ތުޅާދުއަށް 100 ހައުސިން ޔުނިޓް ނުފުދޭ: ކައުންސިލް

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ބ. ތުޅާދޫގައި ސަރުކާރުން އިމާރާތް ކުރާ 100 ހައުސިން ޔުނިޓުން ނުފުދޭކަމަށް ތުޅާދޫ ކައުންސިލުން ބުނެފި އެވެ.

”ސަން“ އާއި ހަވާލާދީ ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހީމް އާދިލު ވިދާޅުވި ގޮތުގައި އެރަށުގެ އާބާދީގައި 3072 މީހުން ތިބިއިރު 100 ހައުސިން ޔުނިޓަކީ އެރަށަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫނެވެ.

“އެއްޗެއް ނެތުމަށް ވުރެ 100 ވެސް ރަނގަޅު. އެކަމު އެންމެ އެކަށީގެންނެއް ނުވޭ 100 ހައުސިން ޔުނިޓް ވީމަ. އެއަށްވުރެ ގިނަ މީހުން ގޯއްޗަށް އެދޭ،” އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތުޅާދޫގައި ހައުސިން ޔުނިޓު ގާއިމު ކުރުމުގެ ކުރިން އެރަށަށް އެންމެ އެކަށީގެންވާ މިންވަރަށް މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސާވޭއެއް ކުރަން ޖެހޭ ކަމަށެވެ. ނޫން ނަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ބޯހިޔަވާހިކަމަށް ތުޅާދޫގެ ވަރަށް ގިނަ މީހުން އެދޭއިރު މިހާރުވެސް އެ ރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑެވެ. މިހާރު އިމާރާތް ކުރާ 100 ހައުސިން ޔުނިޓަކީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ ކަމަކަށްވާއިރު މިހާރު މި ހައުސިން ޔުނިޓް ހޯދުމަށް ހުށައަޅާ ފޯމްތައް ވަނީ ދޫކޮށް ނިމިފައެވެ.

އެރަށުގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ 79.6 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ޔުނިޓުތައް އަޅާނީ 1،100 އަކަފޫޓުގެ ބިމެއްގެ ތެރޭގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނޭ ގޮތަށެވެ. އެ ޔުނިޓްތައް އަޅާނީ ރޯ ހައުސްގެ ގޮތުގައެވެ.

އެ މަޝްރޫއުއަކީ 363 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ނަމަވެސް އެ މަސައްކަތް ވަނީ މިއަދާ ހިސާބަށް ވެސް ދިގުލައިގެން ގޮސްފައެވެ. ނަމަވެސް މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކުލަލުމާއި ޕުޓީ ޖެހުމާއި ވައިރިންގެ މަސައްކަތާއި މުށިޖެހުން ފަދަ މަސައްކަތްތަކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top