތަޖްރިބާއެއްވެސް ކުރައްވަން ޖެހިފައެވެ. އެއީ ހަވީރު ނޫހުގައި ޝާއިއުކުރި ޅެމެއްކަމުގައިވާ “ހުޅަނގުވައިގާ އޮޑިބީހިއްޖެ ” އަކީ ސިޔާސީ ޅެމެއްކަމަށްބަލައި އެކަމާގުޅިގެން މުދައްރިސަށް ލިބުނު ހޫނު އިންޒާރުތައްކަމުގައި ވިދާޅުވިއެވެ.
އެހެންދިމާލަކަށް އެނބުރި ބަލައިލާއިރު ފެންނަނީ ރަށުގެ އިޖްތިމާޢި ކަންތަކުގައި ވަރަށްއިސްކޮށް ޙަރަކާތްތެރިވާ ޒުވާނެކެވެ.. މަޝްހޫރު ބސމދ. ޖަމްޢިއްޔާ ގެ ހަނދާންތައް އާކޮށްލަމާހިނގާށެވެ. އެޖަމްޢިއްޔާ އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެ އޭގެފަހުން ޖަމްއިއްޔާގެ ހިންގާކޮމިޓީގައި މުދައްރިސް ހިމެނުނީ ޚިދުމަތްތަކެއްކުރެވިފައިވާތީ ކަމުގައި ގަބޫލުކުރަންޖެހެއެވެ. ފުރަތަމަ ހިންގާކޮމިޓިގައި ހިމެނުމަކީ އޭނާގެ ހަރަކާތްތައް އެޖަމްޢިއްޔާގެ ބޮޑު އަޣްލަބިއްޔަތަކުންބަލައިގަތްކަމުގެ ހެއްކެކެވެ.
އޭދަފުށީ އުތުރުފަރާތުގައި 1998 ސިފަވާގޮތަށް އެއަހަރު ހަދާފައިވާ ބުރުތައް ނުވަތަ ޕާކަކީ މުދައްރިސްގެ އުފެއްދުމެކެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވި ގާސިމްކަލޭފާނުގެ އެދިވަޑައިގަތުމަކަށް މުދައްރިސް ޑިޒައިން ކޮށްދެއްވި ޕާކެކެވެ.
މިނިވަންފަންސަވީހަށް މުޅި ރާއްޖެ ޒީނަތްތެރިކުރަމުން އައިއިރު ބ.އަތޮޅު ޒީނަތްތެރިކުރުމަށް އަލްފާޟިލް ކޮޕީމުހައްމަދު ރަޝީދުގެ އަތޮޅުވެރިކަމުގައި މިއަތޮޅުގެ ރަށްތައް ތައްޔާރުވަމުންއައީ މުދައްރިސް ހިމެނުނު ޓާސްކްފޯސްގެ އިރުޝާދުގެ ދަށުންނެވެ.
އިޖްތިމާޢީ ޚިދުމަތުގެ ވާހަކަދައްކާއިރު ލޮބުވެތި މުދައްރިސަކީ އޭދަފުށީގައި މިވަގުތު ހުންނެވި އެންމެމޮޅު ޙަކީމީ ބޭސްވެރިޔާކަން ހަނދާންކުރަން ޖެހެއެވެ. މަޝްހޫރު ހަކީމީބޭސްވެރިޔާ އިނގުރައިދޫ އުމަރުބޭގެ ގާތުންނާއި އަތޮޅުގައި އުފެދުނު ހަކީމީ ބޭސްވެރިންގެ ގާތުން އަދި ރާއްޖޭގައި އުފެދުނު މޮޅުޙަކީމުން ލިއުއްވާފައިވާ ފޮތްތައް ދިރާސާ ކުރައްވައިގެން މިފަންނުގައިވެސްވަނީ ކުރިއެރުންތަކެއްހޯއްދަވާފައެވެ. މިގޮތުން އެންމެ ކާމިޔާބުކަމާއެކު ކުރެވެނީ ލޮލުބޭސް ކަމުގައި ފާހަގަ ކުރައްވަމުން އެކަމުގެ ތަފްސީލުވެސް ދެއްވިއެވެ.
