މޮހޮނަގެ ……ދިރިއުޅުމަކީ މިއީބާ !

DSCN3501.jpg

މުހައްމަދު ލަތީފު- ޔޫއެލް ކެފޭގައި. މިކެފޭ ހިންގުމުގައި އޭނާގެ ބައިވެރިވުން ބޮޑު. ފޮޓޯ : އީވީ

އޭނާ އާ ބައްދަލު ކޮށްލުމުގެ ބޭނުމުގައި ފޯނުކޮށްލުމުން ބުނީ މިހާރު މިއުޅެނީ މާލެއިން އައި ލޯންޗު ކައިރީގަ ކަމުގައެވެ. ގަޑިން އޭރު ތިނެއް ޖެހީއެވެ. 3:30 އަށް ޔޫއެލް ކެފޭއިން ބައްދަލުކުރާނީ ދޯއޭ ބުނެ ފޯނު ކަނޑާލީއެވެ. އެއީ އޭނާގެ ޅިޔަނުގެ ކެފޭއެވެ. މަރްހޫމް ބާގިރުގެ ދުނިޔޭގައި ބާގިރު ރަށުގައި ނުހުންނަ ދުވަސްވަރު އެތަން ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިތުރުން މިއަދުވެސް އޭނާއަކީ އެތަން ހިންގާ މެޝިންގެ ސޯބެކެވެ.

ބަރާބަރު ގަޑިއަށް ކެފޭއަށް ދިޔައިރު އޭނާ އިނީ ފޯނެއްގައެވެ. ދައްކަމުން ގެންދަނީ އައިޑީ ކާޑެއްގެ ވާހަކައެވެ. އެވާހަކައަށް ސަމާލުކަން ދެވުނެވެ.” އާނ. އާދޭ މާދަމާ . …އޭރުން އަނެއް ދުވަހު ލިބޭނެ……. މާލޭގައި ރައްޓެއްސަކު ހުންނަނަމަ 12 ޖެހުމުގެ ކުރިންވާނެ ނެޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވަން ……… އަހަރެން އެކަން ހަމަ ޖައްސާނަން. “

ފޯނު ބާއްވައިފިއެވެ.

އެނބުރިލާފައި އަހަންނާ ވާހަކަ ދައްކަން ހަމަފެށިތަނުން އަނެއްކާވެސް އޭނާގެ ނޮކިޔާ ބައްތި ރޯން ފަށައިފިއެވެ.

“އާނ. ޖާގަ އެބަހުރި………. ކިތައް ޖާގަ؟……….. ބަލާ ފޮނުވާ. !”

ނަސީބަކުން ވަރަށް ކުރު ކޯލެކެވެ. ފޯނު ބާއްވައިފިއެވެ.

މިއީ އޭދަފުށީ ދޭލިޔާގޭ މުހައްމަދު ލަތީފު (މޮހޮނަ)ގެ ވާހަކައެވެ. އޭދަފުށީގެ ހުރިހާ ޚަބަރެއް އެނގޭނެ ހަމައެކަނި މީހާއެވެ. އޭދަފުށި އެކަންޏެއް ނޫނެވެ. އަތޮޅު ތެރޭގައިވެސް މުހިއްމު ކަމެއް ހިނގާނަމަ އެކަމުގެ ފުރިހަމަ މައުލޫމާތު އެނގޭނެ އެކަކީ އޭނާ އެވެ. ކުރުކޮށް ބުނާނަމަ އޭނާ އަކީ ރަށާ އަތޮޅުގެ މައުލޫމާތު އަނގައިން އަނގައަށް ފޯރު ކޮށްދޭ ހަމައެކަނި މީޑިއާއެވެ. އޭދަފުށީގެ މީޑިއާ ސެންޓަރެވެ. އޭނާ ޚާއްސަވާ ގޮތަކީ މިއެވެ.

