
ހުޅަނގު އަންހެނުންގެ މިސްކިތް. މަރާމާތު ކުރެވެން ނެތިގެން މިސްކިތްވަނީ އުވާލާފައި / އީވީ ފޮޓޯ: ފާރިހް އަހްމަދު
އޭދަފުށީ ހުޅަނގު ސަރަހައްދުގެ އަންހެނުން ނަމާދުކުރުމަށް ހާއްސަކޮށްފައިވާ މިސްކިތް މިއަދުން ފެށިގެން ސަރުކާރުން އުވާލައްވައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުށީ ކައުންސިލުން ނެރެފައިވާ އިޢްލާނެއްގައި ވަނީ މިމިސްކިތް ސަރުކާރުން އުވާލެއްވީ މިސްކިތް މަރާމާތު ކުރެވޭވަރަށްވުރެ ބާވެ، ވީރާނާވެފައިވާތީ ކަމަށެވެ. އެއިދާރާއިން ބުނީ ހުޅަނގު އަންހެނުންގެ ނަމާދުގެއަކަށް ދެން ބޭނުންކުރާނީ ހުކުރު މިސްކިތާ އިންވެގެން އެމިސްކިތުގެ ގޯތިތެރޭގެ އުތުރު ސަރަހައްދުގައި ވަކިން ހަދާފައިވާ ބައިގައިކަމަށެވެ.
ހުޅަނގު އަންހެނުންގެ މިސްކިތް އުވާލުމާ ގުޅިގެން އޭދަފުށީގައި މިހާރު އަންހެނުންނަށް ހާއްސަކޮށް ހުންނާނީ 2 މިސްކިތެކެވެ. އެއީ މެދުސަރަހައްދުގެ އަންހެނުން ބޭނުންކުރާ މިސްކިތާ، އިތުމަތީ ސަރަހައްދުގެ އަންހެނުން ބޭނުންކުރާ މިސްކިތެވެ.
އޭދަފުށީ ކައުންސިލުން ބުނީ ކުރިން ހުޅަނގު އަންހެނުންގެ މިސްކިތުގެ މުދިމަކަށް ހުންނެވި ބޭފުޅާ މެދު ސަރަހައްދު އަންނެހުންގެ މިސްކިތު މުދިމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މެދު ސަރަހައްދު މިސްކިތުގެ މުދިމު މީގެކުރިން ރިޓަޔާކޮށްފައިވާތީ އެމިސްކިތަށް އިތުރު މުދިމަކު ސަރުކާރުން ލައްވާފައެއް ނުވެއެވެ.
އޭދަފުށީ ހުޅަނގު ސަރަހައްދު އަންހެނުންގެ މިސްކިތަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅު އޭދަފުށީ ސަކީނާ މަންޒިލް ޔޫސުފް މުހައްމަދުގެ އާއިލާއިން އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ޖަމިއަތުލް ވަފާއިން ދޭތެރެދޭތެރެއިން ކުރެއެވެ.