އަންނަ އަހަރު ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް ވަނީ ޕްލޭން ކުރެވިފައި: ނަހުލާ

6451e857e6f77b43fb581e94033bd2e0.jpg

އަންނަ އަހަރު ތުޅާދޫގައި އެއާޕޯޓެއް އެޅުމެއް ޕްލޭން ކުރެވިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ނަހުލާ ވިދާޅުވީ ތިން ރަށެއްގައި އެއަރޕޯޓް އަޅަން ޕްލޭންކޮށް އަންނަ އަހަރު ދެ ރަށެއްގައި މަސައްކަތް ފަށާނެ ކަމަށެވެ. މި ގޮތުން އަންނަ އަހަރު މަސައްކަތް ފަށާނީ ބިލެތްފައްސާއި މުލީގައިކަމަށް ނަހުލާ ވިދާޅުވިއެވެ. ތުޅާދޫގެ އެއާޕޯޓުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވިޔަސް ގިނަވެގެން 20 މިނެޓުތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ގާއިމުކުރަން ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މި ސަރުކާރުން ދަމަހައްޓާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މ. މުލީގައި ހަދާ އެއާޕޯޓާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތިރީސް މިނެޓުން ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ހދ. މަކުނުދޫއަކީ އެހެން ރަށްރަށާއި ވަކިން ދުރުގައި އޮތް ރަށަކަށްވުމުން ވައި މަގުން އެ ރަށަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިދިޔަ ދެ އަހަރުތެރޭ މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އޮޕަރޭޝަނަށް މިދިޔަ ދެ އަހަރުތެރޭ ގެނެވިފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ހއ. ހޯރަފުށީ އެއާޕޯޓު ވެސް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު ކުރީކޮޅު ޅ. މަޑިވަރު އެއާޕޯޓު ވެސް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.

“އެހެންވީމަ ރައްޔިތުންނަށް ވައިގެ މަގުން ދަތުރުފަތުރު ކުރުމަށްޓަކާ ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވާނެ ކަމަށް ގަބޫލުކުރަން” ނަހުލާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top