މުހައްމަދު ލަތީފް (މޮހޮނަ) އެންމެންނާ ގުޅޭ ތަފާތު މިޒާޖެއްގެ ވެރިއެއް / ފޮޓޯ މޮހޮނަ ފޭންބުކް ޕޭޖް

މުހައްމަދު ލަތީފް (މޮހޮނަ) އެންމެންނާ ގުޅޭ ތަފާތު މިޒާޖެއްގެ ވެރިއެއް / ފޮޓޯ މޮހޮނަ ފޭންބުކް ޕޭޖް

ވާހަކަ ރަނގަޅަށް ނުފެށި އުޅެނިކޮށް އެހެންމީހަކު އޭނާ ގާތަށް އައިސް އަހައިފިއެވެ.

” މޮހޮނާ ! މަސް ވިއްކާ ދޯންޏެއް އަންނާނީ ކޮން އިރަކުން ؟ “

“މަސްތައް ވިއްކާފައި މިހާރު އެދޯނި ފުރައިފި. ކަލޭ މާ ލަސް ކުރީނު. ދެން އެ ދޯނި އަންނާނީ އަނެއްކާވެސް އަންނަ ހަފްތާގައި.”

އޭނާ ހިނގައްޖެއެވެ.

އާ……ކީކޭ ! މޮހޮނަ އަހަންނަށް ސަމާލުކަން ދީފިއެވެ. ދައްކަން އައި ވާހަކަ ފެށުމުގެ ކުރިން އޭނާގެ މޫނުން ކޮންމެވެސް ވަރަކަށް ވަރުބަލި ކަން ފެންނަހެން ހީވެގެން އަހާލެވުނެވެ.”ދުވާލު ހަތަރުދަމު ތިގޮތަށް ދެކޮޅު ދެކޮޅަށް އަބަދު ހިނގާލަހިނގާލަ ހުއްޓާ މި ފެންނަނީ. ވަރުބަލި ނުވޭތަ ؟”

“އެއްގޮތަކަށްްވެސް.” ވަގުތުން ޖަވާބު ދިނެވެ. “ކީއްކުރަން ވާ ވަރުބައްޔެއް. މިއޮއް އުޅެވެނީނު. އެހެން ބުނެލި ތަނާ އޭނާގެ ކައިރިއަށް އަނެއްކާވެސް މީހަކު އައިސްފިއެވެ. އޭނާ އެހީ ގޭކައިރީގައި އެންޓަނާއެއް ހުންނަ ނަމަ އެގެއެއްގައި ދިރިއުޅޭ ބަޔަކަށް ރޭޑިއޭޝަންގެ އަސަރު ކުރާނެތޯއެވެ. ވަރަށް ކުރުކޮށް އޭނާގެ އަމިއްލަ ރާގުގައި ބުނެލިއެވެ. “ކަލޭއަކަށް ނެނގޭ!؟…… އާނ. އެހެންވެގެން މިހާރު މާލޭގައި ހުރި އެންޓަނާތައްވެސް ނަގައިގެން ތިލަފުށްޓަށް ބަދަލުކޮށްފި . “

ނަސީބަކުން އެމީހާ އިތުރުވާހަކައެއް ނޭހިއެވެ. އަހަރެން އިނީމާ ކަމަށް ވެދާނެއެވެ.

މިއީ އޭނާގެ އާދައެވެ. ކޮންމެ މީހަކާ ކޮންމެފަދަ ވާހަކަ ތަކެއް ދައްކަން އިނަސް އޭނާގެ ލޯ އެއްފަހަރާ ކިތަންމެ ދިމާއަކަށް އެނބުރޭނެއެވެ. އެއީ ކައިރީގައި އިން މީހާއަށް ގަދަރު ކުޑަކުރުމެއް ނުވަތަ ވާހަކަތަކަށް ޝައުގުވެރިނުވަނީއެއް ނޫނެވެ. އޭނާގެ އާދައެވެ. އޭނާގެ އަމިއްލަ ސްޓައިލެވެ.

