ތައިލެންޑަށް ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

thai-immigration-overstay.jpg

އޮމިކްރޮން ވޭރިއަންޓް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން 22 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ “ޓެސް އެންޑް ގޯ” ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ ފަރާތްތަކަށް “ޓެސްޓް އެންޑް ގޯ” ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން “ޓެސްޓް އެންޑް ގޯ” ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.

ނަމަވެސް 22 ޑިސެމްބަރުގެ ފަހުން ތައިޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ.

“ޓެސްޓް އެންޑް ގޯ” ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ ފަރާތްތަކުންވެސް އޮން އަރައިވަލް ޕީސީއާރު ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ޚަރަދުގައި ހިލޭ ހަދައިދޭޓެސްޓެކެވެ.

މީގެ އިތުރުން ތައިލެންޑުގެ މި ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެ ކަމަށްޓަކައި ދަތުރުކުރުމުގެ ކުރިން އުސޫލުތައް ރަނގަޅަށް ބެލުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައިވާ ދިވެހި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީ ކުރަންވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top