އެންސްޕާ އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ހަރަދުގައި ބޭރަށް ދާ މީހުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރު ލިބޭ ގޮތަށް، އަދި އެންސްޕާގެ އެހީގައި ފަރުވާއަށް ދާ މީހުންނަށް ވެސް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ވަރަށް ޑޮލަރު ލިމިޓު ބޮޑުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ބޭންކުތަކުން 1،000 ޑޮލަރު ހަމަޖެއްސުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް މިހާރު ލިބެނީ ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ.