މީހުންނާ ގުޅުން ރަނގަޅު، މުޖްތަމައުގައި ބޭނުންހިފޭ މީހެއްކަމުގައިވާ މޮހޮނައަކީ އާއްމުންގެ ގިނަ ބޭނުންތަކެއް ފުއްދައި ދިނުމުގައި އެންމެންގެ ވެސް އެހީތެރިއެކެވެ. އެހީތެރިކަމަށް ގޮވާލަންޖެހޭ މަގާމެއްގައި ހުރި މީހެކެވެ. ރަސްމީ ހައިސިއްޔަތުންނާ ނުރަސްމީ ގޮތުންވެސް މެއެވެ.

ބ.އަތޮޅު ކައުންސިލްގެ އިދާރާގައި އެސިސްޓެންޓް އިކޮނޮމިކް އޮފިސަރ ކަމުގެ މަގާމުގައި މިހާރު ހުރިނަމަވެސް ވޭތުވެދިޔަ 32 އަހަރު މިކަހަލަ ވަޒީފާ ތަކެއްގައި އުމުރުގެ ދެބައި ކުޅަ އެއްބައި ދުއްވާލާފައިވާ އިރު އޭނާގާތަށް ޚިދުމަތްހޯދަން އައި މީހުންނަކީ މަދު ބަޔަކަށް ނުވާނެއެވެ. އެގޮތުން އޭނާވަނީ އަތޮޅުގެ ގިނަ ބަޔަކާ ގުޅުން އުފައްދައި ގިނަ ރައްޓެހިންތަކެއްވެސް ހޯދާފައެވެ.

އޮފީސް މުވައްޒަފުން ތަކަކާއެކު މޮހޮނަ އަތޮޅުތެރެއަށް ކުރި ދަތުރެއްގެ ތެރެއިން. އަތޮޅު . އޮފީސް މަސައްކަތް ހަވާލުކުރާ ވަރަށްވުރެ އިތުރަށްވެސް އަދާކުރާކަމަށް ކައުންސިލުން ބުނޭ./ ފޮޓޯ: ފޭސްބުކް

އޮފީސް މުވައްޒަފުން ތަކަކާއެކު މޮހޮނަ އަތޮޅުތެރެއަށް ކުރި ދަތުރެއްގެ ތެރެއިން. އަތޮޅު . އޮފީސް މަސައްކަތް ހަވާލުކުރާ ވަރަށްވުރެ އިތުރަށްވެސް އަދާކުރާކަމަށް ކައުންސިލުން ބުނޭ./ ފޮޓޯ: ފޭސްބުކް

އައިޑީކާޑު ހަދައިދިނުމާއި ލައިސަންސް ކާޑު ހަދައިދިނުމާއި އޮޑިދޯނި ފަހަރުގެ ރަޖިސްޓްރީގެ ކަންތައް ތަކާއި ސަލާމަތީކަންތައްތައް ބެލެހެއްޓުމާއި އަރުވާލި މީހުންގެ ކަންކަން ބެލެހެއްޓުމާއި އަދިވެސް ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަކީ ރަސްމީ ވަޒީފާއެވެ.

މިއީ ރަސްމީ ވަޒީފާކަމަށް ވިޔަސް  އޭނާ ބުނަނީ އެކަން ކުރަނީ ލިބޭ މުސާރައަށް ބަލާފައި ނޫންކަމުގައެވެ. އެއިން ކަމެއް މީހަކަށް ކޮށްދެވިއްޖެނަމަ ލިބޭ އުފަލާ ހިތްހަމަޖެހުން މުސާރައާއި އަޅާ ނުކިޔޭނެކަމުގައެވެ. މި މޭރުމުން ވާހަކަ ދައްކަމުން މޮހޮނަ ބުނީ ރައްޔިތުންނާ މިހާ ގުޅުން ބޮޑު ވަޒީފާއެއްގައި އުޅޭތީއާ އަމިއްލަ އެހެނިހެން ކަންކަމުގައި އޭނާ އާ ގުޅަން ބޭނުންވާ މީހުން ގިނަކަމުން ފޯނު ނިއްވާލާފައި ނުބާއްވާނެކަމަށާއި އޭނާއާ ނުގުޅޭ އެއްވެސް ވަގުތެއް ނާންނާނެ ކަމުގައެވެ.

