ލޯބިލޯބިން : ރާބިޔާ އާއި ސައްތާރު

DSCN2175.jpg

ރާބިޔާ އާއި ސައްތާރު--އީވީ ފޮޓޯ

ލޯބިލޯބިން އެންމެ ލޯބިން ދުނިޔެ އުޅެ ނިންމާލަމުން ދާ ޖޯޑެކެވެ. މި ދިރިއުޅުން ފެނި ހަނދާން އާވެގެން ދަނީ ނައިފަރު ދޮހޮއްކޮގެ ލަވައެކެވެ. އެކަކު އަނެކެއްގެ ޝަރަފުގައި މަރުވާ ވަރަށް ލޯބިވާ ވާހަކަ އާއި އެކަކު ކަނޑުވަންޏާ އަނެކަކު ކަނޑަށް ވެސް އެރެފާނެ ވާހަކަ ބުނެފައި ދެން ބުނަނީ ކަނޑުވާވަރަށް ވެސް ލޯބިވާ ވާހަކަ އެވެ. މިއީ އެފަދަ ދެމަފިރިންނެވެ. އޭދަފުށީ ފެހިގޭ ސައްތާރާއި ރާބިޔާ އެވެ. ކުޑައިރު ދެމީހުންވެސް އުޅުނީ ދުރުގައެވެ. އެކަމަކު ތަގުދީރު އެމީހުން އެއްތަންކޮށް ގުޅުވައި ދިނީ އެމީހުންގެ ނަސީބުކަމަށް ހީކުރެ އެވެ. މުލައްދަނޑީގެ ބާރުން ނަސީބު ބަދަލު ކޮށްލުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ އިޚްތިޔާރެކެވެ. ދިރިއުޅުން ބުރައަކަށް ވަނީ އެ އިޚްތިޔާރުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފޭތީއެވެ. ރާބިޔާ އާއި ސައްތާރުގެ ނަސީބު ބަދަލު ކޮށްލީ މުލައްދަނޑީގެ ބާރުންނެވެ.

ރާބިޔާގެ ގަޔަށް ވައްޓާލި ލިބާހާ އެކު އޭނާއަށް ވުރެ ހަތަރުއަހަރު ދޮށި، ސައްތާރާއި ކައިވެނިކުރި އިރު އުމުރުން ކިިރިޔާ 14 އަހަރު ފުރުނީއެވެ. ހައިރާންވާކަށް ނުޖެހެއެވެ. އޭރު 14 އަހަރަކީ ކައިވެނި ނުކުރެވޭ އުމުރެއް ނޫނެވެ. ކައިވެނީގެ ރީތި ހެދުމުގައި ފަރިސަމާގައި ރާބިޔާ ކަހަލަ ރީތި އަންހެންކުއްޖަކު ލިބުމުން ސައްތާރުގެ ނަސީބު ހިނިތުން ވެލި އެވެ. ސައްތާރުގެ މަޖާ ބަހުރުވައިން ބުނާނަމަ އޭނާ ރާބިޔާ އާއި އިނީ ރާބިޔާއަށް ދުނިޔެ ދައްކާލާނަމޭ ހިތާ އެވެ. އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. ސައްތާރަށް ދުނިޔެ ދައްކައިދިނީ ރާބިޔާ އެވެ. ސައްތާރު ގަބޫލު ކުރަނީ އެގޮތަށެވެ.

މިއަދަކީ އޭގެ 42 އަހަރު ފަހެވެ. ތަނަކީ ފެހިގެއާއި ދާދި ގާތުގައި ހުރި ރާބިޔާގެ ދައްތަގެ ގޯތީގައި ހަދާފައި ހުރި އެމީހުންގެ ވޯކްޝޮޕެވެ. ރާބިޔާ އިނީ ފަންގި ވިންނާށެވެ. ކައިރީގައި ހުރި ރޭޑިއޯއިން ދުވަހުގެ ޚަބަރުތައް އަޑުއަހަމުން އިލިފަތިން ފަންތައް އަމުނަމުން ކުޅަދާނަ ދަނޑުވެރިއަކު ކުރާ ކަނޑާހެން ރާބިޔާގެ ފަރިތަކަން ދައްކަމުން ގެންދެއެވެ. ވަރުކޮށްލާފައިވާ ދުފުން ގަނޑަކާ އެކު ސައްތާރު އިނީ ރާބިޔާގެ ކުރިމަތީގައި ރޮށި ފިހާ ކިބާރެއް ހެދުމުގެ މަސައްކަތުގައެވެ. އަހަރެމެން ވަނުމާއެކު އެމީހުންގެ ސަމާލުކަން ހުއްޓުނެވެ. އަހަރެމެންނަށް އިހުސާސް ވެގެން ދިޔައީ ދިވެހީންގެ ދިރިއުޅުމުގެ އަހަރުތަކެއްގެ ކުރިއެވެ.

