އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ކޮވިޑް ވެކްސިނެއްގެ ކަންތައް ހައްލުވާނެ: ނަސީމް

large_159855442932sOnE.jpg

އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ކޮވިޑް ވެކްސިނެއްގެ ކަންތައް ކޮންމެވެސް ގޮތަކަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ދައުލަތުގެ ބަޖެޓް 2021” ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ.

“މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ޖެނުއަރީ ނިމޭ ހިސާބު ނޫނީ ފެބްރުއަރީގައި ވެކްސިނެއްގެ ކަންތައް ވެސް ކޮންމެވެސް ގޮތަކަށް ހައްލުވާނެހެން. މިހާރު އަޅުގަނޑުމެން ޑަބްލިޔުއެޗްއާ ވެސް ވާހަކަދައްކަމުން މިގެންދަނީ. މިހާރު އަޅުގަނޑުމެން ވެކްސިން ސްޓޯރޭޖް ހަމަޖައްސަން އެބަޖެހޭ،” މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ލިބެނީ ބައިބަޔަށް ކަމަށާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށްފަހު އެކަހަލަ ގޮތަކަށް އާންމުވާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ވެކްސިނެއް ހޯދުމުގެ މަސައްކަތް ހަމަޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ގަތުމުގެ ޗާންސް ވެސް އޮންނާނެ. އެހެންވީމާ އަޅުގަނޑުމެންގެ މި ބަޖެޓުން އެކަންތައް ކުރެވޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ވާނީ ޓެސްޓެޑް އެއްޗެއް. މިކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް ބަޖެޓު ޖާގަ ދޭ.” މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ގިނަ ގައުމުތަކަކުން އަންނަނީ ކުރަމުންނެވެ. އެކި ގައުމުތަކުގެ ކުންފުނިތަކުން މިހާރު އަންނަނީ ވެކްސިން ތައްޔާރުކޮށް، ޓެސްޓުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އެންމެ ކާމިޔާބު ވެކްސިނެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ޕެފިޒާ އިން އުފައްދާ ކޮވިޑް ވެކްސިނެވެ.

ފައިޒާއިން އުފެއްދި ވެކްސިންގެ 300 މިލިއަން ޑޯޒް މިހާރުވެސް ޔޫރަޕިއަން ޔޫނިއަންއިން ވަނީ ގަނެެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top