“ކޮންމެ ދުވަހަކުވެސް މަދުވެގެން ސަތޭކަ އެއްހާ ކޯލަށް ޖަވާބު ދޭން ޖެހޭ. ރަސްމީ ކަންކަމުގައާއި އަމިއްލަ ކަންކަމުގައި މީހުން ގުޅާނެ ވަރަށް. 24 ގަޑިއިރު އަހަރެން އިންނާނީ އޮންކޯލްގައި. އެކަމާހެދި މި ބައްތި ފޯނުގަނޑުވެސް ދުވާލަކު އެއް ފަހަރު ފުލް ކޮށް ޗާޖް ކުރިއަސް ކިރިޔާ މި ހިފަހައްޓާލެވެނީ.” ފޯނު ދައްކާލަމުން މޮހޮނަގެ ރަސްމީ ހިނިގަނޑާއެކު ބުނެލިއެވެ.

މައްސަލަ އަކީ އޮފީހުން ބޭރުގައި އުޅޭ މޮހޮނައާއި އޮފީހުގައި އުޅޭ މޮހޮނައާއި ތަފާތު ނޫންކަމެވެ. އޮފީހުގައި އުޅޭއިރު ރަސްމީ ހެދުމެކޭ އެއްފަދައިން މީހުންނާ މުއާމަލާތު ކުުރުމާއި އޮފީސްވަންތަކަން ހުންނަން ޖެހޭއިރު އޮފީހާއި އޮފީހުން ބޭރަކީ ތަފާތު ދެ މާހައުލެއްކަން ދެއްކުމަށް މޮހޮނައަށް ނޭނގުމެވެ.

މޮހޮނަ. އޮފީސް މުވައްޒަފުންނާއެކު ޕިކްނިކް ދަތުރެއްގައި މަޖާނަގަނީ. މުވައްޒަފުންނާ ގުޅުންބޮޑު މީހެއް / ފޮޓޯ: ފޭސްބުކް

މޮހޮނަ. އޮފީސް މުވައްޒަފުންނާއެކު ޕިކްނިކް ދަތުރެއްގައި މަޖާނަގަނީ. މުވައްޒަފުންނާ ގުޅުންބޮޑު މީހެއް / ފޮޓޯ: ފޭސްބުކް

އެއްވެސް މީހެއްގެ ކައިރީގައި އާދެ ވަޑައިގަންނަވަން ނުވަތަ ކިތަންމެ އިއްޒަތްތެރި ބޭފުޅެއްގެ އަރިހުގައި ވާހަކައެއް ދަންނަވަން ޖެހުނު ކަމަށް ވިޔަސް އޭނާ އެކަން ނަގާނީ ނިކަން އާދައިގެ ގޮތަކަށެވެ. ބަހުރުވަވެސް ހުންނާނީ ގިނަ ފަހަރު އާދައިގެ ގޮތުގައެވެ.  މިއާދަ ބަދަލުވޭތޯ އަތޮޅުވެރިންގެ ދައުރުގައި އެބޭފުޅުންވެސް އަދި އޭގެ ފަހުން އުފެދުނު އަތޮޅު ކައުންސިލްތަކުގެ ވެރިންނަށްވެސް ނުވިކަމަކީ އޭނާގެ އެ މިޒާޖު ބަދަލުކޮށްލުމެވެ.