ރާބިޔާ ފަންގި ވިނުމުގައި —އީވީ ފޮޓޯ

ރާބިޔާ ވިޔެފައި ހުރި ފަން ބޮނޑިތައް ތަނުގެ ޖާގައިގެ ބޮޑު ބައިި ހިފާފައިވާއިރު ލަކުޑީގެ ދޭފަތާއި ފިޔަނާއި ރޮށި ދަމާ ކިބާރާއި މިނޫނަސް ބަދިގޭގައި ބޭނުންކުރާ ސާމާނު ތައް އެތަނުން ފެންނަން ހުއްޓެވެ. އެއް ކަނެއްގައި ކުކުޅު ކޮށްޓެކެވެ. އަނެއް ފަރާތުގައި، ފޯދެން ތައްޔާރުވެފައި ހުރި ފަސް ރުކެވެ. އެ ރުއްތަކުން ރާވެރިކަން ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އޭގެ ހެއްކަކަށް އެތަނުގައި ހުރި ރާބަނދި ދައްކައިލި އެވެ. ކޮންމެ ދިމާއަކުންވެސް އެދެމަފިރިންގެ އުފެއްދުންތަކެވެ. މުއްސަނދި އުފެއްދުން ތަކެކެވެ. ރީތި އަތްތެރި މަސައްކަތްތެރި ކަމެވެ. މިމަސައްކަތްތައް ކުރާގޮތާއި ލިބޭ އާމްދަނީގެ ވާހަކަ އަހާލުމުން ޖަވާބު ދިނީ ސައްތާރެވެ.

”ފައިސާ ލިބޭ ހަމަ ލަވަ ކިޔާލާފައި. އެއީ ވަކި މީހަކަށް އޮތް ކަމެއް ނޫން. މަސައްކަތް ކުރަންވީ ކޮންމެ މީހަކު ވެސް. “ސައްތާރު ބުންޏެވެ.

އެކަމަކު ރަނގަޅަށް ފުރާ ފުރިހަމަ ނުވަނީސް ލައި ބާލާނެ ދެގަނޑެތި ހަމަނުވަނީސް މީހަކާ އިންއިރު އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ދެމީހުންވެސް ދިރިއުޅުމަށް ނުކުތީ ހުސްއަތާއެވެ. ދެމަފިރިން އުޅުނީ ސައްތާރުގެ މައިފުނަ ގޭގައި އާއިލާ އާއި އެކުގައެވެ. ސައްތާރު ދަނީ މަހަށެވެ. މަހުން އައިސް ގޭގައެވެ. މިގޮތް ކަމުނުދިޔައީ ރާބިޔާއަށެވެ. ތައްގަނޑަކަށް ފެތިފައި ކުރިއަށްދިއުމުގެ މަގުބަންދުވެފައި ކޮންމެ ދުވަހަކުވެސް މަހަށް ގޮސް އައިސްވުމަށް ބަރޯސާވެފައިވާ މި ދިރިއުޅުން ރާބިޔާއަށް ކަމަކު ނުދިޔައެވެ.

