ޭ
މިއަދަކީ ރާއްޖޭގެމިނިވަންކަމަށް 50 އަހަރުފުރޭ ފަޚްރުވެރި މިނިވަންދުވަހެވެ. ދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ އިއްޒަތްތެރިރައީސުލް ޖުމްހޫރިއްޔާއަށާ ދިވެހި އެންމެހާރައްޔިތުންނަށް އަރިސްކުރަމެވެ.
މިނިވަންދުވަހުގެ އެންމެއުފާވެރި ވާޖިބަކަށްވާންޖެހޭނީ މިނިވަންކަން ހޯއްދަވައިދެއްވި ގައުމީބަތަލް ސުމުއްވުލްއަމީރު އިބްރާހީމްނާސިރު ރަންނަބަޑޭރިކިލެގެފާނު.(ނޣޢވ) ގައުމަށްކޮށްދެއްވި މިއަގުހުރި ޚިދުމަތް ނުވަތަ ދިވެހިންނަށް ރައްދުކޮށްދެއްވި މިއަގުބޮޑުހަދިޔާއަށް ޝުކުރުވެރިވެ އެމަނިކުފާނުގެ ޒިކްރާ އާކުރުންކަމަށްވީތީ އެވާޖިބު އަދާކުރުމަށް އަވަސްވެގަންނަމެވެ. މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުންއެދި ދުޢާކުރަމެވެ. ރާއްޖޭގެ މިނިވަންކަމަށްޓަކާ ޖިހާދުކުރެއްވި އަބްތާލުންނަށާއި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރެއްވި ގައުމީބަތަލުން މިދުޢާގައި ޝާމިލްކުރަނީ “ޒިކުރާގެ މަލުން ” ވެދުން ކުރަމުންނެވެ.
މިނިވަންކަމަށް50 އަހަރުފުރޭ ފަޚްރުވެރި މިނިވަންދުވަސް މިއަހަރު ފާހަގަކުރަނީ އަޅުގަނޑުމެންގެ ހަޔާތުގައި ފެނިފައިނުވާފަދަ ކުލަގަދަ ގޮތެއްގައެވެ. ގައުމީ ކުލަތަކުން ދިއްލ ހުޅުދާންވެފައިވާ ހިތްގައިމުއަލިތަކާއެކުގައެވެ. ގައުމީޖޯޝްގެނެސްދޭ ރީތިރާގުތަކުން މުޅިގައުމު ގުގުމަމުންދާ މާހައުލަކުންނެވެ.
މިފަދަ މާހައުލެއްގައި މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަމުންދާއިރު މުޅި ގައުމު އެކުގައި މި އުފަލުގައި ބައިވެރިނުވާކަމީ ހިތާމަވެރި ހަގީގަތެކެވެ. ގައުމީ މިފަދަ ދުވަހަކު ފެންނަން ބޭނުންނުވާ މަންޒަރުތަކަކާއި އަހަންބޭނުންނުވާ އަޑުތަކެއް އިވެމުންއެބަދެއެވެ. ޝައްކާއި ވަހުމުން ހިތްތައް ތަޣައްޔަރުވަމުން އެބަދެއެވެ.
ޚިޔާލާ ފިކުރުގެ ތަފާތުކަމަށްވެދާނެއެވެ.
މިއަދު އެއްބަޔަކު ސުވާލުކުރަނީ ގައުމުގައި މިނިވަންކަން އޮތްކަމާ މެދުގައެވެ. އަނެއްބަޔަކު ސުވާލު އުފައްދަނީ ގާނޫނަށް ގެނައި އިސްލާހްގެ ސަބަބުން ބިދޭސީންނަށް ބިން މިލްކުވާގޮތަށް އޮތުމުން ދެންވާނެ ގޮތަކާމެދުގައެވެ. މިއިން ކޮންމެ ކަމަކީވެސް ގައުމުގެ މިނިވަންކަމާ އިސްތިގްލާލާ ގުޅިފައިވާ ކަންކަމަށްވާތީއެވެ.
މި ޝައްކުތަކާ ވަހުމްތަކަށް ރައްދުދެއްވައި ގައުމުގެ ރައީސާ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ގައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަޅުގަނޑުމެން މިތިބީ އަޑުއަހައިގެންނެވެ. އަޅުގަނޑުމެން ގައުމުގެ މުސްތަގްބަލް ސިފަކުރަނީ އަމާންކަމުގެ ސުވަރުގެއެއްގެ ގޮތުގައެވެ. މިނިވަންކަމުގެ މަތިވެރި ނިއުމަތް “އަބަދަށަދެމިހުރެ ނުމެވެފާނާ ވާ”ގޮތެއްގައި ދިވެހި ގައުމި ދެމި އޮންނާނޭކަމުގައެވެ.
މިފަދަދުވަހެއްފާހަގަކުރާއިރުވިސްނަންޖެހޭ ކަންތައްތަކެއް އެބަހުުއްޓެވެ. އަޒުމްކަނޑައަޅަންވީ ކަންތައްތަކެއްވެސް ވެއެވެ. ފުރަތަމަކަމަކީ މިނިވަންކަމުގެ އަގު ވަޒަންކުރުމެވެ. މިނިވަންކަންހޯދުމަށާ މިނިވަންކަން ދެމެހެއްޓުމަށް ގައުމީ އަބްތާލުން ވެވަޑައިގެންނެވި ގުރުބާނީ އާއި ބުރަ މަސައްކަތް ހަނދާންކުރުމާއެކު އެކަންތައްތަކުން އިބްރަތްހާސިލްކުރުމެވެ. މިނިވަން ގައުމެއްގެ ގޮތުގައި ކީރިތި މޫރިތި ދިވެހި ގައުމު ބޭއްވުމަށް ގައުމުގެ ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއަޔަތު އަދާކުރުމެވެ. މިނިވަންކަން ހޯދުމަށްވުރެ މިނިވަންކަން ދެމެހެއްޓުމަކީ މާ އުނގަނގޫކަމެއްކަން ދެނެ ތިބުމެވެ.
އިއްޒަތްތެރި ރައީލްޖުމްހޫރިއްޔާ ރޭ އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވިދާޅުވިފަދައިން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެފަދަ އެއްވެސް ކަމަކަށް ހަމައެކަކުވެސް ފުރުސަތު ނުދިނުމާއެކު އެފަދަކަމެއްކުރަން އުޅޭމީހަކަށްވެސް އެފުރުސަތު ނުދިނުމެވެ.