ރަސްމީ ދާއިރާގައި އޭނާއާ އެކުގައި އެއް ސެކްޝަންގައި މަސައްކަތްކުރާ ގާތް އެކުވެރިންނަށް މިއީ މައްސަލައަކަށް ވިޔަސް އޭނާގެ މިއާދައިގެ ދިރިއުޅުން ކަމުދާ މީހުންވެސް މަދެއް ނޫނެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ.

ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައި ސަރުކާރުގެ ވަޒީފާއަށް ވަނުމަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މޮހޮނަ ސަރުކާރުގެ ވަޒީފާ އަދާ ކުރާތާ 32އަހަރު ވެގެން ދާއިރު ސަރުކާރާށާއި ރައްޔިތުންގެ ޚިދުމަތުގެ މި ދިގު ދަތުރު ގައި މޮހޮނައަށް މިހާ ހިސާބަށް އާދެވުމަކީ އޭނާ ބުނީ ދިރިއުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމުގައެވެ. އަތޮޅުގެ ވަރަށް ގިނަ ބަޔާކާ ގުޅުން ބަދަހިވެ ސަރުކާރުގެ ވެސް ގިނަ މުވައްސަސާތަކަކާ އެކު ރަނގަޅު ގުޅުމެއް އޮތުމުގެ ސަބަބުން ގިނަ ފަސޭހަތަކަކަށް މަގު ފަހިވެފައިވާ ކަމުގައެވެ.

 މޮހޮނަ ގާތް ރަހްމަތްތެރިއަކާއެކު. އޭނާއަކީ ރައްޓެހިންނާ ގުޅުންބޮޑު މީހެއް / ފޮޓޯ: ފޭސްބުކް

މޮހޮނަ ގާތް ރަހްމަތްތެރިއަކާއެކު. އޭނާއަކީ ރައްޓެހިންނާ ގުޅުންބޮޑު މީހެއް / ފޮޓޯ: ފޭސްބުކް

އޭނާ އާބެހޭ ގޮތުން ބ. އަތޮޅު ކައުންސިލްގެ އިދާރީ ވެރިއަކު ވިދާޅުވީ މޮހޮނައަކީ އޭނާއާ ހަވާލުކުރެވޭ ކޮންމެ ކަމެއްްވެސް ވަރަށް ފަރުވާ ތެރިކަމާ އެކު ކުރަމުން އަންނަ މީހެއް ކަމުގައެވެ. އަދި އެމަސައްކަތެއް ފުރިހަމަކުރަން ވާވަރަށް ވުރެ އިތުރަށް ވެސް ކުރާ ކަމުގައެވެ.

އޮފީސް ގަޑި ނިންމާލާފައި ދެން މޮހޮނަ ކުރަނީ ކޮން ކަމެއް ބާއެވެ؟

ދެން އޭނާ ފެންނާނީ އަނެއްކާވެސް އެހެން ދާއިރާ އަކުންނެވެ. ބައެއް ފަހަރު ޔޫއެލް ކެފޭއިންނެވެ. އަނެއް ބައި ފަހަރު ބަނދަރުމަތީގައި ސޭލަމް ލޯންޗް ކައިރިންނެވެ. ނުރަސްމީ ވަޒީފާ ފެށުނީއެވެ.

ކޮންމެ ބުރާސްފަތި ހޮނިހިރު ހޯމަ ދުވަހު އޭދަފުށީ ފާލަންކައިރީގައި ނިކަން ސިއްހަތު ރަނގަޅު ކޮށް ހުންނަ ދެބައި އުމުރުގެ މީހަކު ސޭލަމް ލޯންޗް ކައިރީގައި އެއްއަތުގައި ކަރުދާސްގަނޑެއް އަނެއް އަތުގައި ރުފިޔާ ތަކަކާއެކު އެއުޅޭ މީހަކީ މޮހޮނައެވެ. އޭނާ އެއަދާކުރަނީ ނުރަސްމީ ގަޑީގެ ޑިއުޓީއެވެ. ސޭލަމްގެ ހާބަރ މާސްޓަރގެ މަގާމުގައި ހުންނާތީތާއެވެ. އެލޯންޗަށް ފުރޭނީ އޭނާ ، އާނ! ނައްޓާލާށޭ ބުނެ ކެޕްޓަނަށް އަމުރު ކުރުމުންނެވެ.