”ދިރިއުޅުމަކީ މިއީ ހެއްޔެވެ.“ އޭރު ބައެއް ފަހަރު ސައްތާރު ގާތު އަހާލެވެ އެވެ. ސައްތާރަށް ރާބިޔާ ބޭނުންވާ ޖަވާބެއް ނުދެވެއެވެ. ޒުވާންކަމަކީ އަލަތު ކައިވެންޏާއި އެކު އިންވެސްޓު ކުރަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. މަސައްކަތް ކުރުމުގެ ބާރު ހަށިގަނޑުގައި ހުރިއިރު ވަގުތު އިސްރާފު ކުރެވޭ ކަމުގެ އިހުސާސް ރާބިޔާއަށް ކުރެވެން ފެށިއެވެ. ދެމީހުން ވެގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ސައްތާރަށް ހިތްވަރު ދިނެވެ. ރާބިޔާގެ އެންމެ ކައިރީގައި އޮތީ މަންމަ ގެންގުޅުނު އިލި ފައްޗެވެ. އެއީ އޭނާ ފަންގި ވިންނަން އުޅޭތީ އެކަން ކުރިޔަ ނުދޭން މަންމަ ރައްކާ ކޮށްގެން ގެންގުޅުނު އިލިފައްޗެވެ. އެ ފެށުނީއެވެ.

ރާބިޔާ ދުވާލަކު ފަސް ގަނޑު ނުވަތަ ހަ ގަނޑު ފަންގި ވިނދެއެވެ. ފަންހޯދައިދެނީ ސައްތާރެވެ. ބައެއް ދުވަސް ދުވަހު ހަ ގަނޑުވެސް ވިންނަމުން މަސް ކައްކަމުން އެއިން ރިހާކުރު ހަދަމުން އާމްދަނީ އިތުރު ކުރިއެވެ. ފަން ހޯދަން ސައްތާރު މާއްޑުއަށް ގޮސް އުޅުމުގެ ތެރޭގައި ވަލުތެރެއިން ފެންނަ މިދިލި ގަސްތަކުން ދޮންވެގެން ފައިބާފައި ހުންނަ މަދު ހޮވައިގެން ރާބިޔާއަށް ގެނެސްދެއެވެ. އެއިން ކަނަމަދު އުފެއްދިއެވެ. ފޯއް ކޮށައިގެން ވިއްކަން ފެށިއެވެ. ހަވާދު ނެގުމަކީވެސް މިލިސްޓަށް އިތުރުކުރަން ޖެހޭ ކަމެކެވެ.

ސައްތާރު މިދުވަސްވަރު އެންމެ ގަޔާވެގެން ކުރަނީ ލޯނަރު ނެގުމެވެ. ގޭގެއިން ހަލާކުވެގެން އުކާލާފައިހުންނަ ކަރަންޓު ސާމާނާއި އެހެންވެސް އެކަހަލަ ތަކެތީގައި ހުންނަ ލޮއިތައް ނަގައި ވަކިކޮށްގެން ވިއްކުމެވެ.

ދުނިޔެ ބަދަލުވަމުން އައިސް އެދެމަފިރިންގެ ކައިވެންޏަށް 42 އަހަރު ވީއެވެ. ފަސް ދަރިން ލިބި ބޮޑެތިވެ މީހުންނާއި އިނދެގެން ކާފަ މާމަ ކިޔައިފި އެވެ. ”އަހަރެމެން އެކުގައި 42 އަހަރު ހޭދަކޮށްފިން. ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ގުނެވެމުން ގޮސް މިހާރު ކާފަ މާމަ ކިިޔާ ދަރިން އެބަތިބި. ދުނިޔެ ބަދަލުވެގެން ދިޔަ ގޮތްވެސް ނޭނގެ. ބަދަލު ނުވެ އަދިވެސް ޒުވާންކަމުގައި އޮތީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ލޯތްބާއި ކުލުނު. އުމުރަކީ ހަމައެކަނި އަދަދެއް. “ރާބިޔާ ގާތު އިނދެގެން ސައްތާރު ބުނަމުން ގެންދިޔައެވެ.

ދިރިއުޅުމުގައި ހުރިހާ ކަމެއްވެސް ދިމާވެއެވެ. އެއީ އިންސާނީ ތަބީއަތެވެ. އުފަލާއި ހިތާމައެވެ. ރޯންޖެހޭ ފަހާރު ރޯލާފައި ހޭންޖެހޭ ފަހަރަކު ހީލުމުން ނިމުނީއެވެ. މައްސަލަ ޖެހެއެވެ. ހައްލުކުރަން މޮޅީއެވެ.