މުދައްރިސްގެ އަމިއްލަ ސަޚްޞީ ވަންތަކަމުގެ ވާހަކަދައްކާލަމާހިނގާށެވެ.. އެންމެ ފުރަތަމަ ދުވަހުންފެށިގެން މިއަދާ ހަމައަށްވެސް ލޮބުވެތި މުދައްރިސް ފެންނަނީ އޭނާ ގަބޫލުކުރައްވާ އުޞޫލުތަކަކާ ހަމަތަކެއްގައި ގާއިމްވެހުންނެވި ވަރުގަދަ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އެންމެކުޑަމިނުން ނަމާދަށްހުންނަވާއިރު އަޅުއްވާ ރުމާ، މިއަދުވެސް އަޅުއްވައިގެން ހުންނަވާނީ އެންމެކުރީދުވަހު އަޅުގަނޑުމެންނަށް ފެނުނު ގޮތަށެވެ. ހަމަ އެސްޓައިލަށެވެ. ދިވެހިލިބާސްއުވި ދެންއައި ގަމީސް އުފެދިގެންއައިއިރު ހުރި ޑިޒައިނަށް އޭރުވެސް ވަރަށް ނަލަކަމާއެކު ހުންނެވި ލޮބުވެތި މުދައްރިސްގެ ޑްރެސްކޯޑް މިއަދުވެސްހުރީ ހަމައެގޮތަށެވެ. ގަމީހާއި އެއާގުޅޭ ކުލައިގެ މުންޑު އަނދެފައިހުންނަނީވެސް އަޅުގަނޑުމެން އެންމެފުރަތަމަ ދުވަހުވެސް ދުށްގޮތަށް އެސްޓައިލަށް އެ ދިގުމިނުގައެވެ. އަމިއްލަ ދިރިއުޅުއްވުމަށް ބަލައިލާއިރުވެސް ފެންނަނީ ހަމަމިގޮތެވެ. ތަފާތު ދިރިއުޅުއްވުމެކެވެ. ރޭގަނޑާއި ދުވާލުގެ ގަޑިތައް ހޭދަކުރައްވަނީ ރޭވިފައިއޮންނަ ޓައިމްޓޭބަލަކާ އެއްގޮތަށެވެ. ރޭގަނޑު ނިދިކުރައްވާގަޑިއާ ދުވާލުގެ ވަގުތުތައް ހޭދަކުރައްވާނެ ގޮތް ކުރިއްސުރެ އޮންނާނީ ޕްރޮގްރާމް ކުރެވިފައެވެ.
މިދަންނަވާލެވުނީ މަދު ސިފަތަކެކެވެ. ޖުމްލަކޮށް ބަލާއިރު ދެންނެވޭނީ ލޮބުވެތި މުދައްރިސްގެ ދިރިއުޅުއްވުން އެހެންމީހުންނާ ތަފާތުވާނެކަމުގައެވެ. މިސިފަތަކާއެކު މުދައްރިސް ފާހަގަ ކުރެވިފައިވަނީ ބަސްމަދު އަމަލުގިނަ ބޭފުޅެއްގެގޮތުގައެވެ. ދީނީކަންކަމަށް އިސްކަންދެއްވާ ހިތްހެޔޮ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ. އާއިލާއާމެދު ވަރަށް ބޮޑަށް ވިސްނާ އާއިލާދެކެ ވަރަށްލޯބިވާ ބޭފުޅެއްގެ ގޮތުގައެވެ.
ލޮބުވެތިމުދައްރިސްގެ އަމިއްލަ ދިރިއުޅުއްވުމުގައި ހޯއްދަވާފައިވާ ކާމިޔާބުގެ އުސްއަލިތަކަށް ބަލާއިރު އެކަމުގެ ފަހަތުގައި ވަނީ ކެތްތެރިކަމާ ޙިކްމަތުއަމަލީއެވެ. އާކައިވެންޏާއެކު ދިރިއުޅުން މިހާތަނާހަމައަށް އައިއިރު އެދިގު ރާސްތާގައިވަނީ ވަރަށްތަފާތު ތަޖްރިބާތަކެއްކުރައްވާފައެވެ. ހަޔާތުގެ ފަންސިގަނޑު ބައެއްފަހަރު ގަދައޮޔާ ތޫފާނުގައިޖެހި ދެންމެދެންމެ ޣަރަޤުވެދާނެކަމަށް ހީކުރި ފަހަރުތަކުގައިވެސް ލިބިފައިވާ އިލްމާާ ކެތްތެރިކަމުގެ ރީތިސިފަ ބޭނުންކޮށްގެން އެފަންސިގަނޑުވަނީ މަންޒިލް ހޯދާފައެވެެ.