dscn3317

ހަތްއަހަރުދުވަސް މާޒީކުރި މި ވަޒީފާގައި އޭނާއަށް ހިފަހައްޓާލެވުނީ ކުންފުނީގެ ވެރިންގެ ލޯތްބާއި އިތުބާރުވެސް  އޮތީމައެވެ. ހަމައެއާއެކު ރަނގަޅު އެއްޗެއްވެސް ލިބޭތީއާ އެކުގައިކަމަށް ގަބޫލު ކުރެވެއެވެ. .

ސޭލަމް ލޯންޗްސަވިސްގެ ޑިރެކްޓަރ އަބްދުﷲ ސަލީމު މޮހޮނައާ ބެހޭ ގޮތުން އީވީއާ ވާހަކަ ދައްކަމުން އެންމެ ފުރަތަމަވެސް ތައުރީފުގެ ބަސްތައް މޮހޮނަގެ އުނގަށް އޮއްސާލީއެވެ.
” މޮހޮނައަކީ ވަރަށް ބަރާބަރު މީހެއް. އެންމެ ލާންޗަކާއެކު ފެށި ސޭލަމްފެރީ ސަރވިސް، މިއަދު ކުރިއަށް ދެމިލާފައިވަނީ މޮހޮނަގެ ވަރަށް ބުރަ އަދި ވަފާތެރި ޚިދުމަތުގެ ސަބަބުންް .”

ސަލީމު ބުނީ އޭނާގެ އެންމެ ރަނގަޅު ސިފައަކީ ތެދުވެރިކަމާއެކު ، ކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކޮށްނިންމާލުން ކަމުގައެވެ.

seylam

ސޭލަމްގެ ކައްޕި ޒަހީނު މޮހޮނަ އާބެހޭ ގޮތުން ހުރިހާ ވާހަކައެއް ބުނެ ނިންމާލީ އެންމެ ޖުމްލައަކުންނެވެ.” މޮހޮނައަކީ ސަތޭކަ ފަންސާހުގެ މީހެއް. އޭނާ އަކީ ކުންފުނީގެ އެއް ތަނބު.”

ސޭލަމް ލޯންޗް ސަވިސްއިން ޓިކެޓްނަގައިގެން އާއްމުކޮށް ދަތުރުކުރާ މީހަކު ގާތު ސޭލަމް އިން ދަތުރުކުރަނީ ކީއްވެގެންތޯ އަހާލުމުންބުންޏެވެ.

“އަހަރެން ސޭލަމް ގައި ދަތުރުކުރަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުން. ފޯނުކޮށްލާފައި ބުނުމުން ހުރިހާ ކަމެއް ހަމަޖެހޭނެ. ގެންދާ ފޮށިގަނޑަކާ ބެހޭ ގޮތުންވެސް މާގިނަ ސުވާލެއް ނުކުރާނެ. ބަރާބަރު ގަޑިއަށް ފުރުމާއި އިންތިޒާމްތައް ވެސް ރަނގަޅުކަމުން .” ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މޮހޮނަ ފެންނާނީވެސް އާދައިގެ ގޮތަކަށެެވެ. އެހެންނަމަވެސް އޭނާގެ ހިތަކީ ބޮޑު ހިތެކެވެ. އެންމެ އަޅައިގަންނަ ރީތި ސިފައަކީ އަބަދުވެސް ހުންނާނީ ހިނިއައިސްފައެވެ. މީހުންގެ އެދުންތަކަށް އިޖާބަ ދިނުމުގައި ނަމޫނާއެކެވެ. ކުރާ ކަމެއް ކޮށްދެނީ ކޮށްދޭ ހިތުން ކަމަށް ނެވެ. ބުނާ އެއްޗެއް ބުނެލާނީވެސް އަނެކަކު އަންނާނެ ރުޅިއަކާއި ވާނެ ދެރައަކަށްވެސް ނުބަލައި ހަގީގަތާ އެއްގޮތަށެވެ. އެއެންމެން އޭނާއަށް ތައުރީފު ކުރަނީ އެހެންވީމައެވެ.