”މައްސަލަ ނުޖެހޭ ދިރިއުޅުމެއް އޮވޭތަ؟“ފަންގި ވިންނަމުން ރާބިޔާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

”ދިރިއުޅުމުގައި މައްސަލަ ނުޖެހި އުޅުމަކީވެސް މައްސަލައެއް. މިއީ އިންސާނުން. ޚިޔާލު ތަފާތުވުންތަކުން މައްސަލަ އުފެދޭ. އެކަމަކު ދިގުދެމިގެން ނުދާނެ. ރޭގަނޑު ނިދާނީ އެކަން ހައްލު ކޮށްފަ“

ރާބިޔާގެ ފަލްސަފާއަކީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމާއި މައްސަލަތައް އުފެދި ބޮޑުވެގެންދަނީ ހުސްވަގުތުތައް ގިނަވުމުންނެވެ. އެމީހުންގެ ދިރިއުޅުމުގައި ހުސްވަގުތެއް ނޯވެ އެވެ. ބޭނުންވެސް ނުވަނީ އެވެ.

”މިމަސައްކަތުގައި ދެމީހުން އުޅެން ފެށުމުން މިހާރު ބޯކޮށް ފައިސާ ލިބޭ“ ސަތާރު އޭނާގެ މަޖާ މިޒާޖުގައި ހުރެ ހިނިތުން ވަމުން ބުންޏެވެ.

ސައްތާރު އުފައްދާފައިވާ ކިބާރު ތަކެއް ދައްކައިލަނީ —އީވި ފޮޓޯ

ރާބިޔާ އާއި ސައްތާރިގެ ދިރިއުޅުމަކީ ސަމާސާ އެއް ނޫނެވެ. އެމީހުން ދިރިއުޅުނީ އެކަކު އަނެކަކަށް ޓަކައެވެ. ލޯބިލޯބިން ލޯބީގެދާނުގަ އެވެ. ކައިވެންޏާއެކު ސައްތާރު އުޅުނީ ރާބިޔާ އަށް ދުނިޔެ ދައްކާލާށެވެ. އެކަން ކޮށްފި އެވެ. އެކަމަކު އެއީ ޕާކު ތަކާއި ކެފޭތަކުން ނޫނީ ހޭދަކުރެވޭ ޗުއްޓީއަކުން އެކަނި ކުރެވޭނެ ކަމެއް ނޫންކަން ސައްތާރު ވެސް މިހާރު ގަބޫލު ކުރެ އެވެ. މިޒަމާނުގައި އަޅާ ކޮންމެ ފިޔަވަޅަކީވެސް ފައިސާ އެވެ. އެެހެންވެ ހަމައެކަނި ފިރިމީހާއަށް ލިބޭއެއްޗަކަށް ބަރޯސާ ވުމުގެ ބަދަލުގައި ދެމީހުންވެސް މަސައްކަތް ކުރަން ޖެހެ އެވެ.

”ބުނަންތަ. ދެމީހުން އެކުވެ މަސައްކަތުގައި އުޅުމަކީ ހާސްކަން ކުޑަވެ މައްސަލަތައް މަދުވެ ދެމަފިރިންގެ މެދުގައި ލޯބި އިތުރުކޮށްދޭ ކަމެއް. ދިރިއުޅުމަށް ތިޔާގި ކަން ގެނެސް ބަލިތަކުން ދިފާއުވެސް ކޮށްދޭ ކަމެއް.“ސައްތާރުގެ ތަޖްރިބާއަކީ މިއީ އެވެ.

މިދެމަފިރިންގެ މިހާރު ނުފުދި އޮތީ އެންމެ ބޭނުމެވެ. އެއީ ދުނިޔޭގައި ހުރެ ދެމީހުން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމެވެ.

”ކުރީ ފަހަރު ދާން އުޅުނީ. އެކަމަކު އެކަމަށް ކޮވިޑް ހުރަސް އެޅީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި ވިސްނަނީ ދާން. އިރާދަކުރެއްވިއްޔާ ހައްޖަށް ދާނަން. އަންނަ އަހަރު.“ރާބިޔާގެ ފަހު ބަހަކީ މިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top