މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށްފި

big_SU8TtRpcra1ecysm0ooXDCrDB.jpg

ފޮޓޯ: އަވަސް

ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ހިސާބުތަކުން ދޯނިތައް މަސްކިރަން އައުމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާތީ މިފްކޯއިން މަސްކިރުން ކޮންޓްރޯލް ކޮށްފި އެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދޮޅުމަސް ދުވަހު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރޭޖްތައް ފުރެމުން އަންނާތީ މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އާންމުކޮށް ހުކުރު ދުވަހު މަސް ނުކިރުވާ ކަމަށާއި ނަމަވެސް މަސްވެރިކަން ރަނގަޅުވެފައި ވާތީ ފާއިތުވި ހަތަރު ހުކުރުގައި ވެސް މަސްކިރުވައި ދިން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެކުންފުނިން ބުނީ، ގިނަ އަދަދެއްގެ މަސް ދޯނި ފަހަރުން އެކުންފުނީގެ މަސް ކިރުވާ ސެންޓަރު ތަކަށާއި ބޯޓުތައް ކައިރިއަށް ޖަމާ ވަމުން އަންނަ ކަމަށާއި، އެހެން ކަމުން މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން 05 ޓަނު މަސް ކިރުމަށް ނިންމާފައި ވާކަމަށެވެ.

އެހެން ނަމަވެސް މިހާރު ކިއު ނަންބަރު ދޫކޮށްފައިވާ ފަރާތްތަކުން މަސް ކިރުވާ ނިމެންދެން އެ ދޯނިފަހަރުން މަސް ކިރުމުގައި ކޮންޓްރޯލް އެއް ނުގެންގުޅޭނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ މަސްވެރިކަން ވރަށް ބޮޑަށް ރަނގަޅުވަމުން އަންނައިރު އެކަށީގެންވާ މިންވަރަށް މަސްވެރިން ބާނާ މަސް ނުކިރުވޭ މައްސަލައިގެ ސަބަބުން މަސްވެރިން އަންނަނީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން މިފްކޯއިން ބުނީ، މަސްވެރިން ބާނާ މަސް ކޮންޓްރޯލް ނުކޮށް ކިރުވޭނެ ނިޒާމުތައް ގާއިމް ކުރުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިހާރު އެކުންފުނިން ފަށާފައިވާ މަޝްރޫއުތައް ނިމުމުން އެކަމަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top