ރަށާ އަތޮޅުގައި ހިނގާ ކަންކަމުގެ ޚަބަރުތައް ހޯދުމާ މީސްމީހުން ކުރާ މަސައްކަތް ބަލައި އެކަމުގެ މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކުވެސް ކޮޅުކޮޅު މައްޗަށް އެއްވެސް ސަވާރީއަކާ ނުލާ ފައިމަގުގައި ހިނގާފައި އުޅެނީ އާއްމުންނާ ހަމައަށް އެޚަބަރުތައް ގެންގޮސްދިނުމަށެވެ. އާއްމުންނަށް ނޭގޭ ޚަބަރުތަކާއި ކޮންމެވެސް ވަރަކަށް އެނގޭ ޚަބަރުތަކުގެ ތަފްސީލު ވެސް އޭނާ ހޯދަނީ ހޫނުކަމާއެކު އެ ޚަބަރުތައް ހޯދަން ބޭނުންވާ މީހުންނަށް ދިނުމަށެވެ. އެއީ އޭނާގެ ހޮބީއެވެ. ނިކަން ކުރާ ހިތުން ކުރާ ކަމެކެވެ.

މޮހޮނަ އާއިލައާއެކު/ ފޮޓޯ: ފޭސްބުކް

މޮހޮނަ އާއިލައާއެކު/ ފޮޓޯ: ފޭސްބުކް

އުމުރުން 51 އަހަރުގެ މޮހޮނައާއެކު ކުރިއަށް ގެންދިޔަ އިންޓަވިއު ނިންމާލަމުން ދެތިން ސުވާލެއް އިތުރުކޮށްލީމެވެ.

އީވީ : އެއްވެސް މީހަކަށް ބުނެވިދާނެތަ ތީ ފޮނި މީހެކޭ ؟

ނުބުނެވޭނެ. ބުނެވޭކަށް ނުވެސް އޮންނާނެ.

އީވީ : މީހަކު ބުނި ކަމެއް ދުވަހަކުވެސް ނުކޮށްދެވި އޮންނާނެތަ؟

ނޯންނާނެ. އެއްވެސް މީހަކު މަށަކަށް ކަމެއް ނުކޮށްދޭ. އެކަމަކު އަހަރެންގެ ގާތު ކަމަކަށް އެދިއްޖެ މީހަކަށް ވިއްޔާ އެކަމެއް ކޮށްދީފަ އޮންނާނީ ހިތުން ރުހުމުން. ކޮށްދޭ ހިތުން

އީވީ : ބުނެވިދާނެ ތީ ރަނގަޅު ބައްޕައެކޭ ؟

ބުނެވިދާނެ.

އީވީ : ހަމައެހާމެ ރަނގަޅު ފިރިއެކޭ ؟

ނުކެރޭނެ އާއެކޭ ބުނާކަށް. އެއީ ގޭގަ އުޅެވޭލެއް މަދުކަމުން.

އެއާއެކު  ވަރުގަދަ ހުނުންގަނޑަކާ އެކު ވާހަކަ ނިންމާލިއެވެ. އެއީ އޭނާގެ ރަސްމީ ހިނި ގަނޑެވެ. އަހަރެންގެ ގާތަށްވެސް އައީ އަމަށަކު ހިންޏެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top