ފުރަތަމަ ކައިވެންޏާއެކު ލިބިފައިވާ ދެފިރިހެންކުދިންނާ ހަތަރު އަންހެންކުދިންނަށް ތައުލީމުދިނުމުގައި ކުރެއްވި ބުރަމަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އެއިން ކޮންމެކުއްޖަކީވެސް ތައުލީމީ ހަޔާތުގައި ބޮޑެތިކާމިޔާބުތަކެއް ހޯދާފައިވާ ކުދިންނެވެ. ދޮށީ ފިރިހެންދަރިފުޅު އަމްޖަދަކީ އެންވަޔަރންމަންޓް މިނިސްޓްރީގެ ޑިރެކްޓަރޖެނެރަލްގެ ޒިންމާދާރު މަގާމް އަދާކުރަމުން އަންނަ ބައްޕަފަދައިން ގައުމީޚިދުމަތުގައި ރިޓަޔަރ ކުރައްވަންދެން ދެމިހުރުމަށް އަޒުމްކަނޑައަޅައިގެންހުރި އޭދަފުށި ފަޚްރުވެރިވާ ދަރިއެކެވެ. ދެންހުރީ އަޖްހަދެވެ. މަޝްހޫރު އޭޖޭ އެމްޕޯރިއަމްގެ އޯނަރެވެ.
ދިރިއުޅުމުގައި ހޯދާފައިވާ ފުރިހަމަ ކާމިޔާބާއެކު ސަރުކާރުން ރިޓަޔަރ ކުރައްވާފައިވާ ލޮބުވެތި މުދައްރިސްގެ އުމުރުން މިހާރު 74އަހަރު ފާއިތުވެގެންދާއިރު ހަޔާތުގެ ފަހުދުވަސްތައް ގުނެވެމުންދަނީކަމުގައި ގަބޫލު ކުރައްވައެވެ. ކޮންމެ ވަގުތެއްގައިވެސް ވަކިވާންޖެހިދާނެ ކަމަށް ބައްލަވައި އެކަމަށް ހުންނެވީ ތައްޔާރީ ހާލަތުގައެވެ. ދަރިންނަށް މޮޅަށް ތައުލީމާ ތަރުބިއްޔަރު ދިނުމުގައި ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރެއްވިފަދައިން ކާފަދަރިންނަށް އެމަގު ދެއްކެވުމުގައެވެ.
އެހެންނަމަވެސް އަދިވެސް ލިއުންތެރިކަމާ ދުރަކަށް ނުދެވެއެވެ. ފަހުނޭވާއާހަމައަށް ދާންދެންވެސް ގަލަމަށް ޗުއްޓީއެއްދޭން ބޭނުންނުވަނީކަމަށް ވެދާނެއެވެ. މިހާރުވެސް “ހަގީގީ އޭދަފުށި” ކިޔާ ފޮތެއްލިއުއްވަމުން އެބަގެންދަވައެވެ. އޭދަފުށީގެ ތާރީޚާ އާދަކާދައާ މިނޫނަސް ގިނަ މައުލޫމާތުތަކެއް ހޯއްދަވައި ދިރާސާތަކެއް ކުރައްވަމުން އެދިރާސާތައް އެފޮތުގައި ލިއުއްވުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވައެވެ. އަޅުގަނޑުމެން މިހާރު އިންތިޒާރު ކުރަނީ އެފޮތަށް ދުނިޔޭގެ އަލިކަން ލިބޭނެ ދުވަހަކަށެވެ. މީގެ އިތުރުން އާއިލާއާބެހޭ ޗާޓެއް ހެއްދެވުމުގެ މަސައްކަތްވެސްކުރަމުންދާކަމަށް ވިދާޅުވިއެވެ.
މުދައްރިސްގެ ހަޔާތް ކާމިޔާބާއެކު ނިންމާލުމުގައި ޝުކުރުވެރިވުން ހައްގުފަރާތްތަކެއްވާކަން ގަބޫލު ކުރައްވައެވެ. އެގޮތުން މަރްޙޫމް ޔޫސުފްކަލޭފާނު ޚާއްސަކުރެއްވިއެވެ. އެންމެ ޒުވާންއިރު ދިރިއުޅުމަށް މަގުދައްކައިދީ އެހީތެރިވި އާރުކާޓީއެއްގެ ގޮތުންނެވެ. ދެން ގ.ކެތީރޯޒް މަރްޙޫމް މުޙައްމަދު ޝަރީފެވެ.
މުދައްރިސަށް ލިބިފައިވާ އިލްމަކާއި ޙިލްމެއްގެ އެއްހިއްސާދާރަކީ ޝަރީފްކަމަށްވިދާޅުވިއެވެ. ދެން ގ.ސޯސަނީ މަރްހޫމް މުޙައްމަދު ލުތުފީއެވެ. މަދްރަސަތުލްބަހިއްޔާގައި ލުތުފީގެ ނާޒިރުކަމުގައި އަރިހުގައި މަސައްކަތް ކުރެއްވިއިރު ލިބުނު ފަންނީ އެހީތެރިކަމާއި އިލްމީގޮތުން ލިބުނު ވަރަށްގިނަ ފިލާވަޅުތަކާއި މަތިވެރި އިރުޝާދުތަކަށްޓަކައެވެ.
މުދައްރިސްގެ އަމިއްލަ ދިރިއުޅުން ކާމިޔާބުކަމާއެކު މިހިސާބަށް ގެނެސްދިނުމުގެ އެންމެ ބޮޑުއެހީތެރިއަކީ އަނބިކަބަލުން ރަޒީނާ ޢަލީއެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެކަމަށްބުނާބަސް އެއީ ތެދެއްކަމުގައިވާނަމަ މުދައްރިސްގެ ފަހަތުގައި ހުރި އަންހެނަކީ އަބިކަނބަލުން ރަޒީނާއެވެ. ދެކަނބަލުންނަށް ލިބިފައިވާ ހަ ކުދިން ތަރުބިއްޔަތު ކުރުމާއި ތައުލީމް ދިނުމުގައި އެއީ ނަމޫނާ މަންމައެކެވެ. އެހެން މަންމައިންނަށްހުރި ރީތި މިސާލެކެވެ. ވަރަށް ބުރަކޮށް ވަރަށް އެކަނިވެރިކަމާއެކު ވަރަށްގިނަ މަސައްކަތްތަކެއްކޮށްގެން ނޫނީ ހަކުދިންނަށް ތައުލީމާއެކު ތަރުބިއްޔަތު ނުކުރެވޭނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތަކަށްވާތީއެވެ. ދަރިންނަށްލިބިފައިވާ ހަރުދަނާ ތަރުބިއްޔަތާ ތައުލީމީ ގޮތުން ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ހަގީގީ މިލްކުވެރިއަކީ ކުދިންގެ ލޮބުވެތިމަންމަކަމުގައި މުދައްރިސް ވިދާޅުވިއެވެ.
ދިރިއުޅުން މިހާހިސާބަށް އައިއިރު އެންމެއުފާވަނީ ކޮންކަމެއް ހާސިލްވީމާތޯ އަހާލުމުން ހާޒިރުޖަވާބުދޭ މީހެއް ފަދައިން ވިދާޅުވީ ރަނގަޅުއާއިލާއެއް ބިނާކުރެއްވުމުން ކަމުގައެވެ. ދެވަނަކަމަކީ ރަނގަޅު ދަރިވަރުންތަކެއް ބިނާކުރެވި އެކުދިން ގައުމަށް ޚިދުމަތްކުރާތަން ފެންނާތީއެވެ.
ޝައްކެއްނެތެވެ. ދިވެހި މުދައްރިސެއްގެ ގޮތުންނާއި މުދައްބިރެއްގެ ގޮތުން އޭދަފުށިގެ ދަރިންނަށާއި މަދްރަސަތުލް ބަހިއްޔާގެ މުސްކުޅިދަރިވަރުންވެސް ހިމެނޭގޮތަށް ލޮބުވެތި މުދައްރިސްވަނީ ތައުލީމީގޮތުން ހަރުދަނާ ޖީލެއްއުފައްދާދެއްވާފައެވެ. ދިވެހިބަހަށާއި ދިވެހިއަކުރު ރީތިކޮށްލިއުމުގެ ފަންނުގައި މޮޅުދަރިންތަކެއް ބިނާކޮށްދެއްވާފައެވެ.
އެދަރިވަރުންގެ ހެޔޮދުޢާތަކާ ހެޔޮއެދުންތައް އޭގެތެރޭގައި އަޅުގަނޑުވެސް ހިމެނޭގޮތަށް އަބަދުވެސް މުދައްރިސާއެކުވާނެއެވެ. އެ ޚިދުމަތްތަކުގެ އަގު ވަޒަންކުރާނެއެވެ.